Roadha Mihaaru
އެޗްއާރުސީއެމްގެ މަސައްކަތްތަކަށް އިދިކޮޅުގެ ތައުރީފް

އިންތިޚާބާ ގުޅޭ ގޮތުން އެޗްއާރުސީއެމްގެ މަސައްކަތްތަކަށް އިދިކޮޅުގެ ތައުރީފް

02 އޯގަސްޓް 2018

އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބާ ގުޅޭ ގިނަ މައްސަލަތަކެއް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން އިސް ނަގައިގެން ވެސް ބަލަމުން އަންނަ ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން އެ ކޮމިޝަނަށް މިއަދު ތައުރީފް ކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބާ ގުޅޭ ގިނަ މައްސަލަތަކެއް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން އިސް ނަގައިގެން ވެސް ބަލަމުން އަންނަ ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން އެ ކޮމިޝަނަށް މިއަދު ތައުރީފް ކޮށްފި އެވެ.

ރިޔާސީ އިންތިޚާބާ ގުޅޭ ތަފާތު މައްސަލަތަކާ ގުޅިގެން އެކަމުގެ ކަންބޮޑުވުންތައް، އެޗްއާރުސީއެމްގެ މެމްބަރުންނާ ހިއްސާ ކުރުމަށް ފަހު، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް ވިދާޅުވީ ރީ-ރަޖިސްޓްރޭޝަންގެ މުއްދަތު މި މަހުގެ 11 އަށް ހަމަވާއިރު، ފާހަގަކުރެވޭ ގިނަ މައްސަލަތަކެއް އެޗްއާރުސީއެމުން ވެސް އަމިއްލަ އަށް އިސް ނަގައިގެން ބަލަމުން އަންނަ ކަމަށް އެ ކޮމިޝަންގެ މެމްބަރުން ވިދާޅުވި ކަމަށެވެ.

އެ މައްސަލަތައް ބެލުމަށް ފަހު، އަންނަ މަހުގެ 23 ގައި އިލެކްޝަންސް ކޮމިޝަނުން ބާއްވަނީ މިނިވަން ނޫން އިންތިޚާބެއް ނަމަ އެ ކަން ޕާޓީތަކާ ހިއްސާ ކުރާނެ ކަމަށް އެޗްއާރުސީއެމުން ބުނި ކަމަށް ނިޔާޒް ވިދާޅުވި އެވެ.

އެ ކޮމިޝަނަށް އިދިކޮޅު ފަރާތްތަކުން ހުށަހެޅި މައިގަނޑު މައްސަލަތަކަކީ ރީ-ރަޖިސްޓްރޭޝަން ގައި މަކަރު ހެދުމާއި ސިވިލް ސާވަންޓުންގެ އެހީތެރިކަމާ އެކު، އިންތިޚާބަށް ރަޖިސްޓަރީ ކުރުމާއި ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފުން ވޯޓު ލުމަށް ހުރި ގޮންޖެހުންތަކެވެ.

"އިންތިޚާބުގެ ކުރިން މޮނީޓާ ކުރަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް [އެޗްއާރުސީއެމް] އިން ވިދާޅުވީ. އެ އަށް ފަހު، އަންނަ މަހު ބާއްވާ އިންތިޚާބަކީ މިނިވަން ނުވަތަ މިނިވަން ނޫން އިންތިޚާބެއްތޯ ވެސް ޕާޓީތަކާ ހިއްސާ ކުރާނެ ކަމަށް [އެޗްއާރުސީއެމް] އިން ވިދާޅުވި،" އެޗްއާރުސީއެމްގެ ރައީސް އާމިނަތު އީނާސް އަދި ނައިބު ރައީސް މުހައްމަދު ޒާހިދާ އެކު އިދިކޮޅު ކޯލިޝަނުން ބޭއްވި ބައްދަލުވުމާ ގުޅޭ ގޮތުން ނިޔާޒް ވިދާޅުވި އެވެ.

"މި ވަގުތު އެކަމާ ބެހޭ ގޮތުން އެއްޗެއް ދަންނަވަން އަވަސް ކަމަށް ދެންނެވި. އެހެން ނަމަވެސް ބަރާބަރަށް އިންތިޚާބާ ގުޅޭ ކަންކަން މޮނީޓާ ކުރަމުން އަންނަ ކަމަށް އެ ބޭފުޅުން ވިދާޅުވީ."

އިދިކޮޅު އިއްތިހާދުގައި ހަރަކާތްތެރިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގައި އިސްކޮށް އުޅުއްވާ އާމިނަތު ނާދިރާ ވިދާޅުވީ، އިންތިޚާބާ ގުޅޭ ކަންބޮޑުވުންތައް އެޗްއާރުސީއެމަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުގައި ހުރި މައުލޫމާތުތައް ވެސް، އެޗްއާރުސީއެމަށް ހުށަހެޅުމަށް އެ ކޮމިޝަނުން އެދިފައިވާ ކަމަށް ނާދިރާ ވިދާޅުވި އެވެ.

"ވަރަށް ރަނގަޅަށް ދިޔަ މީޓިން އެއް. އެ ބޭފުޅުންގެ މަސައްކަތްތަކުގައި ބޭނުންވާ އެއްބާރުލުމެއް ދޭނަން. ހުރި މައުލޫމާތުތައް ހިއްސާ ކުރާނަން، ދެން އަޅުގަނޑުމެން އެދެނީ ޕަބްލިކަލީ އެ ވާހަަކަތައް ދައްކައި ދޭން،" ނާދިރާ ވިދާޅުވި އެވެ.

"އާއްމުން ހޭލުންތެރިކުރުވަން ގިނަ މަސައްކަތްތަކެއް [އެޗްއާރުސީއެމުން] ކުރާކަން ފާހަގަކުރެވުނު. އެތައް ރައްޔިތުންގެ ހައްގުތަކާ ގުޅިފައިވާ ވާހަކަތަކެއް މިއީ. އެ މަސައްކަތްތައް ކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބޭފުޅުން ދެއްވައިފި. އުއްމީދު ކުރަނީ ވަރަށް ރަނގަޅަށް އިންތިޚާބުގެ ކަންކަން ބަލާނެ ކަމަށް،" ނާދިރާ ވިދާޅުވި އެވެ.

އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވެސް ވިދާޅުވީ، އިންތިޚާބު ބާއްވާއިރު މައްސަލަ އަށް ހައްލެއް ނުލިބި ވާ ނަމަ، އިންތިޚާބުގެ މިނިވަން ކަމެއް ނެތް ކަމާއި އިންސާފެއް ނެތް ކަމުގެ ވާހަކަ އެޗްއާރުސީއެމުން ދައްކާނެ ކަމަަށް ގަބޫލު ކުރެވޭ ކަމަށެވެ. ނަމަވެސް، ހާލަތު ބަދަލުވެ މިނިވަން އިންތިޚާބެއް ބޭއްވިދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިވަންކަމާ އެކު، އިންތިޚާބު ބޭއްވިދާނެ ކަމާ މެދު އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުންތައް ފާޅުކުރަމުންނެވެ. އަދި އިންސާފުވެރި އިންތިޚާބެއް މަގު ފަހިކޮށްދިނުމަށް އެދި ކަމާބެހޭ ފަރާތްތަކުގައި ވަނީ އެދިފަ އެވެ.