Roadha Mihaaru

އޭސީސީގެ ރައީސް ނަހަމަ ނުފޫޒު ބޭނުންކުރި ކަމަށް ވިދާޅުވެ ފަނޑިޔާރު އަޒްމިރަލްދާ އޭސީސީއަށް

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ ޖިނާއީ މައްސަލައެއް ބަލަމުންދާ ކަމަށް ބުނީ އޭސީސީގެ ރައީސް އާދަމް ޝާމިލް މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން ދޮގު މައުލޫމާތު ހިމަނައިގެން ކަމަށް ވިދާޅުވެ، ޝާމިލްގެ މައްސަލަ، އެ ފަނޑިޔާރުންގެ ތެރެއިން ޑރ. އަޒްމިރަލްދާ ޒާހިރު މިއަދު ހުށަހަޅުއްވައިފި އެވެ.

އޭސީސީގެ ރައީސް ނުފޫޒު ބޭނުންކުރި މައްސަލަ އޭސީސީއަށް
އާސިމާ ނިޒާރު
އާސިމާ ނިޒާރު

10 މާޗް 2025

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ ޖިނާއީ މައްސަލައެއް ބަލަމުންދާ ކަމަށް ބުނީ އޭސީސީގެ ރައީސް އާދަމް ޝާމިލް މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން ދޮގު މައުލޫމާތު ހިމަނައިގެން ކަމަށް ވިދާޅުވެ، ޝާމިލްގެ މައްސަލަ، އެ ފަނޑިޔާރުންގެ ތެރެއިން ޑރ. އަޒްމިރަލްދާ ޒާހިރު މިއަދު ހުށަހަޅުއްވައިފި އެވެ.

އޭސީސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ އަޒްމިރަލްދާގެ އިތުރުން ފަނޑިޔާރު މަހާޒު އަލީ ޒާހިރު އަދި ސުޕްރީމް ކޯޓުން މި ފަހުން އިސްތިއުފާ ދެއްވި ހުސްނުއްސުއޫދު ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ސަސްޕެންޑުކޮށްފަ އެވެ.

ނަމަވެސް، ފަނޑިޔާރުންނާ ގުޅޭގޮތުން އޭސީސީން ބަލަނީ ކޮން މައްސަލައެއް ކަމެއް މިހާތަނަކަށް ނުބުނެ އެވެ.

އެ ކޮމިޝަންގެ ރައީސް ޝާމިލްއަށް ފޮނުވި ސިޓީގައި އަޒްމިރަލްދާ ވިދާޅުވީ ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތަކުން ވަގުތީ ގޮތުން އޭނާ އެކަހެރިކުރިއަސް އޭނާގެ މައްޗަށް އެއްވެސް ތުހުމަތެއްގައި އެއްވެސް މައްސަލައެއް ބަލާކަން އޭސީސީން އަންގާފައިނުވާ ކަމަށެވެ. އަދި މިދިޔަ މަހުގެ 26 ގައި އޭސީސީން ފަނޑިޔާރުންގެ މައްސަލަ ބަލާ ކަމަށް ބުނެ ސިޓީ ފޮނުވާފައިވަނީ ވެސް އިޖުރާއަތުތަކާ އުސޫލުތަކުގެ ބޭރުންކަމަށް މީޑިއާތަކުގައި އާއްމުވެފައިވާ މައުލޫމާތުތަކުން ގަބޫލުކުރެވޭ ކަމަށް ބުނެފައިވެ އެވެ.

އެގޮތަށް މައިގަނޑު ފަސް ކަމެއް އަޒްމިރަލްދާގެ ސިޓީގައި ފާހަގަކުރައްވާފައިވެ އެވެ. އެއީ؛

- އޭސީސީން ޖޭއެސްސީއަށް ސިޓީ ފޮނުވާފައިވަނީ އާއްމު އުސޫލާ ހިލާފަށް ޖެމްސް މެދުވެރިކޮށް ނޫންކަމާއި އަތުން އަތަށް ސިޓީ ފޮނުވައިގެންކަން

- އޭސީސީން ފޮނުވި ސިޓީގައި ސިޓީ ނަމްބަރެއް ނެތްކަން

- އޭސީސީން އަޒްމިރަލްދާގެ މައްޗަށް ޖިނާއީ ތަހުގީގެއް ކުރަމުންދާކަމަށް ސިޓީއަކުން ޖޭއެސްސީއަށް އެންގިއިރު އޭނާގެ މައްޗަށް ޖިނާއީ ތަހުގީގެއް ކުރަން އޭސީސީން ނިންމާފައިނުވާކަން

- އޭސީސީގެ އިޖުރާއަތްތައް ތަރުތީބުވެފައިވާ ގޮތުން އަޒްމިރަލްދާއާ ގުޅޭގޮތުން ލިބިފައިވާ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ކަމަށް ބުނާ މައްސަލައިގައި ޖިނާއީ ތަހުގީގެއް އެ ކޮމިޝަނުން މިހާތަނަށް ވެސް ފަށާފައިނުވާކަމާއި މާޗް 4، 2025 އާ ހަމައަށް ވެސް މައްސަލަ އޮތީ އިވެލުއޭޝަން ނުވަތަ ޕްރީ އިންވެސްޓިގޭޝަން ސްޓޭޖުގައިކަން އަދި އެއީ ތަހުގީގުކުރުމަށް ފެށުމުގެ ކުރިން މައުލޫމާތު އެއްކުރުމުގެ މަރުހަލާކަން

- އަޒްމިރަލްދާގެ މައްޗަށް ޖިނާއީ ކުށުގެ މައްސަލައެއް ތަހުގީގުކުރަމުންދާ ކަމަށް ބުނެ ޝާމިލް ޖޭއެސްސީއަށް ދީފައިވަނީ ދޮގު މައުލޫމާތެއްކަން

އަޒްމިރަލްދާ ތުހުމަތުކުރެއްވި ގޮތުގައި ޝާމިލް މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން ފޮނުވި ސިޓީއަކީ، ސުޕްރީމް ކޯޓުގައި ތާވަލްކޮށްފައި އޮތް ޝަރީއަތެއް ހުއްޓާލައި ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވުމަށް ގާނޫނުއަސާސީއާ ހިލާފަށް ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވަން ކޮށްފައިވާ ކަމެކެވެ.

"އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް އާދަމް ޝާމިލް އެންޓި ކޮރަޕްޝަން ކޮމިޝަންގެ އާއްމު އިޖުރާއަތުތަކާ ހިލާފުވެ މަގާމުގެ ނުފޫޒު ނާޖާއިޒުގޮތުގައި ބޭނުންކުރައްވައި ސުޕްރީމް ކޯޓުގެ ޝަރީއަތެއް ހުއްޓާލައި ފަނޑިޔާރުން ސަސްޕެންޑުކުރުމަށް ސިޓީ ފޮނުއްވާފައިވަނީ ސުޕްރީމް ކޯޓުގައި އޮތް މައްސަލަ ކުރިއަށް ނުގެންދެވުމަށް މައްސަލަ ރައްދުވާ އެޓާނީ ޖެނެރަލްގެ ފަރާތުން ބޭނުންވާތީ އެ މަގުސަދު ހާސިލްކޮށްދިނުމަށާއި އަދި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ފަރާތެއް ކަމަށް އެ ކޮމިޝަންގެ ގާނޫނަށް ގެނެވުނު ތިން ވަނަ އިސްލާހުގައި ކަނޑައަޅާފައިވާތީ އަމިއްލަ މަގާމު ދިފާއުުކުރުމުގެ މަސްހަލަތުކަމުގައި ވެސް ދެކެމެވެ،" އެ ސިޓީގައިވެ އެވެ.

އެ ކަންކަމަކީ ރަސްމީ ހައިސިއްޔަތު ނުވަތަ އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް، އެކަމުގައި ތިމާއަށް އަދި މަންފާ ލިބެންނުޖެހޭ ފަރާތަށް މަންފާ ހޯދައިދިނުމުގެ މަގުސަދުގައި ކޮށްފައިވާ ކަމަކަށް ވާތީ ޖިނާއީ ކުށުގެ އެ އަމަލު އަވަހަށް ތަހުގީގުކޮށްދިނުމަށް އަޒްމިރަލްދާ ވަނީ އެދިވަޑައިގެންފަ އެވެ.