Roadha Mihaaru
ފްރާންސް ޕޮލިހެއް އައިއެސް އިން މަރާލުމަކީ ޓެރަރިޒަމް

ފްރާންސް ޕޮލިހެއް އައިއެސް އިން މަރާލުމަކީ ޓެރަރިޒަމް: ދާޚިލީ ވަޒީރު

14 ޖޫން 2016

ޕެރިސް (ޖޫން 14) - އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅުން އޮންނަ ކަމަށް ބުނާ މީހަކު ވަޅިން ހަމަލާދީ ފްރާންސްގެ ފުލުހުންގެ މީހަކާއި އޭނާގެ ބައިވެރިޔާ މަރާލުމަކީ ކަނޑައެޅިގެން ޓެރަރިސްޓް އަމަލެއް ކަމަށް އެ ގައުމުގެ ދާޚިލީ ވަޒީރު ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޕެރިސް (ޖޫން 14) - އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅުން އޮންނަ ކަމަށް ބުނާ މީހަކު ވަޅިން ހަމަލާދީ ފްރާންސްގެ ފުލުހުންގެ މީހަކާއި އޭނާގެ ބައިވެރިޔާ މަރާލުމަކީ ކަނޑައެޅިގެން ޓެރަރިސްޓް އަމަލެއް ކަމަށް އެ ގައުމުގެ ދާޚިލީ ވަޒީރު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ މީހާ އަށް ހަމަލާ ދިނުމަށް ފަހު އޭނާގެ އަންހެނުންނާއި ކުޑަ ކުއްޖާ ވަނީ ރަހީނުކޮށްފަ އެވެ. ކުޑަ ކުއްޖާ ސަލާމަތްވި ނަމަވެސް އަންހެން މީހާ ވަނީ މަރާލައިފަ އެވެ. ފުލުސް މީހާ އަށް ހަމަލާ ދިން މީހާ ވަނީ ފުލުހުން ހަމަލާދީ މަރާލައިފަ އެވެ.

ޚާރިޖީ ވަޒީރު ބާނާޑް ކަޒެނެވް ވިދާޅުވީ މި ހާދިސާއާ ގުޅިގެން ޖިނާއީ ތަހްގީގެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ހަމަލާ ދިން މީހާ ވަނީ ފުލުސް މީހާ މަރާލުމަށް ފަހު ގެއަށް ވަދެ އަންހެނުންނާއި ދަރިފުޅު ރަހީނުކޮށްފައި. --ފޮޓޯ:އޭއެފްޕީ

ހަމަލާ ދިން މީހާ ވަނީ ފުލުސް މީހާ މަރާލުމަށް ފަހު ގެއަށް ވަދެ އަންހެނުންނާއި ދަރިފުޅު ރަހީނުކޮށްފައި. --ފޮޓޯ:އޭއެފްޕީ

ފްރާންސްގެ މީޑިއާ އިން ބުނެފައި ވަނީ ފުލުހަށް ހަމަލާ ދިން މީހާ އަށް ވަނީ ޕާކިސްތާނުގެ ޖިހާދީ ގްރޫޕަކާ ގުޅުން ބޭއްވުމުގެ ކުށުގައި 2013 ވަނަ އަހަރު ހުކުމްކޮށްފައި ކަމަށެވެ. ބައެއް ފަރާތްތަކުން ބުނި ގޮތުގައި ހަމަލާދީފައި ވަނީ 25 އަހަރުގެ ލަރޮއްސީ އައްބާލާ ކިޔާ މީހެކެވެ. އަދި ޓެރަރިސްޓުން ގުޅުން އޮތް ކަމުގެ ކުށުގައި އޭނާގެ މައްޗަށް ތިން އަހަރުގެ ހުކުމެއް އިއްވާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

އައިއެސްގެ އަމާގު ނިއުސް އެޖެންސީން ބުނީ ފްރާންސް ފުލުސް މީހާ އަށް ހަމަލާ ދިނީ އެ ޖަމާއަތުގެ ހަނގުރާމަވެރިއަކު ކަމަށެވެ.

މިއީ ޕެރިހުގައި ނޮވެމްބަރު މަހު ހަމަލާދީ 130 މީހުން މަރާލި ހާދިސާ އަށް ފަހު އިއުލާން ކުރި ކުއްލި ހާލަތަށް ފަހު އެ ގައުމުގައި ހަނގުރާމަވެރިއަކު ދިން ފުރަތަމަ ހަމަލާ އެވެ.

މަންޒަރު ދުށް މީހުން ބުނީ އުމުރުން 42 އަހަރުގެ ފުލުސް މީހާ ކުލަ ހެދުމުގައި އޭނާގެ ގޭގެ ބޭރުގައި ހުއްޓާ ﷲ އަކްބަރު ގޮވަމުން ދިޔަ މީހަކު އޭނާ އަށް ހަމަލާ ދިނުމަށް ފަހު ގެއަށް ވަދެ ފުލުސް މީހާގެ އަންހެނުންނާއި ދަރިފުޅު ރަހީނު ކުރި ކަމަށެވެ.

ފްރާންސްގެ ދާޚިލީ ވުޒާރާގެ ތަރުޖަމާނަކު ވިދާޅުވީ ހަމަލާ ދިން މީހާއާ ވާހަކަ ދައްކައިގެން ވެސް އަލިމަގެއް ނުފެނުމުން ފުލުހުންގެ ރެއިޑް ޔުނިޓް ގެއަށް ވަދެ ހަމަލާ ދިނީ ކަމަށެވެ.