Roadha Mihaaru

އެޗްއާރްސީއެމުން ބުނީ ނަޝީދަށް ދިން ހަމަލާގެ މައްސަލަ ބަލާ ކަމަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ކުށްވެރި ނުކުރާ ކަމަށް، ހަމަލާގެ ތަހުގީގަށް ފާރަވެރިވާން އެމްޑީޕީން އުފައްދާފައިވާ "6 މެއި ކޮމިޓީ" އިން ބުނެފައި ވާތީ އެ ވާހަކަ އެ ކޮމިޝަނުން ދޮގުކޮށްފި އެވެ.

ނަޝީދަށް ދިން ހަމަލާގެ މައްސަލަ ބަލަން: އެޗްއާރްސީއެމް
ނަޖާހް މަސްއޫދު
ނަޖާހް މަސްއޫދު

18 ޖޫން 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ކުށްވެރި ނުކުރާ ކަމަށް، ހަމަލާގެ ތަހުގީގަށް ފާރަވެރިވާން އެމްޑީޕީން އުފައްދާފައިވާ "6 މެއި ކޮމިޓީ" އިން ބުނެފައި ވާތީ އެ ވާހަކަ އެ ކޮމިޝަނުން ދޮގުކޮށްފި އެވެ.

އެމްޑީޕީގެ "6 މެއި" ކޮމިޓީގެ ޗެއާ ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ރޭ ވިދާޅުވެފައި ވަނީ މީހެއްގެ ފުރާނަ ގެއްލޭ ފަދަ ކަމެއް ހިނގި އިރު އެކަމާ ގުޅިގެން އެޗްއާރްސީއެމްއިން ބަޔާނެއް ނެރުނު ކަމެއް ވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެފަދަ ކަމެއް ކުށްވެރި ނުކުރާ އިރު އެޗްއާރްސީއެމުން މަސައްކަތްކުރާ ކަމަށް ބަލައިގަންނާނީ ކިހިނެއްތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

އެކަމާ ގުޅިގެން އެޗްއާރްސީއެމުން މިރޭ ވަނީ ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެ ކޮމިޝަނުން އަމަލު ކުރި ގޮތް ހާމަކޮށް ދިފާއުގައި ބަޔާނެއް ނެރެފަ އެވެ.

އެ ކޮމިޝަނުން ބުނީ ހަމަލާ ދިން ރޭ 9:00 ގައި ރައީސް ނަޝީދުގެ ހާލުކޮޅު ބަލަން އެޗްއާރްސީއެމްގެ ޓީމެއް އޭޑީކޭ ހޮސްޕިޓަލަށް ދިޔަ ކަމަށެވެ. އޭގެ އިތުރުން، އެ ރޭ 11:30 ވަންދެން އެ ކޮމިޝަނުން ގެންދިޔައީ ހަމަލާއާ ގުޅިގެން ހޮސްޕިޓަލުގައި ކަން ހިނގި ގޮތް ބަލަމުން ކަމަށް ބުންޏެވެ.

ނަޝީދަށް ހަމަލާދޭން އައިއީޑީ ގޮއްވާލާފައި ވަނީ މެއި ހަ ވަނަ ދުވަހުގެ ރޭ 8:30 ހާއިރު އެވެ.

ހަމަލާ ކުށްވެރިކޮށް، މި ކުށުގައި ޝާމިލުވާ ފަރާތްތަަކަށް ހައްގު އަދަބު ދިނުމަށް ގޮވާލައި އަދި ހަމަލާ މޮނިޓާ ކުރަމުންދާކަން ހާމަ ކުރުމަށް އެ ކޮމިޝަނުން ހަމަ އެ ރޭ ޓްވީޓްކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ހަމަލާ ދިން ރޭ އެޗްއާރްސީއެމުން ކޮށްފައިވާ ޓްވީޓެއް

އޭގެ އިތުރުން ހަމަލާ ދިން ދުވަހުގެ އަނެއް ދުވަހުގެ ރޭ ވެސް ހަމަލާ ކުށްވެރިކޮށް، އެކަން މޮނިޓާ ކުރަމުންދާ ކަމަށް ބުނެ ބަޔާނެއް ނެރުނު ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

މިހާރު ވެސް ކޮމިޝަނުން ހަމަލާއާ ގުޅުންހުރި ކަންކަން ބަލަމުން ދާ ކަމަށް މިރޭ ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ހަމަލާއާ ގުޅިގެން ދައުލަތުގެ ކަމާ ގުޅުން ހުރި އިދާރާތަކުން އަމަލުކޮށްފައިވާ ގޮތާއި ކުރަމުންދާ މަސައްކަތް ބަލައި، ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށް މާލޭ ސިޓީ ކައުންސިލާއި ފުލުހުންނާއި ޕްލޭނިން މިނިސްޓްރީގެ އިތުރުން ޑިފެންސް މިނިސްޓްރީ އަށް ވެސް ލިޔުމުން ހުށަހަޅާފައިވާ ކަމަށް އެ އެޗްއާރްސީއެމުން ބުންޏެވެ. އެޗްއާރްސީއެމުން ބުނީ ޑިފެންސް މިނިސްޓްރީ ފިޔަވައި ހުރިހާ ތަނަކުން ވެސް އެދުނު މައުލޫމާތު ދީފައިވާ ކަމަށެވެ.

އެޗްއާރްސީއެމުން ބުނީ ހަމަލާއާ ގުޅިގެން ހާއްސަ ސަމާލުކަމެއް ދީގެން އެ ކޮމިޝަނުން މަސައްކަތް ކުރަމުން އަންނައިރު އަދި އެ ކޮމިޝަނުގެ ފަސް ވަނަ ދައުރުގައި މަސައްކަތް ހަރުދަނާ ކުރުމަށް ގިނަ ކަންތައްތަކެއް ކުރަމުން އަންނައިރު އިތުބާރު ގެއްލޭ ގޮތަށް އެއްވެސް ފަރާތަކުން ވާހަކަ ދައްކާ ނަމަ އެކަމާ ކަންބޮޑުވާ ކަމަށެވެ.

އެހެންވެ އެމްޑީޕީގެ "މެއި 6" ކޮމިޓީން އެ ކޮމިޝަނުން މައުލޫމާތު ހޯދުމެއް ނެތި އަދި ޓްވިޓާގައި އާންމުކޮށްފައިވާ މައުލޫމާތުތަކަށް ވެސް ބެލުމެއް ނެތި ހަގީގަތާ ހިލާފު ވާހަކަ ދައްކާފައިވާތީ ކަންބޮޑުވާ ކަމަށް ބުންޏެވެ.

މެއި ހަ ވަނަ ދުވަހުގެ ރޭ ނަޝީދަށް ހަމަލާ ދިނީ އެ މަނިކުފާނު ދިރިއުޅުއްވާ ގެކޮޅުން ނުކުމެވަޑައިގެން ކާރަށް އަރަން ވަޑައިގަންނަވަނިކޮށެވެ. އެ ހަމަލާ ގުޅިގެން ލިބުނު ޒަހަމްތަކަށް އަދިވެސް އަންނަނީ ފަރުވާ ހޯއްދަވަމުންނެވެ. މިހާރު ހުންނެވީ ފަރުވާ ހޯއްދަވަން ޖަރުމަނުގަ އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ފަސް މީހަކު ހައްޔަރުކޮށްފައިވާއިރު ފުލުހުން ބުނެފައި ވަނީ އެ އެންމެންނަކީ ވެސް ހަރުކަށި ފިކުރުގެ މީހުން ކަމަށެވެ.