Roadha Mihaaru

މުޒާހަރާކުރުމަށް ގާނޫނީ އިމުގެ ތެރެއިން ފުރުސަތު ދޭން އެޗްއާރުސީއެމުން ގޮވާލައިފި

ސުލްހަވެރިކަމާ އެކު، އެއްވެ އުޅުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގެއް ކަމަށާއި އެ ހައްގު ގާނޫނީ އިމުގެ ތެރެއިން ތަނަވަސްކޮށްދިނުމަށް ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން މިރޭ ގޮވާލައިފި އެވެ.

މުޒާހަރާއަށް ގާނޫނީއިމުގެތެރެއިން ފުރުސަތު ދޭން ޢެދިއްޖެ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

13 މާޗް 2025

ސުލްހަވެރިކަމާ އެކު، އެއްވެ އުޅުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގެއް ކަމަށާއި އެ ހައްގު ގާނޫނީ އިމުގެ ތެރެއިން ތަނަވަސްކޮށްދިނުމަށް ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން މިރޭ ގޮވާލައިފި އެވެ.

މި މަހުގެ ހަތަކުން ފެށިގެން މާލޭގައި ސިލްސިލާކޮށް އިދިކޮޅު އެމްޑީޕީން ކުރަމުންދާ މުޒާހަރާތައް މޮނިޓާކުރަމުންދާކަން ފާހަގަކޮށް އެޗްއާރުސީއެމުން ނެރުނު ބަޔާނުގައި ވަނީ މުޒާހަރާ ކަވަރުކުރާ މީީޑިއާތަކަށް ވެސް ހުރަސް ނާޅައި އެ ފުރުސަތު ދިނުމަށް އިލްތިމާސްކޮށްފަ އެވެ.

އެޗްއާރުސީއެމުން ވަނީ މުޒާހަރާގައި ބާރުގެ ބޭނުންކުރަންޖެހޭ ހާލަތުގައި ވެސް ގާނޫނީ އިމުގެ ތެރެއިން ބާރުގެ ބޭނުންކުރުމަށް ފުލުހުންނަށް ގޮވާލައިފަ އެވެ.

އެޗްއާރުސީއެމުން ބުނި ގޮތުގައި އެމްޑީޕީގެ މުޒާހަރާގައި ވަނީ ކުޑަ ކުއްޖަކަށް ނިސްބަތްކޮށް އެ ކުއްޖާގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ވާހަކަ ދައްކައިފަ އެވެ. އެގޮތަށް ކުއްޖެއްގެ ކަރާމާތާއި އަބުރަށް އުނިކަން ލިބޭ ގޮތަށް ވާހަކަ ދައްކާފައިވުމަކީ ހިޔާލުފާޅުކުރުމުގެ ނަމުގައި އެއްވެސް ފަރާތަކުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް ބަޔާނުގައި ބުންޏެެވެ.

އެޗްއާރުސީއެމުން ވަނީ އެފަދަ ކަންކަން ހުއްޓުވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް ކަމާ ގުޅޭ އިދާރާތަކަށް ގޮވާލައިފަ އެވެ.

އެ ކޮމިޝަނުން ބުނީ ކުޑަކުދިންނަކީ ހާއްސަ ރައްކާތެރިކަމެއް ގާނޫނުއަސާސީގައި ވެސް ދީފައިވާ ބަޔަކަށްވާއިރު އެކުދިންގެ ކަރާމާތާއި އަބުރަށް އުނިކަން ލިބޭ ފަދަ ގޮތަކަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން އެއްވެސް ފަރާތަކުން އަމަލުކޮށްގެން ނުވާނެ ކަމަށެވެެ.

އަދި ގާނޫނުއަސާސީން ލިބިދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުންކުރުމުގައި އެކަކު އަނެކާގެ ހައްގުތަކަށް އުނިކަން ނުލިބޭނެ ފަދަ ގޮތަކަށް ޒިންމާދާރުކަމާ އެކު އެ ހައްގުތައް ބޭނުންކުރުމަށް ވެސް އިލްތިމާސްކުރި އެވެ.

"ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްގާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ރައްޔިތުންނަށް ލިބި ދީފައިވާއިރު ހައްގުގެ ބޭނުން ކުރުމުގައި އެއްބަޔަކު އަނެއް ބައެއްގެ ހައްގަކަށް އަރައިނުގަނެ، އެކަކު އަނެކާގެ ކަރާމާތާއި އަބުރަށް އަރައިނުގަނެ، މި ހައްގުތައް ބޭނުންކުރުމާއި އެކަކު އަނެކާގެ ހައްގުތަކަށް އިހްތިރާމުކުރުމަކީ މުޖުތަމައުގެ ހަމަޖެހުމަށްޓަކާ މުހިއްމު ކަމެކެވެ." ބަޔާނުގައިވެ އެވެ.

އެޗްއާރުސީއެމުން ބުނި ގޮތުގައި އެމްޑީޕީގެ މުޒާހަރާތަކުގައި ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ވެސް ކުރިމަތިލުންތައް ހިނގި އެވެ. އަދި މުޒާހަރާގެ ބައިވެރިންނަށް ވެސް އަނިޔާވި އެވެ.

އެ ކޮމިޝަނުން ބުނީ އެއްވުންތަކުގައި ބައިވެރިވާ ފަރާތްތަކުން އަޑުގަދަކުރާ ބޭނުންކޮށް މާލޭގެ މަގުތަކާއި ގްރީން ޒޯން ހިމެނޭ ސަރަހައްދުތަކަށް ވަންނަން މަސައްކަތްކޮށްފައިވާކަމަށާއި އެ ސަރަހައްދުތަކަށް ވަނުމަށް އުޅުމުން ސަލާމަތީ ބާރުތަކުން ހުއްޓުވާފައިވާ ކަމަށެވެ.

އެހެންވެ، މުޒާހަރާކުރުމުގައި ސުލްހަވެރިކަން އިސްކޮށް އަދި މަގުތައް ބޭނުންކުރާ ފަރާތްތަކަށް ދަތިނުވާނެ ގޮތަށް އަމަލުކުރުމަށް މުޒާހަރާގެ ބައިވެރިންނަށް އެޗްއާރުސީއެމުން ގޮވާލި އެވެ.