Roadha Mihaaru
"ނޯޓީ 40" ގެ މިލަންދޫ ޝޫޓިން ނިންމާލައިފި

"ނޯޓީ 40" ގެ މިލަންދޫ ޝޫޓިން ނިންމާލައިފި

15 މާޗް 2017

އެންވިޝަން އެންޓަޓައިންމަންޓާއި ޔޫއްޕެ ޕްރޮޑަކްޝަން ގުޅިގެން ހަދާ ފިލްމް "ނޯޓީ 40" ގެ ށ. މިލަންދޫގެ ޝޫޓިން ނިންމާލައި، ބައެއް ތަރިން މާލެ އަތުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެންވިޝަން އެންޓަޓައިންމަންޓާއި ޔޫއްޕެ ޕްރޮޑަކްޝަން ގުޅިގެން ހަދާ ފިލްމް "ނޯޓީ 40" ގެ ށ. މިލަންދޫގެ ޝޫޓިން ނިންމާލައި، ބައެއް ތަރިން މާލެ އަތުވެއްޖެ އެވެ.

ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓް ކުރާ ފިލްމުގެ ޝޫޓިން އަށް މިލަންދުއަށް ކުރޫ ފުރީ މިދިޔަ މަހުގެ 15ގަ އެވެ.

"ނޯޓީ 40" ގެ ޕްރޮޑަކްޝަން މެނޭޖަރު އަދި ފިލްމުގެ މުހިއްމު ރޯލެއް ވެސް ކުޅޭ އަހުމަދު ސައީދު ބުނީ މިލަންދޫގެ ޝޫޓިން ނިންމައިލި އިރު، ފިލްމުގެ 90 ޕަސަންޓް މަންޒަރުތައް ނަގައި ނިމުނީ ކަމަށެވެ.

"އަހަރެމެން ހަމަ ރޭވި ގޮތަށް ވަރަށް ރަނގަޅަށް، ވަރަށް ބަރާބަރަށް މަސައްކަތް ކުރިއަށް ދިޔައީ،" އޭނާ ބުންޏެވެ. "ފާހަގަކޮށްލަން ބޭނުންވޭ މިލަންދޫގައި ފިލްމުގެ ވަރަށް ބޮޑު ބައި ޝޫޓްކޮށް ނިންމާލި އިރު މި ރަށުގެ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއި އެއްބާރުލުން ލިބުނު."

މިލަންދޫގައި ފިލްމުގެ މަންޒަރުތައް ނަގަމުން ދިޔަ އިރު، ހަ ލަވަ ހިމެނޭ ފިލްމުގެ ރަފް އެޑިޓިންއެއް ވެސް ވަނީ ހަދައިފަ އެވެ.

"ނޯޓީ 40" ގެ މިލަންދޫ ޝޫޓިންގެ ތެރެއިން.

"ނޯޓީ 40" ގެ މިލަންދޫ ޝޫޓިންގެ ތެރެއިން.

"ބޭނުން ވަނީ ދުރާލައި، ފިލްމުގެ މަސައްކަތް ވަރަށް ހަމަޖެހިލައިގެން ތިބެ ނިންމާލުން،" އޮގަސްޓް ދޭއްގައި އަޅުވާ ފިލްމާ ބެހޭ ގޮތުން ސައީދު ބުންޏެވެ.

އޭނާ އަދި ބުނީ ފިލްމުގެ ބާކީ މަންޒަރުތައް މާލޭގައި ނަގާނީ އަދި ތިން މަހެއްހާ ދުވަސް ފަހުން ކަމަށެވެ. އެއީ ޔޫއްޕެ އާއި ސައީދު އަދި މުހައްމަދު މަނިކު ކުޅޭ ކެރެކްޓާތަކުގެ ލުކްސް އަށް ބަދަލުތަކެއް ގެންނަން ޖެހޭތީ އެވެ.

"ނޯޓީ 40" ގެ މިލަންދޫ ޝޫޓިންގެ ތެރެއިން.

"ނޯޓީ 40" ގެ މިލަންދޫ ޝޫޓިންގެ ތެރެއިން.

"މަނިކާއި ޔޫއްޕެ އަދި އަހަރެންގެ ލުކްސް އަށް އެބަ ޖެހޭ ވަރަށް ބޮޑު ބަދަލެއް ގެންނަން. އެހެންވެ އެވަރަށް ތައްޔާރުވެގެން ފިލްމުގެ ދެން ނަގަން ޖެހޭ މަންޒަރުތައް ނަގާނީ،" ސައީދު ބުންޏެވެ.

ބޮޑު ކާސްޓެއް ހިމެނޭ "ނޯޓީ 40" ގެ ކާސްޓުންގެ ތެރޭގައި އަލީ ސީޒަން، ނިއުމާ މުހައްމަދު، ފާތުމަތު އާޒިފާ (އަޒޫ)، އިބްރާހީމް ޖިހާދު (ޖިމީ)، މަރިޔަމް އައްޒަ، އަލީ އާޒިމް (ދޮން އައްޔަ) އަދި ނުޒުހަތު ޝުއައިބް ފަދަ ތަރިން ހިމެނެ އެވެ.

"ނޯޓީ 40" ގެ މިލަންދޫ ޝޫޓިންގެ ތެރެއިން.

"ނޯޓީ 40" ގެ މިލަންދޫ ޝޫޓިންގެ ތެރެއިން.

މީގެ އިތުރުން ފިލްމުން އާ އެކްޓަރުންތަކެއް ވެސް ތައާރަފުވެގެން ދާނެ އެވެ.

"ނޯޓީ 40" އަކީ ނިއުމާ އާއި އިސްމާއީލް ޝަފީގް މިދިޔަ އަހަރު ގެނެސް ދިން "ބައިވެރިޔާ" އަށް ފަހު، އެ ދެ މީހުން ޕްރޮޑިއުސް ކުރާ ދެވަނަ ފިލްމެވެ.