Roadha Mihaaru

އެމްއެމްއޭ މެދުވެރިކޮށް ސަރުކާރަށް ފައިސާ ހޯދަނީ

އެމްއެމްއޭ އަށް ހުޅުމާލެ އިން ބިމެއް ގަނެގެން ސަރުކާރަށް ފައިސާ ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

އެމްއެމްއޭ މެދުވެރިކޮށް ސަރުކާރަށް ފައިސާ ހޯދަނީ
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

10 މާޗް 2025

އެމްއެމްއޭ އަށް ހުޅުމާލެ އިން ބިމެއް ގަނެގެން ސަރުކާރަށް ފައިސާ ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެކަމުގެ މަޝްވަރާތައް އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީއާ ދެމެދު އަންނަނީ ކުރަމުންނެވެ. އެ މަޝްވަރާތަކުގައި އެކި އަދަދުތަކާ މެދު މަޝްވަރާ ކޮށްފައިވީ ނަމަވެސް ސީދާ އަދަދެއް އަދި ސާފެއް ނުވެ އެވެ. އެ މަޝްވަރާތަކުގައި 8 ބިލިއަނާއި 14 ބިލިއަނާއި 20 ބިލިއަން ހޯދަން ވެސް ވާހަކަ ދެއްކެވުނު ކަމަށް ވެ އެވެ. އެކަމަކު، މިހާތަނަށް އެމްއެމްއޭގެ ބޯޑުން އެކަން ފާސްކޮށްފައިވާކަން ޔަގީނެއް ނުވެ އެވެ. އެފަދަ ބޮޑެތި ނިންމުންތައް އެމްއެމްއޭ އިން ނިންމާނީ ބޯޑު ބައްދަލުވުމަށް ފަހު އެވެ.

އެކަމާ ގުޅޭ މައުލޫމާތު އެނގޭ ބޭފުޅަކު ވިދާޅުވީ، އެމްއެމްއޭ އިން ހުޅުމާލެ އިން ބިމެއް ގަނެ، އެ ފައިސާ ހޯދަނީ ބޭރުން ފައިނޭންސް ނުލިބޭ މި ދަނޑިވަޅުގައި، މި އަހަރުގެ ބާކީ ހުރި ދުވަސްތަކުގައި ދައްކަން ޖެހޭ ދަރަނިތައް އަދާކުރުމަށް ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ. އޭނާ ވިދާޅުވީ، އެމްއެމްއޭ އިން އެޗްޑީސީ މެދުވެރިކޮށް ބިމެއް ގަތަސް، އެ ފައިސާ ދާނީ ސަރުކާރަށް ކަމަށް ވާތީ، އެއީ ފައިސާ ޗާޕުކުރުމުގެ މުއާމަލާތެކޭ ބުނެވޭނެ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން އެމްއެމްއޭ އިން މިހާތަނަށް ޖަވާބެއް ނުދެ އެވެ.

މި މަހާއި އަންނަ މަހު ދަރަނި އަދާކުރުމަށް ބޮޑެތި އަދަދުތަކުން ފައިސާ ދައްކަން އެބަހުއްޓެވެ. އޭގެ ތެރޭގައި 2021 ވަނަ އަހަރު ސަރުކާރުން ނެގި ސުކޫކުގެ ކޫޕަން ޕޭމެންޓުގެ ގޮތުގައި 25 މިލިއަން ޑޮލަރު (386 މިލިއަން ރުފިޔާ) އާއި އެސްބީއައި މެދުވެރިކޮށް ނަގާފައިވާ ޓީބޮންޑަކަށްވާ ފައިސާ ވެސް ހިމެނެ އެވެ. އަދި ބައެއް ބޭރުގެ އެހެން ފަރާތްތަކަށް ވެސް މި އަހަރު ދަރަނި އަދާކުރުމަށް ފައިސާ ދައްކަން ޖެހެ އެވެ.

މި އަހަރު ދަރަނި އަދާކުރުމަށް ގާތްގަނޑަކަށް 9 ބިލިއަން ރުފިޔާ ހޭދަކުރަން ޖެހެ އެވެ. އޭގެ ތެރޭގައި ބޭރު ފައިސާއިން ދައްކަން ޖެހޭ އަދަދު 100 މިލިއަން ޑޮލަރަށް ވުރެ އިތުރެވެ.

ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި ބަޖެޓު ސަޕޯޓަށް ބޭރުގެ ފަރާތްތަކުން 9.7 ބިލިއަން ރުފިޔާ ހޯދަން ޖެހޭނެ ކަނޑައަޅާފައިވެ އެވެ.