Roadha Mihaaru

ދިގު ވާހަކަ: ޑައިރީއަށް ފަހު - 9

ނުވަ ވަނަ ބައި

ދިގު ވާހަކަ: ޑައިރީއަށް ފަހު - 9

ނުވަ ވަނަ ބައި

އެހިސާބުން ޒިލާލުގެ ނަސީބު ރަނގަޅު ވާހަކަ ޙަމީދު ދައްކަން ފެށިއެވެ. ރަށު މީހުންވެސް އެވާހަކަ ދައްކާ ވާހަކައެވެ. މާލޭގެ މުއްސަނދި ވިޔަފާރިވެރިއެއްގެ ހުރި ހަމައެކަނި އަންހެން ދަރިފުޅާއި ކައިވެނިކުރި ވާހަކައެވެ. އެވާހަކަތައް އަޑުއަހަން ޒިލާލު އިނީ ވަރަށް ހެވިފައެވެ. އަމިއްލައަށް ފަޚުރުވެރިވެފައެވެ.

"މަ އޭރުވެސް ބުނީމެއްނު ދެރަގޮތެއް ނުވާނެއޭ ކެތްތެރިވާށޭ" ޙަމީދު ބުނެލިއެވެ. އެއީ އޭނާއާއި ގުރޭޝާއާއި މައްސަލަޖެހުނު ދުވަސްވަރު އޭނާ ޒިލާލުއަށް ދީފައިވާ ނަސޭޙަތެކެވެ. "މިހާރު ޤަބޫލުކޮށްފިން ދޯ"

ޒިލާލު ބޯޖަހާލިއެވެ. ޙަމީދު އަކީ އޭނާގެ ޅިޔަނަކަށް ވުމުގެ ކުރިންވެސް ޒިލާލު ބޭބެއެއްގެ ގޮތުގައި ދެކެމުން އަންނަ މީހެކެވެ. އޭނާގެ ދިރިއުޅުމުގައި ދިމާވި އެންމެ ބޮޑު ކަންތަކުގައި އޭނާއަށް ހިތްވަރުދީ ވަރަށް ނަސޭހަތް ދިނެވެ. ގުރޭޝާ ދެރަވެގެން ޒުހުދާގާތު ވާހަކަ ދެއްކިކަން ހަމީދުއަށް އިނގޭބާވައޭ ޒިލާލުގެ ހިތަށްއެރިއެވެ.

"އޭ! ކޯޗަކަށް ގެއްލިފައި ތީނީ؟"

ޒިލާލު ވިސްނުމެއްގައި އިންތަން ފެނުމުން ޙަމީދު އަހާލިއެވެ.

"މި ވިސްނާލީ... ޝިއު ބައްޕަ ބޭނުންވަނީ އަހަރެން އެފިހާރައަށް ދާން .. މިހާރުގެ ވަޒީފާއިން ކެނޑިގެން...." "ސަޅިއެއްނު!" ޙަމީދު ޖަވާބު ދިނެވެ.

އަދި އޭނާއަށް ތިއޮތީ ކުރިއަށްދާނެ މަގު ފެނިފައޭ ޒިލާވެސް ވިޔަފާރިވެރިއަކަށް ވުމުގެ ހުވަފެން ދެކެންފަށާށޭ އޭނާ ބުނެލިއެވެ.

"ހޫމް.. އެކަމު އަދި މުޅިން ގޮތެއް ނިންމަން ނޭނގިގެން މިހުންނަނީ... އަހަރެން ބޭނުންމެއްނޫން އެއްވެސް މީހެއްގެ ދަށުވާކަށް ޙަމީދުއަށް އެނގޭނެ އެކަން!" ޒިލާލު ބުނެލިއެވެ.

"އެޔޯ... ބަލަ ބަފާބެ ކައިރިއަށް މަސައްކަތްކުރަން ދިޔުން އެއީ ދަށުވުމެއް ނޫނެއްނު... އަނެއްކާ ޔަޤީންނުވަނީތަ ތި ކައިވެންޏާ...؟"

ޙަމީދުގެ ވާހަކަ ނުނިމެނީސް ޒިލާލު އަވަސް އަވަހަށް ނޫނެކޭ ބުނެލިއެވެ. އޭނާ ޖެހިލުންވަނީ އޭނާއަށް ވިޔަފާރިއާއި ބެހޭ އެއްކަމެއްވެސް ނޭނގޭތީ ކަމުގައި ބުނެލިއެވެ. އޭނާއަށް ހެދޭ ގޯހަކުން ވިޔަފާރިއަށް ގޮތެއް ވެއްޖިއްޔާ ކިހިނެތްހޭވާނީ ޒިލާލު އަހާލިއެވެ.

ޙަމީދު ފެށީ ހޭށެވެ. ޒިލާ ކަލެއަށްވާ ހަމަސާބަހޭ ބުނަމުންނެވެ.

ޑޮކްޓަރަށް ދައްކާ ކިޔުގައި އެންމެ މީހަކަށް ވެއްޖެޔޭ ބުނަން ޝިއުނާ ގުޅުމުން އެދެމީހުން އެކީގައި އައި.ޖީ.އެމް.އެޗް އަށް ދިޔައީއެވެ. ޒުހުދާއާއި އެކީގައި ޙަމީދު ޑޮކްޓަރު ކައިރިއަށް ވަނީމާ ޒިލާލުއާއި ޝިއުނާއާއި ދެމީހުން ގޮނޑިތަކުގައި އިށީނދެގެން ތިއްބެވެ. އެތަނުގައި ގިނައީ މާބަނޑު އަންހެނުންނެވެ. ބައެއް މީހުން އެމީހުންގެ ފިރިންނާއިއެކު އަނެއްބަޔަކު އެމީހުންގެ މަންމަ ގޮވައިގެންނެވެ. ޝިއުނާ ޒިލާލުގެ އަތުގައި ހިފާލާފައި ދުވަސް ކޮޅަކުން އެގޮތަށް އަހަރުމެން ދެމީހުންވެސް މިތަނަށް އަންނާނެ ދޯ އޭ ބުނެލިއެވެ.

އެދުވަހު ޙަމީދުއާއި ވާހަކަ ދެއްކުމަށްފަހު ޒިލާލު ގޮތްނިންމިއެވެ. އޭނާ މިހާރު ހުރި ވަޒީފާއިން ކެނޑިގެން ޝިއުނާގެ ބައްޕަ ކައިރިއަށް ފިހާރައަށް ދާން ނިންމި ވާހަކަ އެރޭ ޙަނީފު ގެއަށް ދުރުވީމާ އޭނާ ބުނެދިނެވެ. އެވަޤުތު ޙަނީފުގެ މޫނުމަތިން އުފާވެރިކަން ފެނިގެންދިޔައެވެ.

ޝިއުނާ ބޭނުންވީ ޒުހުދާމެން އެނބުރި ދާއިރު އެމީހުންނާއި އެކީގައި ރަށަށް ގޮސްލާށެވެ. ޒިލާލުއަށް ޗުއްޓީއެއް ނުލިބޭނެތީ ކައިވެނި ކުރީއްސުރެ ޙަނީމޫނަކަށްވެސް އެއްވެސްތާކަށް މަޖާކޮށްލާކަށްވެސް ނުދެވެއެވެ. ޝިއުނާ އޭނާގެ ބައްޕަ ކައިރީގައި އެ ޝަކުވާކުރިއެވެ. އެންމެފަހުން އެމީހުން ރަށަށްގޮސް އެނބުރިއައިސް ޒިލާލު މަސައްކަތް ފަށާގޮތަށް ނިމުނެވެ.

ފުރަން ބޯޓަށް އަރަން ގޮސްފައި، ޝިއުނާއާއި ޒުހުދާއާއި ދެމީހުން އެންމެ ފުރަތަމަ ބެލީ ފުލައިޓް ބެކްގުރައުންޑަށް ލާފައި ސެލްފީއެއް ނެގޭތޯއެވެ. އެދެމީހުން އަރިއަރިއަށް ހުއްޓި ފޮޓޯ ނަގާ ނިންމާފައި ބެލިއިރު ޙަމީދުއާއި ޒިލާލުއާއި ދެމީހުން ފުލައިޓަށް އަރާ ނިމިއްޖެއެވެ. ޝިއުނާއާއި ޒުހުދާއާއި ދެމީހުން ފުލައިޓަށް އެރީ އެންމެ ފަހު ދެމީހުންގެ ގޮތުގައެވެ. އެމީހުން ސިޑިން އަރަމުން ދިޔައީ އެކަމާ ހެމުންނެވެ.

"ޒުހޫ ހާސް ނުވޭ، މާބަނޑު މީހެއްވީމާ ސުލޯވިޔަސް އޯކޭ ވާނެ!" ސިޑިން އަރަމުން ޝިއުނާ ބުނެލިއެވެ. ސިޑިން އެންމެ މައްޗަށް އެރިއިރު އެތަނުގައި ހުރީ ރިޒްވީއެވެ. އޭނާއަށް ޝިއުނާ ފެނުމުން ހިނިތުންވެލައިގެން ބަލަން ހުއްޓެވެ.

"މިތަނުގަތަ؟" ޝިއުނާ އޭނާގެ ބޯޑިން ޕާސް ދައްކާލަމުން އަހާލިއެވެ. ރިޒްވީ ހިނިތުންވެލަމުން ބޯޖަހާލިއެވެ. އެމީހުން އެރިއިރު ޒިލާލުއާއި ޙަމީދުއާއި ދެމީހުން ތިބީ އެއްތާކު އިށީނދެގެންނެވެ. އެހެންކަމުން އެންމެ ކުރިމަތިން ހުސްކޮށް ހުރި ދެގޮނޑީގައި ޝިއުނާއާއި ޒުހުދާއާއި ދެމީހުން އިށީނެވެ.

"އެއީތަ އަނެއްކާ ކުރީގެ ބިޓަކީ؟" ޒުހުދާ އިށީނދެފައި ޝިއުނާކުރެން ސިއްރު ސިއްރުން އަހާލިއެވެ. ޝިއުނާ ޖަވާބު ދިނުމުގެ ކުރިން ރިޒްވީއާއި ދިމާލަށް ބަލައިލާފައި ހިނިތުންވެލެވުނެވެ. ނޫނެކޭ އެކަމަކު މިއީ އޭނާގެ ވަރަށް ގާތް ރައްޓެއްސެކޭ ޝިއުނާ ބުނެދިނެވެ.

"ރީތި ގޮލައެއް ދޯ؟" ޒުހުދާ ވަރަށް ސިއްރުން ބުނެލިއެވެ.

ޒުހޫ އަޅައިގަތީ ދޯ؟ ޝިއުނާ ލާނެއްގޮތަކަށް ބުނެލިއެވެ. "އަހަރެންގެ ސްޓައިލެއްނޫން އެއީކީ. އެއީ މާ އެހެން ލައިފް ސްޓައިލެއްގެ ބައެއް. އެއްވެސް އިރަކު ވާހަކަ ދެއްކިވެސް މީހެއްނޫން" ޝިއުނާ ހިނިގަނޑަކުން ވާހަކަ ނިންމާލިއެވެ.

އޭރު ރިޒްވީ ހުރީ ފުލައިޓްގެ ސޭފްޓި އިންސްޓްރަކްޝަން ކިޔައިދޭށެވެ. ޝިއުނާމެންނާއި ފުދޭ ވަރަކަށް ކައިރީގައެވެ. ޝިއުނާ ޒުހުދާއާއި ދިމާލަށް ބަލައިލުމާއިއެކު އޭނާއަށް އަޑުލައްވާ ހެވުނެވެ. އަވަސް އަވަހަށް އޭނާ އަނގަމަތީގައި އަތް އެޅިއެވެ.

ފުލައިޓް ނައްޓާލަން ތައްޔާރުވުމުން ރިޒްވީ އައިސް އެމީހުން ތިބި ފަޅި ނޫން އަނެއްފަޅީގައި ހުރި ގޮނޑީގައި އިށީނދެ ބެލްޓް އެޅުވިއެވެ. އެވަގުތު މިއީ މައްސަލައެއް ކަންނޭނގެއޭ ކިޔާފައި ޒުހުދާ އޭނާ ބަނޑުބޮޑު ވީއްސުރެ މާ ރީތި ފިރިހެނުން ހަމަ ފެންނަނީ ކަމުގައި ބުނެލިއެވެ.

ޝިއުނާ ގާތަށް ހިނިއައެވެ. އޭނާއަށް ރިޒްވީއާއި ދިމާލަށް ބަލައިލެވުނުއިރު އޭނާ އިނީ ބަލާށެވެ. ޝިއުނާ ނުތަނަވަސް ވިއެވެ. އަޒީމާގެ ކައިވެނިން ރިޒްވީ ތަޢާރަފުވެ، ސޯޝަލް މީޑިއާގެ ރައްޓެއްސަކަށް ވީފަހުން އެނާ ދޭތެރެ ދޭތެރެއިން ޙާލު އަޙުވާލު އަހާލާ ހަދައެވެ.

ޝިއުނާ އޭނާގެ ކައިވެންޏަށް ރިޒްވީއަށް ދަޢުވަތު ދޭނަމޭ ބުނެފައިވެސް އެންމެ ފަހުވަގުތު އޭނާއަށް ދަޢުވަތު ދޭހިތެއްނުވީއެވެ. ހައިޝަމް އޭނާއަށް ސިއްރުން އެއަންހެންކުއްޖާ ގޮވައިގެން ލަންކާއަށް ދިޔަދަތުރުގައި ރިޒްވީވެސް ބައިވެރި ވިއެވެ. އެހެންވީމާ އެއީ ޝިއުނާއަށް ހެޔޮއެދޭ މީހެއްކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އެހެންނޫނަސް އޭނާގެ ކައިވެނިން ރިޒްވީ ފެނިގެން ޒިލާލު އަނެއްކާވެސް ހިތްހަމަ ނުޖެހިގެން އެއްޗެއް ބުނާކަށްވެސް އޭނާ ބޭނުމެއްނުވިއެވެ.

ކުޑަހުވަދޫ ރަންވޭއަށް ފުލައިޓް ޖެއްސި އިރު ޝިއުނާގެ ހިތްއަވަސް ވެއްޖެއެވެ. އޭނާގެ ފިރިމީހާ އާއި އެކީގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ދެކެމުން އައި ހުވަފެން އެންމެފަހުން ހަޤީޤަތަކަށް ވަނީތާއޭ ހިތަށް އަރާފައެވެ.

ޒިލާލުމެން ރަށަށް ލެފިއިރު ފާލަން ކައިރީ ފުދޭ ވަރަކަށް މީހުން ތިއްބެވެ. އެންމެންހެން ޒިލާލުއަށް މަރުޙަބާ ކިއެވެ. ސައިދޭން ވާނެއޭވެސް ބުނަމުން ގެންދިޔައެވެ. ޒިލާލު ހުރީ ވަރަށް ފަޚުރުވެރި ވެފައެވެ. އޭނާ ޝިއުނާގެ އަތުގައި ހިފާލައިގެން ގެއާ ދިމާލަށް ހިނގައިގަތީ އެހިސާބުގައި ތިބި މީހުންނަށް ވަކިވަކިން ބަލަމުންނެވެ.

ގެއަށް ދިޔައިރު ސައި ހަދާފައި ހުއްޓެވެ. ކާމޭޒު މެދުގައި އައިސިން ޖަހާފައިވާ ކޭކެއްވެސް ހުއްޓެވެ. އޭގައި އޭނާއާއި ޝިއުނާގެ ނަން ޖަހާފައި އޮތެވެ. އަދި އެމީހުންގެ ގާތްތިމާގެ އެންމެން ކަހަލަ ގޮތަކަށް ގޭދޮށުގައި ތިއްބެވެ. އެއީ އޭނާގެ ކައިވެނީގެ އުފަލުގައި، މަރުޙަބާކިޔަން ރޭވި ރޭވުމެއްކަމަށް އާމިރާ ބުނެލިއެވެ.

"މިއީ އަސްލު އަހަރުމެންގެ އައު ފަހަރިއަށް ޢާއިލާއަށް މަރުހަބާ ކިޔަންވެގެން ހެދި ސަޔެއް... ޒިލާބެ ޖެހޭނެ އަދި އަހަރުމެންނަށް ކައިވެނި ސައި ދޭން!" ޝިއުނާ ކުރިން ނުދެކޭ ފިރިހެން ކުއްޖަކު އައިސް އެމީހުންނާއި ސަލާމްކުރުމަށްފަހު ވާހަކަ ދެއްކިއެވެ.

މިއީ ނާސިޙު އޭ ކިޔާފައި ޒިލާލު އޭނާ ތަޢާރަފު ކޮށްދިނެވެ. އެއީ ޒިލާލުމެންގެ ދެބެންގެ ދެދަރި ކުއްޖެކެވެ. އޭނާއަކީ ޑައިވަރެއް ކަމުގައި ޒިލާލު ކިޔައިދިނެވެ.

"ފެނުނީމަވެސް އިނގިއްޖެ ޒިލާގެ ތިމާގެ ކުއްޖެއްކަން... ވައްތަރު" ޝިއުނާ ހިނިތުންވެލަމުން ވާހަކަ ދެއްކިއެވެ.

އޭގެ އިތުރުންވެސް ޝިއުނާ ކުރިން ނުދެކޭ ދެތިން ކުދިންނާއި ދިމާވިއެވެ. އެ އެންމެން ވެސް ޝިއުނާއަށް މަރުހަބާކީ ހިނިތުންވުމާއި އެކީގައެވެ.

ޒިލާލުއަށް ގުރޭޝާ ރަށުގައި ނެތްކަން އެނގުމުން ހިތްހަމަޖެހުނެވެ. އެކަމަކު ހަމަ އެހިނދުކޮޅު އޭނާގެ ހިތަށް މާޔޫސްކަންވެސް ވެރިވެގަތެވެ. އޭނާ ޝިއުނާއާއިއެކީ އުފަލުގައި އުޅޭތަން ގުރޭޝާއަށް ނުފެންނާނެތީއެވެ.

އޭނާ ރައްޓެހިންނާއި ބައްދަލުކޮށް އަނގަތަޅާ ހަދާލަން ރަށުތެރެއަށް ނުކުތެވެ. ރަށު ގުރޫޕް ގޮވައިގެން ހޮޓަލަށްވަދެ އެންމެންނަށް ކޮފީ ދީ ހެދީ އޭނާގެ ޚަރަދުގައެވެ. ޒިލާލުއާއި ދިމާވާ ދޮށީ އުމުރުގެ މީހުންވެސް އޭނާއާއި ދިމާކުރަމުން ގެންދިޔައެވެ. 'ނަސީބު އައިސް އަތުގައި ހިފީއޭ' 'ރަންބިސް އަޅާ ކުކުޅެއް ހޯދީއޭ' 'މިހާރު ޒިލާވެސް މިއީ މާލޭ ބޭފުޅެއް ދޯއޭ' އެކަހަލަ އެއްޗެތި ކިޔާ ދިމާކުރަމުން ގެންދިޔައިރު ޒިލާލު ހީލަ ހީލާ އިނެވެ. މޯޑު އައިސް ޒިލާލު ކޮނޑުގައި ވަރަށް ބާރަށް ޖަހާފައި ނޫނޭ ކަލޭ ވަރަށް ގަދައޭ ބުނެލިއެވެ. "މަބުނީމެއްނު މަ އިނދެފައޭ ހުއްޓާލާނީ" އެޔާއިއެކު ޒިލާލު ބުނެލިއެވެ.

އޭރު ޒުހުދާގެ ގުރޫޕް ތިބީ ޖޯލިފަތީގައެވެ. ޝިއުނާއާއި އަނގަތަޅާށެވެ. ޝިއުނާގެ ފޯނުގައި ހުރި ފޮޓޯތައް އާމިރާމެންނަށް ދައްކަމުން ގެންދިޔައެވެ. އެހެންތިބެފައި ޒުހުދާ އެތެރެއަށް ވަން ވަގުތަކު އާމިރާއާއި މަމްދޫހާއާއި ދެމީހުން ގުރޭޝާގެ ވާހަކަ ފެށިއެވެ. ކައިވެނިރޭ އޭނާ ޑުރާމާ ޖެއްސިވާހަކައެވެ. މެއަށް ތަދެއް އަރައިގެން ރޮއެ، ތެޅި ފޮޅި ހޮސްޕިޓަލަށް ގެންދިޔަ ވާހަކައެވެ.

"އަދި އިނގޭތަ މަރިޔަންދައިތަ އެތާނގައި ހުރެފައި ބުންޏޯ ދެން ޒިލާލުއަށް ގުޅަންވެއްޖެ އެއްނުންހޯ" މަމްދޫހާ އާމިރާއަށް ކިޔައިދިނެވެ.

"އެއީ ގުރޭޝާގެ މާމަ... މިހާރު މުސްކުޅިކަމުން ވާނުވާއެއް ނޭނގޭނެ.. ދުވަސް އޮޅިފައި ހުންނަނީ .. މާ ފަހަތުގައި އަބަދުވެސް އުޅޭނީ" އާމިރާ އެހެން ބުނިތަނާ ޒުހުދާ އެނބުރިއައެވެ. އެހިސާބުން އެމީހުން އިތުރަކަށް އެވާހަކަ ކުރިއަކަށް ނުގެންދިޔައެވެ.

އެރޭ ޝިއުނާ އާއި ޒުހުދާ އާއި ދެމީހުން ފިހާރައަށް ދާންވެގެން ގެއިން ނުކުތްތަނާ މުސްކުޅި ވަރެއްގެ ފިރިހެނަކު އެމީހުންނާއި ދިމާލަށް އައެވެ. އޭނާ ޝިއުނާ އާއި ދިމާލަށް ވަރަށް ފަރުވާތެރިކަމާއިއެކު ބަލަހައްޓައިގެން ހުއްޓެވެ. އަދި ތިއީ ފަރީޝާގެ ދަރިފުޅު ދޯއޭ ބުނެލިއެވެ. ޝިއުނާއަށް އެއަށް އެއްޗެއް ބުނަން ނޭނގިފައި ހުއްޓާ ބޯހޫރާލާފައި ހަމަ ހީވަނީ ފަރީޝާ ފެންނަހެންނޭ ބުނެލިއެވެ. އަދި އިތުރު އެއްޗެއް ނުބުނެ ހިނގައިގަތީއެވެ. ޝިއުނާ ޒުހުދާގެ މޫނަށް ބަލައިލިއެވެ. އޭނާއަކަށްވެސް އެއީ ކާކުކަމެއް ނޭނގުނެވެ. އެއީ ހަމަ ގައިމުވެސް މިރަށު މީހެއްނޫނޭ ޒުހުދާ ސިއްރުސިއްރުން ބުނެލިއެވެ. އެ މީހާއާއި ބެހޭގޮތުން ވާހަކަ ދައްކަމުންގޮސް ގޯޅި އެޅިއެވެ. ކުއްލިއަކަށް ޒުހުދާ ޝިއުނާގެ ފުރަގަހަށް ވަދެ އޭނާގެ ގައިގަ އެލިގަތެވެ. ކަނާތްފަރާތުގައިވާ ގޭގެ ފާރުމައްޗަށް ވެއްޓިފައިވާ ކެޔޮފަތްތަކުގެ ތެރޭގައި ފޮރުވިގެން އޮތް ބުޅާ ޝިއުނާއަށް ފެނުނީ އެވަގުތު އެވެ.

"މަށަކަށް ނުކެރޭނެ ތިހެންދާކަށް!" ޒުހުދާ ޝިއުނާގެ އަތުގައި ހިފާ އައިކޮޅަށް އަނބުރާލަން މަސައްކަތްކުރިއެވެ. ޝިއުނާގެ މަންމަގެ ގެއިން ބުޅާ ގަޔާދިމާލަށް އައިފަހުން ކަޅުބުޅަލެއް ފެނުނީމާ ބިރުގަންނަނީ ކަމުގައި ޒުހުދާ ބުނެދިނެވެ.

އެވަގުތު ޝިއުނާގެ ހަނދާނަށް އައީ އޭނާގެ ގޭތެރެއިން މިހާރަކަށް އައިސް ދޭތެރެއަކުން ފެންނަ ބުޅަލެވެ. އެޔާއިއެކު އޭނާގެ ހިތުތެރެއަށްވެސް ކޮންމެވެސް ކަހަލަ ބިރުވެރިކަމެއް އިހުސާސް ވެގެންހިގައްޖެއެވެ. އޭނާވެސް ބޭނުންވީ އަވަހަށް އެތަނުން ދުރަށް ދާށެވެ.

ނުނިމޭ