Roadha Mihaaru
ތެލެސީމިއާ މީހުންނަށް އާސަންދައިން ވެކްސިން ޖަހައިދެނީ

ތެލެސީމިއާ އާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އާސަންދަ އިން ފްލޫ ވެކްސިން ޖަހައި ދެނީ

19 މާޗް 2017

ތެލެސީމިއާ އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އާސަންދައިގެ ފަރާތުން ފްލޫ ވެކްސިން ޖަހައިދޭން މިއަދު ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ތެލެސީމިއާ އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އާސަންދައިގެ ފަރާތުން ފްލޫ ވެކްސިން ޖަހައިދޭން މިއަދު ފަށައިފި އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މައުމޫން އަބްދުލް ސަމަދު ވިދާޅުވީ ތިން އަހަރުން މަތީގެ ކުދިންނާއި މީހުންނަށް، މިއަދު މެންދުރު ފަހު 2:00-6:00 އަށް ބިލަބޮންގް ސްކޫލު އަދި ހުޅުމާލޭ ހޮސްޕިޓަލްގައި ވެކްސިން ޖަހައިދިނުން އޮންނާނެ ކަމަށެވެ.

މިހާރު ރާއްޖޭގައި ހަލުއިކަމާ އެކު ފެތުރެމުންދާ ހުމުގެ ރޯގާ ކޮންޓްރޯލް ވަންދެން، ވެކްސިން ޖެހުން އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ ތެލެސީމިއާ އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އާސަންދަ އިން ފްލޫ ވެކްސިން ހިލޭ ޖަހައިދޭން ނިންމީ، އެއީ ތަފާތު ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ މީހުންނަށް ކަމަށް ވުމާއި ހުން ޖެހިއްޖެ ނަމަ، ރިސްކް ހައި މީހުންގެ ތެރޭގައި ހިމެނޭތީ ކަމަށެވެ.

"މިއީ ހާއްސަ ހާލަތެއް ވީމަ، އަޅުގަނޑުމެން ވެކްސިން ގެނެސްގެން މި ޖަހައި ދެނީ،" މައުމޫން ވިދާޅުވި އެވެ.

ސްވައިން ފްލޫ ނުވަތަ އެޗްއެން1 ގެ ނުރައްކާ ބޮޑު މީހުންގެ ތެރޭގައި މާބަނޑު މީހުންނާއި ލޭގެ މައްސަލަތައް ހުންނަ ކުޑަކުދިންނާއި ބޮޑެތި މީހުންނާއި ދިފާއީ ނިޒާމް ބަލިކަށި މީހުން އަދި ދާއިމީ ބައްޔަކަށް ބޭސްފަރުވާ ކުރާ މީހުން ހިމެނެ އެެވެ.

މައުމޫން ވިދާޅުވި ގޮތުގައި، މޯލްޑިވިއަންގެ ކްރޫ އަދި ކެޕްޓަނުންގެ ތެރެއިން 50 މީހެއްގެ ގަޔަށް ވަނީ ވެކްސިން ޖަހައިފަ އެވެ. އަދި ސީ އެމްބިއުލާންސްގައި މަސައްކަތް ކުރާ މީހުންނަށް ވެސް ވެކްސިން ޖަހައިދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ރަށްރަށުގައި ތިބި ތެލެސީމިއާ އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވެސް ވެކްސިން ދޭން ފޮނުވުމުގެ މަސައްކަތް ކުރާނެ ކަމަށް މައުމޫން ވިދާޅުވި އެވެ.

ރާއްޖޭގައި ހުމާއި އަރިދަފުސް ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ވެސް އިތުރުވަމުން ދާއިރު، 123 މީހަކު ވަނީ އެޗް1އެން1 އަށް ޕޮޒިޓިވް ވެފަ އެވެ. އަަދި އެ ބަލީގައި ދެ މީހަކު މިހާތަނަށް ވަނީ މަރުވެފަ އެވެ.

ރާއްޖޭގައި ހުމާއި އަރިދަފުސް ރޯގާ ޖެހޭ މީހުންގެ އެވްރެޖް ނިސްބަތަަކީ ހަފުތާއަކު 3،000 މީހުންނެވެ. ނަމަވެސް މި އަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅު މި ނިސްބަތް އިތުރުވާން ފެށި އެވެ. އަދި މިހާރަކަށް އައިސް، އެވްރެޖް ގޮތެއްގައި ހަފުތާއަކު 5،000 އަށް ވުރެ ގިނަ މީހުންނަށް ހުމާއި އަރިދަފުސް ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާފައިވާ ކަމަށް ރިކޯޑްތަކުން ދައްކަ އެވެ.