Roadha Mihaaru
ޔޫރޯ އަށް ޓެރަރިސްޓް ހަމަލާއެއްގެ ނުރައްކާ އެބަ އޮތް

ޔޫރޯ އަށް ޓެރަރިސްޓް ހަމަލާއެއްގެ ނުރައްކާ އޮތް ކަމުގެ އިންޒާރު ދީފި

01 ޖޫން 2016

ޕެރިސް (ޖޫން 1) - މި މަހު 10 ވަނަ ދުވަހު ފްރާންސްގައި ފަށާ ޔޫރޯ މުބާރާތުގައި ޓެރަރިސްޓް ހަމަލާއެއް ދިނުމުގެ ނުރައްކާ އެބަ އޮތް ކަމަށް އެމެރިކާ އިން ބުނެފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ޕެރިސް (ޖޫން 1) - މި މަހު 10 ވަނަ ދުވަހު ފްރާންސްގައި ފަށާ ޔޫރޯ މުބާރާތުގައި ޓެރަރިސްޓް ހަމަލާއެއް ދިނުމުގެ ނުރައްކާ އެބަ އޮތް ކަމަށް އެމެރިކާ އިން ބުނެފި އެވެ.

ޔޫރޯއާ ދިމާކޮށް ޔޫރަޕަށް ދާ ޓޫރިސްޓުންގެ އަދަދު އެތައް ގުނައެއް އިތުރުވާ އިރު، ޓެރަރިސްޓް ހަމަލާއެއް ދިނުމުގެ ފުރުސަތު ބޮޑުކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

މިދިޔަ އަހަރު ފްރާންސްގެ ވެރިރަށް ޕެރިހުގައި ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން، ފްރާންސްގައި އަދިވެސް ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފަ އެވެ. ޕެރިހުގެ އެކި ސަރަހައްދުތަކުގައި އެއް ވަގުތެއްގައި ދިން ހަމާލާތަކުގައި 130 މީހުން މަރުވެފައިވާ އިރު، އެތައް ސަތޭކަ މީހުން ވަނީ ޒަހަމްވެފަ އެވެ.

ފްރާންސަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އަދިވެސް އެ ގައުމުގައި ވަނީ ކުއްލި ހާލަތު އިއުލާންކޮށްފައި. --ފޮޓޯ:ބީބީސީ

ފްރާންސަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އަދިވެސް އެ ގައުމުގައި ވަނީ ކުއްލި ހާލަތު އިއުލާންކޮށްފައި. --ފޮޓޯ:ބީބީސީ

މާޗް މަހު ބެލްޖިއަމްގެ އެއާޕޯޓަށާއި މެޓްރޯ ސްޓޭޝަނަށް، އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ބަޔަކު ދިން ހަމަލާގައި 30 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

މިލިއަނަކަށް ވުރެ ގިނަ މީހުން ޔޫރޯ މުބާރާތަށް ފްރާންސަށް ދަތުރުކުރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

އެމެރިކާގެ ރައްޔިތުންނަށް ނެރުނު އެލާޓެއްގައި، ޓެރަރިސްޓް ހަމަލާގެ ނުރައްކާ މުޅި ޔޫރަޕަށް ބޮޑު ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ބުނެފަ އެވެ. ދުނިޔޭގެ އެކި ހިސާބުތަކަށް އެމެރިކާ އިން ޓްރެވަލް އެލާޓް ނެރޭ އިރު، ފާއިތުވި 20 އަހަރުގެ ތެރޭގައި މިއީ ޔޫރަޕަށް މިފަދަ އެލާޓެއް ނެރުނު ތިން ވަނަ ފަހަރެވެ.

ޔޫރޯގެ މެޗުތައް ކުޅޭ ސްޓޭޑް ޑި ފްރާންސަށް ވަނީ ޓެރަރިސްޓް ހަމަލާތައް އަމާޒުކޮށްފައި. --ފޮޓޯ:އޭއެފްޕީ

ޔޫރޯގެ މެޗުތައް ކުޅޭ ސްޓޭޑް ޑި ފްރާންސަށް ވަނީ ޓެރަރިސްޓް ހަމަލާތައް އަމާޒުކޮށްފައި. --ފޮޓޯ:އޭއެފްޕީ

ޔޫރޯގެ އިތުރުން ޓުއާ ޑި ފްރާންސާއި ޕޮލެންޑުގައި ކެތޮލިކް ކްރިސްޓިއަނުން ފާހަގަ ކުރާ ޒުވާނުންގެ ދުވަހުގެ ރަސްމިއްޔާތު ވެސް ޓެރަރިސްޓް ހަމަލާއެއްގެ ޝިކާރައަކަށް ވެދާނެ ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ބުނެފަ އެވެ.

އެމެރިކާގެ އިތުރުން، އިނގިރޭސި ވިލާތުން ވެސް ވަނީ ޔޫރޯ ބަލަންދާ އެ ގައުމުގެ ރައްޔިތުން ވެސް ސަމާލުވުމަށް އެދިފަ އެވެ.

ފްރާންސްގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރީ ޔޫރޯ މުބާރާތް ވެސް ހިމެނޭ ގޮތަށެެވެ. ޔޫރޯ މުބާރާތުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ފްރާންސް ސަރުކާރުން ވަނީ 90،000 އަށް ވުރެ ގިނަ ފުލުހުންނާއި ސިފައިން އަދި ޕްރައިވެޓް ސެކިޔުރިޓީ އޮފިޝަލުން ބޭނުން ކުރުމަށް ނިންމާފަ އެވެ.