Roadha Mihaaru

ރިޓަޔާކުރި ޗެތުރީ އަލުން އިންޑިއާގެ ގައުމީ ޓީމަށް

މިދިޔަ އަހަރު ގައުމީ ޓީމުން ރިޓަޔާކުރި އިންޑިއާގެ ފުޓްބޯޅަ ލެޖެންޑް ސުނިލް ޗެތުރީ، މި މަހު އިންޑިއާގެ ގައުމީ ޓީމަށް އޮތް މެޗުތަކުގައި ކުޅެން، އަލުން ޓީމާ ގުޅެން ނިންމައިފި އެވެ.

ރިޓަޔާކުރި ޗެތުރީ އަލުން އިންޑިއާގެ ގައުމީ ޓީމަށް

މިދިޔަ އަހަރު ގައުމީ ޓީމުން ރިޓަޔާކުރި އިންޑިއާގެ ފުޓްބޯޅަ ލެޖެންޑް ސުނިލް ޗެތުރީ، މި މަހު އިންޑިއާގެ ގައުމީ ޓީމަށް އޮތް މެޗުތަކުގައި ކުޅެން، އަލުން ޓީމާ ގުޅެން ނިންމައިފި އެވެ.

އިންޑިއާގެ ކޯޗު މަނޯލޯ މާކުއޭޒް ވަނީ، މި މަހުގެ 19 ވަނަ ދުވަހު ދިވެހިރާއްޖެއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗާއި އަދި 25 ވަނަ ދުވަހު އޭޝިއަން ކަޕް ކޮލިފައިންގައި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ސްކޮޑުގައި، އުމުރުން 40 އަހަރުގެ ޗެތުރީ ހިމަނައިފަ އެވެ.

"އޭޝިއަން ކަޕަށް ކޮލިފައި ވުމަކީ އަހަރެމެންގެ އަމާޒު. ކުރިއަށް ހުރި މެޗުތަކަށް ބަލާފައި އަހަރެން ސުނިލް ޗެތުރީއާ މަޝްވާރާ ކުރިން، ޓީމު ވަރުގަދަކުރަން މަސައްކަތް ފަށާފައި ވާތީ އަލުން ޓީމާ ގުޅެން. އޭނާ އެއްބަސް ވުމުން ސްކޮޑުގައި ހިމެނީ،" މާކުއޭޒް ބުނެފައިވެ އެވެ.

މިހާރު ކުރިއަަށްދާ އިންޑިއަން ސުޕަ ލީގުގައި މިހާތަނަށް 23 މެޗުން 12 ގޯލު ޖަހައިގެން ޗެތުރީ އޮތީ ލަނޑު ލިސްޓުގެ ދެވަނައިގަ އެވެ.

އިންޑިއާ ގައުމީ ޓީމަށް 19 އަހަރު ކުޅުނު ޗެތުރީ ރިޓަޔާކުރީ މިދިޔަ އަހަރުގެ ޖޫން މަހު ވޯލްޑް ކަޕް ކޮލިފައިންގައި ކުވެއިތާ އެކު ކުޅުނު މެޗަށް ފަހު އެވެ.

ޗެތުރީ ގައުމީ ޓީމަށް ކުޅުން ހުއްޓާލިއިރު ވަނީ 146 މެޗުން 94 ލަނޑު ޖަހައިފަ އެވެ. ދުނިޔޭގެ ފުޓްބޯޅައަށް ބަލައިލާއިރު ޗެތުރީ އަށް ވުރެ ގިނައިން ގައުމީ ޓީމަށް ގޯލު ޖަހައިދީފައި ވަނީ އީރާންގެ ލެޖެންޑް އަލީ ދާއީ އާއި އާޖެންޓީނާގެ ތަރި ލިއޮނެލް މެސީގެ އިތުރުުން، ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.