Roadha Mihaaru
އިންފްލުއެންޒާ ވެކްސިނާއި ބޭހާއި މާސްކް އަދި ޓެސްޓްތައް

އިންފްލުއެންޒާ ވެކްސިނާއި ބޭހާއި މާސްކް އަދި ޓެސްޓްތައް

17 މާޗް 2017

ވެކްސިން އަކީ ވަރަށް ނާޒުކު އެއްޗެކެވެ. އެއީ އެ ރައްކާކޮށް ބެލެހެއްޓުމުގައްޔާއި އެއްތަނުން އަނެއްތަނަށް އުފުލައި ހެދުމުގައްޔާއި އަދި ނައްތާލުމުގައި ވެސް ވަރަށް ފަރުވާތެރިވާން ޖެހޭ އެއްޗެކެވެ. އެހެން ނޫންނަމަ އޭގެ ސަބަބުން ނޭދެވޭ އަސަރެއް ކުރުމަކީ ނުހަނު ގާތުގައިވާ ކަމެކެވެ. އޫރު ރޯގާގެ ނުރައްކާ ބޮޑުވެފައިވާ މިދަނޑިވަޅުގައި ބައެއް ފަރާތްތަކުން ރާއްޖެއިން ބޭރުން އޫރު ރޯގާ ވެކްސިނާއި ބޭހާއި މާސްކު ފަދަތަކެތި ގެންނަން މަސައްކަތް ކުރާކަން ފާހަގަކުރެވެ އެވެ.

ޑރ. މުހައްމަދު ޒިޔާދު ޑރ. މުހައްމަދު ޒިޔާދު

ވެކްސިން އަކީ ވަރަށް ނާޒުކު އެއްޗެކެވެ. އެއީ އެ ރައްކާކޮށް ބެލެހެއްޓުމުގައްޔާއި އެއްތަނުން އަނެއްތަނަށް އުފުލައި ހެދުމުގައްޔާއި އަދި ނައްތާލުމުގައި ވެސް ވަރަށް ފަރުވާތެރިވާން ޖެހޭ އެއްޗެކެވެ. އެހެން ނޫންނަމަ އޭގެ ސަބަބުން ނޭދެވޭ އަސަރެއް ކުރުމަކީ ނުހަނު ގާތުގައިވާ ކަމެކެވެ. އޫރު ރޯގާގެ ނުރައްކާ ބޮޑުވެފައިވާ މިދަނޑިވަޅުގައި ބައެއް ފަރާތްތަކުން ރާއްޖެއިން ބޭރުން އޫރު ރޯގާ ވެކްސިނާއި ބޭހާއި މާސްކު ފަދަތަކެތި ގެންނަން މަސައްކަތް ކުރާކަން ފާހަގަކުރެވެ އެވެ.

އޫރު ރޯގާ އަށް ބޭނުންކުރަނީ ކޮން ވެކްސިނެއް ހެއްޔެވެ؟

ތަފާތު ދެ ގޮތަކަށް ތައްޔާރު ކުރެވިފައިވާ ވެކްސިނެއް އޫރު ރޯގާ އަށް ބޭނުންކުރެވެ އެވެ. އެއީ މަރާލެވިފައި ނުވަތަ ކިލްޑް އިންއެކްޓިވޭޓަޑް އޫރު ރޯގާ ވެކްސިނާއި ދިރޭ (ނަމަވެސް ބާރުތައް ދަށްކުރެވިފައިވާ) ނުވަތަ ލައިވް އެޓިނުއޭޓަޑް އޫރު ރޯގާ ވެކްސިނެވެ.

އޫރު ރޯގާގެ ވެކްސިން ދެނީ ކިހިނެއް ހެއްޔެވެ؟

އޫރު ރޯގާ ވެކްސިން ތަފާތު ދެ ގޮތަކަށް ދެވެ އެވެ. އެއީ ނޭފަތަށް ކުރެވޭ ސްޕްރޭއެއްގެ ގޮތުގަ އާއި މަސްގަނޑަށް ޖަހާ އިންޖެކްޝަނެއްގެ ގޮތުގަ އެވެ. މިގޮތުން ނޭފަތަށް ސްޕްރޭއެއްގެ ގޮތުގައި ޖަހަނީ އޫރު ރޯގާ ލައިވް އެޓިނުއޭޓަޑް ވެކްސިން އެވެ. އަދި އިންޖެކްޝަނެއްގެ ގޮތުގައި މަސްގަނޑަށް ޖަހަނީ އޫރު ރޯގާ ކިލްޑް އިންއެކްޓިވޭޓަޑް ވެކްސިން އެވެ.

އޫރު ރޯގާ ލައިވް އެޓިނުއޭޓަޑް ވެކްސިން ދެނީ ކޮން ބަޔަކަށް ހެއްޔެވެ؟

މި ވައްތަރުގެ ވެކްސިން ދެނީ ސިއްހަތު ސަލާމަތުން ހުރި އުމުރުން ދެ އަހަރާއި 49 އަހަރާ ދެމެދުގެ މާބަނޑު ނޫން މީހުން އެކަންޏެވެ. އަދި މަސްތަކުގެ ބާރު ވަރަށް ބޮޑަށް ދަށްކޮށްލާ ބައްޔެއް ކަމުގައިވާ ގިލާން ބާރެއި ސިންޑްރޯމް ނުވަތަ ޖީބީއެސްއާ ގުޅުން ހުރި މީހުންނަށާއި ކުކުޅު ބިހަށާއި އަދި މި ނޫނަސް ވެކްސިންގެ އެއްވެސް ބާވަތަކަށް އެލާޖިކްވާ މީހުންނަށް މި ވެކްސިން ދިނުން ރަނގަޅެއް ނޫނެވެ.

އޫރު ރޯގާ ކިލްޑް އިންއެކްޓިވޭޓަޑް ވެކްސިން ދެނީ ކޮން ބަޔަކަށް ހެއްޔެވެ؟

މި ވައްތަރުގެ ވެކްސިން އުމުރުން ހަ މަހުން ފެށިގެން ގޮސް ކޮންމެ އުމުރުފުރައެއްގެ މީހަކަށް ވެސް ދެވިދާނެ އެވެ. އަދި މިއީ މާބަނޑު މީހުންނަށް ވެސް ދެވިދާނެ ވެކްސިން އެކެވެ. ނަމަވެސް މި ވެކްސިނަކީ ވެސް ޖީބީއެސްއާ ގުޅުން ހުރި މީހުންނަށާއި ކުކުޅު ބިހަށާއި ވެކްސިންގެ އެއްވެސް ބާވަތަކަށް އެލާޖިކްވާ މީހުންނަށް ދިނުން ރަނގަޅު ވެކްސިނެއް ނޫނެވެ.

އޫރު ރޯގާ ވެކްސިން ދިނުން އެންމެ މުހިއްމީ ކޮން ބަޔަކަށް ހެއްޔެވެ؟

މި ވެކްސިން ދިނުން އެންމެ މުހިއްމީ ހައިރިސްކް ނުވަތަ ވައިރަހުގެ ނުރައްކާ ބޮޑުވެދާނެކަމަށް އެންމެ ބޮޑަށް ލަފާކުރެވޭ މީހުންނަށެވެ. އެއީ މާބަނޑު މީހުންނާއި އުމުރުން ފަސް އަހަރުން ދަށުގެ ކުދިންނާއި 60 އަހަރުން މަތީގެ މުސްކުޅިންނާއި މާބަނޑު މީހުންނާއި މާ ބޮޑަށް ފަލަ މީހުންނާއި ދާއިމީކޮށް ބޮޑެތި އެކިއެކި ބަލިބައްޔަށް ބޭސްފަރުވާ ކުރަމުންދާ މީހުންނާއި ދިފާއީ ނިޒާމް ބަލިކަށި މީހުންނަށެވެ. ނަމަވެސް މިފަދަ މީހުންނަށް ދެނީ ހަމައެކަނި ކިލްޑް އިންއެކްޓިވޭޓަޑް އޫރު ރޯގާ ވެކްސިނެވެ.

ގާތުން ކިރުދޭ މައިންނަށް ދެނީ އޫރު ރޯގާގެ ވެކްސިންގެ ކޮން ވައްތަރެއް ހެއްޔެވެ؟

ދެ ވައްތަރުން ކުރެ ކޮންމެ ވައްތަރެއް ވެސް ދެވިދާނެ އެވެ. އެހެނީ ގާތުން ދޭ ކިރުގައި ވެކްސިނުގެ މާބޮޑު އަސަރެއް ހުންނަ ކަމަށް ތަހުލީލަކުން ވިޔަސް ނުވަތަ ދިރާސާއަކުން ވިޔަސް ދައްކާފައެއް ނުވެ އެވެ.

އޫރު ރޯގާ ވެކްސިން ރާއްޖެއިން ބޭރުން ގެންނަނަމަ ސަމާލުވާންވީ ކޮން ކަމަކަށް ހެއްޔެވެ؟

ވެކްސިން ގަންނަ ވަގުތުން ފެށިގެން ގޮސް، ވެކްސިން ޖެހެންދެން ވެސް ވެކްސިން އަށް ސަމާލުވާން ވާނެ އެވެ. ޚާއްޞަކޮށް މި ވެކްސިން ބަހައްޓަންޖެހޭ ފިނިހޫނުމިނުގައި ބެހެއްޓުމަށް ފަރުވާތެރިވާން ވާނެ އެވެ. އެއީ ޕްލަސް ދެ ޑިގްރީ ސެލްސިއަސް އާއި ޕްލަސް އަށް ޑިގްރީ ސެލްސިއަސްއާ ދެމެދުގެ ފިނިހޫނުމިނެކެވެ.

އެއްވެސް ހާލެއްގައި ވެކްސިން ގަނޑުކޮށްގެން ނުވާނެ އެވެ. އަދި މީގެ އިތުރުން ވެކްސިން އުފައްދާފައިވާ ފަރާތުން ވެކްސިނާއެކު ދޭ މައުލޫމާތުގެ ލިޔުން ރަނގަޅަށް ކިޔަންވާނެ އެވެ. އަދި ވެކްސިން އުފައްދާފައިވާ ތާރީޚާއި މުއްދަތު ހަމަވާ ތާރީޚް ވެސް ޗެކް ކުރަން ހަނދާން ކުރަން ވާނެ އެވެ.

އޫރު ރޯގާ ވެކްސިން ދިނުމުން ފެނިދާނެ ސައިޑް އިފެކްޓްސް ނުވަތަ ނުރަނގަޅު އަސަރުތަކަކީ ކޮބައި ހެއްޔެވެ؟

ވެކްސިން ޖަހާތާ އަށް ގަޑިއިރާއި 24 ގަޑިއިރު ދެމެދުގެ ވަގުތެއްގައި މަޑު ހުމެއް އައުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ވެކްސިން ޖެހިތަން ރަތްވެ، ދުޅަވެ، ތަދުވާ ގޮތް ވުމަކީ ވެސް ވެދާނެ ކަމެކެވެ. އަދި ވަރަށް މަދު ހާލަތެއްގައި ޖީބީއެސް ފަދަ ނުރައްކާތެރި ބައްޔެއް ޖެހުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ރިކޯޑުތަކުން ދައްކާ ގޮތުގައި މި ވެކްސިން ޖަހާފައިވާ ފަރާތްތަކަށް ޖީބީއެސް ޖެހިފައިވަނީ ވަރަށް މަދު މީހަކަށެވެ. އެއީ މިލިޔަނަކުން އެންމެ މީހެއް ނުވަތަ ދެ މީހަކަށެވެ.

ދިވެހިރާއްޖޭގެ ތުއްތު ކުދިންގެ ވެކްސިން ޕްރޮގްރާމްގައި އޫރު ރޯގާ ވެކްސިން ހިމެނޭ ހެއްޔެވެ؟

ނޫނެކެވެ. ނުހިމެނެ އެވެ. އޭގައި ހިމެނޭ ހިބް ނަމަކަށް ކިޔާ ވެކްސިން އަކީ އޫރު ރޯގާ ވެކްސިނެއް ނޫނެވެ. ނަމަވެސް އެއީ ހިމޯފިލަސް އިންފުލުއެންޒާ ޓައިޕް ބީ އަށް ދޭ ވެކްސިނެކެވެ.

ހައްޖަށާއި އުމްރާއަށް ދާ މީހުންނަށް ޖަހާ ވެކްސިންތަކުގެ ތެރޭގައި އޫރު ރޯގާ ވެކްސިން ހިމެނޭ ހެއްޔެވެ؟

އާއެކެވެ. ހިމެނެ އެވެ. އެހެންކަމުން މި ވެކްސިން ޖެހިތާ އަހަރެއް ނުވާނަމަ މާތް ﷲގެ އިރާދަފުޅާއި ރަހުމަތްފުޅުން އެ މީހަކަށް މި ރޯގާ އިން ރައްކާތެރިވެވުނީ އެވެ. ނުވަތަ ވަރަށް ބޮޑަށް ރައްކާތެރިވެވުނީ އެވެ.

އޫރު ރޯގާ ޖެހުމުގެ ކުރިން އޫރު ރޯގާ އަށް ބޭނުންކުރާ އެންޓި ވައިރަލް ބޭސް ބޭނުން ކުރެވިދާނެ ހެއްޔެވެ؟ އަދި މިކަމުގައި ސަމާލްވާންވީ ކޮންކަމަކަށް ހެއްޔެވެ؟

އޫރު ރޯގާ އަށް ކުރިން ބޭނުންކުރި ބައެއް ބޭސް މިހާރު ބޭނުމެއް ނުކުރެ އެވެ. ސަބަބަކީ އެ ބޭސްތަކަށް ނުގުޑާތީ އެވެ. ރެސިސްޓެންޓް ވެފައިވާތީ އެވެ. އަމަންޓަޑިން އަދި ރިމަންޓަޑިން އަކީ މިހާރު އޫރު ރޯގާ އަށް ބޭނުންކުރާ ބޭސްތަކެއް ނޫނެވެ. ނަމަވެސް ބައެއް އެހެނިހެން އިންފުލުއެންޒާ ބޭސްތަކުން އޫރު ރޯގާ އަށް ވަރުގަދަ ރައްދެއް ދޭކަން ވަނީ ފާހަގަކުރެވިފަ އެވެ. އާއްމު ގޮތެއްގައި މިފަދަ ބޭސްތައް ބަލި ޖެހުމުގެ ކުރިން ބޭނުން ކުރުމަށް ޞިއްހީ މާހިރުން އިރުޝާދެއް ނުދެ އެވެ. ނަމަވެސް އޫރު ރޯގާ ޖެހިފައިވާ މީހަކާ ގާތްގުޅުމެއް އޮވެ އެ ބަލިޖެހިދާނެ ކަމުގެ ބިރު ވަރަށް ބޮޑަށް ހީވެފައިވާ ނަމަ، ކުރިއަށް ބޭސް ކެއުމަކީ މައްސަލައެއް ނޫންކަމަށް ޞިއްހީ މާހިރުން ބުނެ އެވެ. އެހެން ނަމަވެސް ޑޮކްޓަރުންގެ ލަފަޔާއި އިރުޝާދު ހޯދުމެއް ނެތި އަމިއްލަ އަށް މިފަދަ ބޭސްތައް އެއްގޮތަކަށް ވެސް ބޭނުންކޮށްގެން ނުވާނެ އެވެ.

ސްވައިން ފްލޫ އަށް އެންމެ ރަނގަޅީ އެން 95 ރެސްޕިރޭޓަރީ މާސްކް

ސްވައިން ފްލޫ އަށް އެންމެ ރަނގަޅީ އެން 95 ރެސްޕިރޭޓަރީ މާސްކް

އާއްމުކޮށް ބޭނުންކުރާ މާސްކު ނުވަތަ ސާޖިކަލް މާސްކު އަޅައިގެން އޫރު ރޯގާއިން ރައްކާތެރިވެވިދާނެ ހެއްޔެވެ؟

އާއްމުކޮށް ބޭނުންކުރާ ސާޖިކަލް މާސްކުން ކޮންމެވެސް ވަރެއްގެ ރައްކާތެރިކަމެއް ލިބެ އެވެ. ނަމަވެސް އެއީ ކުޑަ މިންވަރެކެވެ. ކަންމިހެން ހުރި ކަމުގައި ވީ ނަމަވެސް ހުރިހާ އެންމެން ވެސް ރަނގަޅު މާސްކެއް ނުލިބިއްޖެ ހާލަތެއްގައި ސާޖިކަލް މާސްކު ބޭނުން ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ސްވައިން ފްލޫ އަށް އެންމެ ރަނގަޅީ އެން 95 ރެސްޕިރޭޓަރީ މާސްކް

ސްވައިން ފްލޫ އަށް އެންމެ ރަނގަޅީ އެން 95 ރެސްޕިރޭޓަރީ މާސްކް

ރަނގަޅީ ކޮން ވައްތަރެއްގެ މާސްކެއް ހެއްޔެވެ؟

މިކަމަށް ރައްކާތެރިވުމަށް ރަނގަޅީ އެން 95 ރެސްޕިރޭޓާ މާސްކެވެ. މިއީ އެމެރިކާގެ ސެންޓާސް ފޯ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ ) އިން ސެޓިފައިޑް ކޮށްފައިވާ މާސްކެކެވެ. މި މާސްކުން ވައިގެ ތެރޭގައި އުޅޭ ޖަރާސީމުތަކުގެ 95 ޕަސެންޓް ފުރާނާލަ އެވެ. ނަމަވެސް މީގެ ހަގީގީ ބޭނުން ފުރިހަމަ އަށް ލިބޭނީ މާސްކު އަޅަން ޖެހޭގޮތައް ރަނގަޅަށް އަޅައިގެންނެވެ. ނަމެއްގައި އަޅައިގެންނެއް ނޫނެވެ. މާސްކް ރަނގަޅަށް އަޅާނެ ގޮތް ދަސްކުރުމަށްޓަކައި ތިރީގައި މިވާ ދެ ވީޑިއޯ ލައްވާށެވެ.

އޫރު ރޯގާ ހުރިތޯ ބަލަން ހަދަނީ ކޮން ޓެސްޓެއް ހެއްޔެވެ؟

އޫރު ރޯގާ ދެނެގަތުމަށް ތަފާތު ވައްތަރުގެ ޓެސްޓް ހަދަ އެވެ. އޭގެ ތެރޭގައި ނޭފަތުން ނުވަތަ ކަރު ތެރެއިން ސްވޮބެއް (ބޮޑު ކަފަ ބުރެއް ފަދަ އެއްޗަކުން ތެތްކަމެއް ނުވަތަ ދިޔައެއް) ނަގައިގެން ހަދާ ޓެސްޓްތައް ފާހަގަ ކޮށްލެވެ އެވެ. އެގޮތުން މި ބަލި ދެނެގަތުމަށްޓަކައި އެންމެ އާއްމުކޮށް ހަދަނީ ރެޕިޑް އިންފުލުއެންޒާ ޑައިގްނޯސްޓިކް ނަމަކަށް ކިޔާ ޓެސްޓެވެ. މިއީ ގާތްގަނޑަކަށް 15 މިނެޓް ތެރޭގައި ނިންމާލެވިދާނެ ޓެސްޓެކެވެ. މި ޓެސްޓު ނެގަޓިވްވިޔަސް އޭގެ މާނަ އަކީ އިންފުލުއެންޒާ ވައިރަސް ހަށިގަނޑުގެ ތެރޭގައި ނެތް ވާހަކައެއް ނޫނެވެ. އެހެން ކަމުން ބަލި ފުރިހަމައަށް ދެނެގަތުމަށް އިތުރު އެހެން ޓެސްޓްތައް ވެސް ހަދަންޖެހެ އެވެ. ނަމަވެސް މި ޓެސްޓްތަކަކީ އެތަނެއްގައި އުޅޭ ހުރިހާ މީހުން ހިމެނޭގޮތައް ހަދަންޖެހޭ ޓެސްޓްތަކެއް ނޫނެވެ. އެހެނީ ފެންނަ އަލާމާތްތަކަށް ބަލައި، ފަރުވާ ފެށިދާނެ ކަމަށް ކަމުގެ މާހިރުން ވިދާޅުވެ އެވެ. ތިރީގައި މި ބަލައިލަނީ އިންފުލުއެންޒާ ވައިރަސް ހުރިތޯ ބަލަން ހަދާ ޓެސްޓްތަކާއި އެކަމަށްޓަކައި ލަފާކުރެވޭ ނުވަތަ ހޭދަވާ ވަގުތަށެވެ.

1. ރެޕިޑް އިންފުލުއެންޒާ ޑައިގްނޯސްޓިކް ޓެސްޓް (ގާތްގަނޑަކަށް 15 މިނެޓް)

2. ރެޕިޑް މޮލެކިއުލާ އެސޭ (ގާތްގަނޑަކަށް 20 މިނެޓް)

3. އިމިނޯފްލޯރެންސް، ޑައިރެކްޓް ނުވަތަ އިންޑިރެކްޓް (1- 4 ގަޑިއިރު)

4. އާރު ޓީ - ޕީސީއާރު: (1-8 ގަޑިއިރު ނުވަތަ އެއަށް ވުރެ ވެސް ގިނައިރު ވެދާނެ)

5. ރެޕިޑް ސެލް ކަލްޗާ: (1-3 ދުވަހުގެ މުއްދަތެއް)

6. ވައިރަލް ޓިޝޫ ސެލް ކަލްޗާ: (3- 10 ދުވަހުގެ މުއްދަތެއް)

ނޯޓް: ހާލަތު ނިޔާކުރާ ގޮތުން ނުވަތަ ވަޞީލަތްތައް ހުރި ނެތް ގޮތުން މަތީގައި ބަޔާންކޮށްފައިވާ ޓެސްޓްތައް ހެދުމަށް ހޭދަވާ މުއްދަތު އިތުރުވުމަކީ ވަރަށް އެކަށިގެންވާ ކަމެކެވެ. އެހެން ކަމުން ހުރިހާ އެންމެން ވެސް މި ކަންދަނެ ޞިއްހީ ފަރާތްތަކަށް އެއްބާރުލުން ދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަޅުގަނޑުމެންގެ ރާއްޖެ އަށް ޖެހިފައިމިވާ ނުރައްކާތެރި ރޯގާ އިން އަޅަމެން އެންމެން ސަލާމަތް ކުރައްވާށި އެވެ.

މައުލޫމާތު: ހެރިސަންސް ޕްރިންސިޕަލް އޮފް އިންޓާނަލް މެޑިސިން އަދި ސެންޓާސް ފޯ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ޔޫއެސްއޭ)، https://www.cdc.gov/flu/professionals/diagnosis/table-testing-methods.htm