Roadha Mihaaru
ކުށްކުރާ ކުދިން ހުއްޓުވަން ބާރުގެ ބޭނުން ނުކުރެވޭ

ކުށްކުރާ ކުދިން ހުއްޓުވަން ބާރުގެ ބޭނުން ނުކުރެވޭތީ ފުލުހުން ކަންބޮޑުވެއްޖެ

18 މާޗް 2024

ކުށްކުރާ ކުޑަކުދިން ހުއްޓުވަން، ގާނޫނުތައް މިހާރު ހުރި ގޮތުން ބާރު ބޭނުން ނުކުރެވޭތީ ފުލުހުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުށްކުރާ ކުޑަކުދިން ހުއްޓުވަން، ގާނޫނުތައް މިހާރު ހުރި ގޮތުން ބާރު ބޭނުން ނުކުރެވޭތީ ފުލުހުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އިސްކަންދަރުކޮށީގައި އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސްގައި، ޕޮލިސް ކްރައިމްގެ އެކްޓިން ހެޑް، ޗީފް ސުޕްރިޓެންޑެންޓު އޮފް ޕޮލިސް އަހުމަދު ނާފިޒް ވިދާޅުވީ ކުޑަކުދިން ކުރާ ކުށްތައް ތަހުގީގުކުރާއިރު، ގާނޫނުތައް ބައްޓަންކޮށްފައި ހުރިގޮތުން އަދި އެ ގާނޫނުގެ ދަށުން ހަދާފައި ހުރި ގަވައިދުތަކުން ބައެއް އުނދަގޫތައް ދިމާވާ ކަމަށެވެ.

އެހެންވެ، އެ ކަންކަން ރަނގަޅުކުރަން ހޯމް މިނިސްޓްރީ އާއި އެޓާނީ ޖެނެރަލް އަދި ކަމާގުޅުންހުރި އެހެނިހެން އިދާރާތަކާ އެކު މަސައްކަތްކުރަމުން އަންނަ ކަމަށް ނާފިޒު ވިދާޅުވި އެވެ.

ކުޑަކުދިންގެ އަދުލުގެ ގާނޫނުގައިވާ ގޮތުން، ކުޑަކުއްޖަކު ހައްޔަރުކުރާއިރު ހަ ބާވަތެއްގެ އާލާތްތަކުގެ ތެރެއިން އާލާތެއް އެއްވެސް ހާލެއްގައި ކުއްޖަކު ހިފަހައްޓާއިރު ނުވަތަ ހައްޔަރުކުރާއިރު ނުވަތަ ކުޑަކުއްޖަކު ބަންދުގައި ބަހައްޓާފައި ހުންނައިރު ބޭނުންކޮށްގެންނުވާނެ އެވެ. އެ އާލަތްތަކުގެ ތެރޭގައި ހިމެނެނީ؛

- ވަޅި އާއި ބަޑި

- ބިޑި ނުވަތަ ދަގަނޑު ނުވަތަ ޗޭނު ނުވަތަ ހިލިހިލާ

- ޓޭޒާ ނުވަތަ އެފަދަ އެއްޗެއް

- ޕެޕާ ސްޕްރޭ ނުވަތަ އެފަދަ އެއްޗެއް

- ސްޓްރެއިޓް ޖެކެޓް

- ތަދު އިހުސާސްކޮށްދޭ އާލާތްތައް

އިސްކަންދަރު ކޮށީގައި ފުލުހުން އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އިސްކަންދަރު ކޮށީގައި ފުލުހުން އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނާފިޒު ވިދާޅުވީ ބޮޑެތި ކުށްތަކަށް އަރައިގަތް ކަމުގެ ތުހުމަތަށް ފުލުހުން ސީންތަކަށް ދާއިރު، ކިރިޔާ 18 ނުފުރޭ، ބޮޑެތި މީހުންނޭ ބުނުވޭ ހިސާބުގައި ވެސް ކުދިން ތިއްބަސް، ފުލުހުން އެންމެ އަސާސީ ގޮތެއްގައި ބޭނުންކުރާ އާލަތްތައް ބޭނުން ނުކުރެވޭ ކަމަށެވެ.

"...ސީންތަކަށް އެޓެންޑުވާއިރު ކުޑަކުދިން، ކުށްތަކޭ އަޅުގަނޑު މި ދެންނެވިކަމުގައި ވިއަސް އަޅުގަނޑުމެންގެ ތެރޭގައި 18 އަހަރު ކިރިޔާ ނުފުރި، 17 އަހަރާ 18 އަހަރާ ދޭތެރޭގައި ތބޭ ބޮޑެތި މީހުންނޭ ބުނެވޭ ހިސާބުގައި ތިބޭ ހަމަ ވަރުގަދަ، ހަށިގަނޑުގެ ގޮތުން ވެސް އަދި އެ މީހުންގެ ވިސްނުމާ ފިކުރު ހުންނަ ގޮތުން ވެސް ބޮޑެތި މީހުންނާ އެއްވަރަށް މަސައްކަތްކުރާ ކުޑަކުދިންގެ ގޮތުގައި އަޅުގަނޑުމެން ބަލާ އުމުރުގެ މީހުން ތިބޭ،" ނާފިޒު ވިދާޅުވި އެވެ.

"އެ ކަހަލަ ސީންތަކަށް އަޅުގަނޑުމެން އެޓެންޑުވާއިރު އަޅުގަނޑުމެން ބޭނުންކުރާ ކަހަލަ ބައެއް އާލަތްތައް...ބޭނުންކުރުމުގައި ހުރޭ ދަތިތައް ގާނޫނުތައް ހުރިގޮތުން، އެ ގާނޫނުތައް އިތުރަށް ރިވައިސްކޮށް ރަނގަޅުކުރުމަށްޓަކައި މަސައްކަތްކުރަމުން މި ދަނީ." އޭނާ ވިދާޅުވި އެވެ.

ގާނޫނުގައި މިހާރު ކަނޑައަޅާފައިވާ ގޮތުން، ކުޑަކުއްޖަކު ހައްޔަރުކުރަންވާނީ ނުވަތަ ބަންދުކުރަންވާނީ އެންމެ ފަހުގެ ފިޔަވަޅެއްގެ ގޮތުންނެވެ. އަދި އެ ގޮތަށް ކުއްޖަކު ހައްޔަރުކުރަންވާނީ، އެ ހާލަތެއް ލާޒިމުކުރާ އެންމެ ކުރު މުއްދަތަކަށް ކަމަށް ވެސް ބުނެ އެވެ. އަދި ކުއްޖަކު ބަންދުކުރަން ނިންމުމަކީ ކުއްޖާގެ ހާލަތަށް ރިއާޔަތްކޮށް، ގަވާއިދުން މުރާޖައާކުރެވޭ ނިންމުމަކަށް ވާންވާނެ ކަމަށް ބުނެ އެވެ.

ފެމިލީ އެންޑް ޗިލްޑްރަން ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިޓެންޑެންޓު އޮފް ޕޮލިސް އަބްދުﷲ ނަސީރު ވިދާޅުވީ ތަފާތު އެކި ކުށްތަކުގައި މިދިޔަ އަހަރު 130 ކުދިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ. އޭގެ ތެރެއިން 39 ކުދިން ހައްޔަރުކުރި ކަމަށް އޭނާ ވިދާޅުވި އެވެ.