Roadha Mihaaru
"ނޯޓީ 40"ގެ ފަސް އެކްޓަރަކަށް ބޮޑު ޗެލެންޖެއް

"ނޯޓީ 40"ގެ ފަސް އެކްޓަރަކަށް ބޮޑު ޗެލެންޖެއް

20 މާޗް 2017

އަންނަަ އޮގަސްޓްގައި ރިލީޒްކުރާ ފިލްމް "ނޯޓީ 40" އަކީ އެއްގޮތަކަށް ވެސް އާދައިގެ ފިލްމެއް ނޫނެވެ. މި ފިލްމަކީ މަޝްހޫރު އަދި ތަޖުރިބާކާރު އެކްޓަރުންތަކެއް އެކުގައި ފެންނާނެ ފިލްމެކެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންނަަ އޮގަސްޓްގައި ރިލީޒްކުރާ ފިލްމް "ނޯޓީ 40" އަކީ އެއްގޮތަކަށް ވެސް އާދައިގެ ފިލްމެއް ނޫނެވެ. މި ފިލްމަކީ މަޝްހޫރު އަދި ތަޖުރިބާކާރު އެކްޓަރުންތަކެއް އެކުގައި ފެންނާނެ ފިލްމެކެވެ.

އޭގެ ތެރޭގައި ޔޫސުފް ޝަފީއު (ޔޫއްޕެ)، ނިއުމާ މުހައްމަދު، އަލީ ސީޒަން، މުހައްމަދު މަނިކު އަދި އަހުމަދު ސައީދު ހިމެނެ އެވެ.

ޔޫއްޕެ ލިޔެ ޑައިރެކްޓް ކުރާ ފިލްމުގެ ބޮޑު ބައި ށ. މިލަންދޫގައި ޝޫޓްކޮށް ނިންމައި، ކްރޫ މާލެ އައި އިރު، ފިލްމުގެ ޗެލެންޖިން މަސައްކަތްތައް އަދި ކުރިއަށް އޮތީ އެވެ.

ހެއްވާ މަޖާ ހާދިސާތަކެއް ދައްކުވައިދޭ "ނޯޓީ 40" ގައި މީގެ މައިގަނޑު ފަސް ތަރިން ފެނިގެންދާ ރޯލްތައް ވަރަށް ތަފާތު ވާނެ އެވެ. މިލަންދޫގައި ނެގި މަންޒަރުތަކުގައި ޔޫއްޕެ، ނިއުމާ، ސީޒަން، މަނިކު އަދި ސައީދު ފެނިގެން ދާނީ 40 އަހަރުން މަތީގެ ކެރެކްޓާތަކެއް ދައްކުވައިދޭ ރޯލްތަކަކުންނެވެ.

"ނޯޓީ 40" ގެ ޝޫޓިންގައި ޔޫއްޕެ.

"ނޯޓީ 40" ގެ ޝޫޓިންގައި ޔޫއްޕެ.

އެ މީހުން ވަނީ އެ ރޯލްތަކަށް ބައެއް ބަދަލުތައް ގެނެސްފަ އެވެ. ފަަލުވުމުގެ އިތުރުން ބޯ ބާލަން ޖެހުމާއި ނުރަވުން ފަދަ ތަފާތުތައް އެ ރޯލްތަކުން ފެންނާނެ އެވެ. "ނޯޓީ 40" ގައި މި ފަސް ތަރިންގެ ވަރަށް ޒުވާން އުމުރުފުރައެއް ވެސް ދައްކުވައި ދޭން ޖެހެ އެވެ. އެހެންވެ މަސައްކަތް އަދި ކުރިއަށް އޮތީ އެވެ.

"ފިލްމުގައި އަހަރެމެން ދައްކަން ޖެހޭ ފޯޓީ ޕްލަސްގެ ކެރެކްޓާތަކުގެ މާލޭގެ ސީންތައް ދެތިން ދުވަހުގެ ތެރޭގައި ނަގައި ނިންމަން މިހާރު މި އަންނަނީ ތައްޔާރުވަމުން،" މިލަންދޫގެ ޝޫޓިން އަށް ފަހު، މިހާރު މާލޭގެ ޝޫޓިން އަށް ތައްޔާރުވަމުން އަންނަ ފިލްމާ ބެހޭ ގޮތުން، ޕްރޮޑަކްޝަން މެނޭޖަރު ސައީދު ބުންޏެވެ.

"ނޯޓީ 40" ގެ ޝޫޓިންގައި ނިއުމާ.

"ނޯޓީ 40" ގެ ޝޫޓިންގައި ނިއުމާ.

އޭނާ ބުނި ގޮތުގައި އެ މަންޒަރުތައް ނެގުމަށް ފަހު، އަސްލު ޗެލެންޖަކީ ކުރިއަށް އޮތް ދޮޅު މަސް ދުވަހެވެ. އެއީ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނައުމެވެ.

ކުރިން ނިންމާފައި އޮތީ އެ މީހުންގެ ޒުވާން އުމުރުގެ ބައިތައް ތިން މަސް ފަހުން ނަގާށެވެ.

"އެކަމަކު މިހާރު ނިންމާފައި މިއޮތީ ކުރިއަށް އޮތް ދޮޅު މަސް ދުވަހުގެ ތެރޭގައި ފިލްމްގެ ޝޫޓިން އެއްކޮށް ނިންމާލަން،" ސައީދު ބުންޏެވެ.

އޭނާ ބުނީ ފަސް މީހުން އެކީގައި ޖިމަށް ގޮސް ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށެވެ. އެއީ ފިލްމުގައި އެ މީހުން ދައްކަން ޖެހޭ 22-26 އަހަރާ ދެމެދުގެ ކެރެކްޓާއެއް ފިޓްވުމުގެ ގޮތުންނެވެ.

"މިލަންދޫ ޝޫޓިން ނިންމާލި އިރު ހާއްސަކޮށް އަހަންނާއި މަނިކު މި ވަނީ ވަރަށް ބޮޑަށް ފަލަވެފައި. އެއީ ހަމަ ކެރެކްޓާ އަށް ގެނައި ބަދަލެއް،" ސައީދު ބުންޏެވެ.

"ނޯޓީ 40" ގެ މަންޒަރެއްގައި ސައީދު.

"ނޯޓީ 40" ގެ މަންޒަރެއްގައި ސައީދު.

އޭނާ ބުނީ މިހާރު ލަންކާގައި އުޅޭ ސީޒަން ވެސް އެ މީހުންގެ ޖިމް ވޯކްއައުޓް ސެޝަނަށް ރާއްޖެ އައިސް އެކީގައި މަސައްކަތް ކުރާނެ ކަމަށެވެ.

"ބޭނުން ވަނީ ފަސް މީހުން އެކީގައި ޖިމަށް ގޮސް ކެރެކްޓާ އަށް ފިޓްވާ ވަރަށް އަވަހަށް ހަށިގަނޑަށް ބަދަލު ގެންނަން. އެކަން ވާނެ ކަމުގެ ޔަގީންކަން އެބަ އޮތް،" ސައީދު ބުންޏެވެ. "ހަށިގަނޑަށް ބަދަލު ގެނައުމުގެ އިތުރަށް މޭކަޕުން އަހަރެމެންގެ ޒުވާންފުރާ ވަރަށް ފުރިހަމަކޮށް ފިލްމުގައި ދައްކުވައި ދޭން މަސައްކަތް ކުރާނެ."

އޭނާ ބުނީ ދުވަސްވީ ކެރެކްޓާތައް ދައްކުވައިދޭ ބައިތައް ކުރިން ނަގަން ނިންމީ ވެސް ފަހުން، ހިކެން ހިތްވަރަކަށް ވާނެ ކަމަށް ބަލައިގެން ކަމަށެވެ.

"ނޯޓީ 40" ގެ މަންޒަރެއްގައި މަނިކު.

"ނޯޓީ 40" ގެ މަންޒަރެއްގައި މަނިކު.

އޮގަސްޓް 2 ގައި ނެރޭ "ނޯޓީ 40" ގެ ފަސްޓްލުކް ނުވަތަ ޓީޒާ ވަރަށް އަވަހަށް ބެލުންތެރިންނަށް ދައްކައިލުމުގެ ތައްޔާރީތައް މިހާރު ދަނީ ކުރިއަށެވެ.

ހަ ލަވަ ހިމެނޭ "ނޯޓީ 40" އަކީ ތަޖުރިބާކާރު އެކްޓަރުންނާ އެކު، މިހާރުގެ ޒުވާން ތަރިންނާއި އާ އެކްޓަރުން ވެސް ތައާރަފުވެގެން ދާނެ ފިލްމެކެވެ.

އިބްރާހީމް މޫސަ (ދަނބަ) ސިނަމޮޓޯގްރީ ފެނިގެންދާ ފިލްމުގެ ކާސްޓުންގެ ތެރޭގައި މަރިޔަމް އައްޒަ، ފާތުމަތު އާޒިފާ (އަޒޫ)، އަލީ އާޒިމް (ދޮން އައްޔަ)، ނުޒުހަތު ޝުއައިބް (ނުޒޫ) އަދި އިބްރާހީމް ޖިހާދު (ޖިމީ) ވެސް ހިމެނެ އެވެ.

"ނޯޓީ 40" ގެ މަންޒަރެއްގައި ސީޒަން.

"ނޯޓީ 40" ގެ މަންޒަރެއްގައި ސީޒަން.

އަހަރުގެ ބޮޑު ފިލްމުގެ ގޮތުގައި ޕްރޮމޯޓް ކުރާ "ނޯޓީ 40" އަކީ ނިއުމާ އާއި އިސްމާއީލް ޝަފީގް ޕްރޮޑިއުސް ކުރާ ދެވަނަ ފިލްމެވެ.