Roadha Mihaaru
ރޯގާ ޖެހިގެން ފަރުވާ ހޯދާ މީހުންގެ އަދަދު ދަށަށް

ރޯގާ ޖެހިގެން ފަރުވާ ހޯދާ މީހުންގެ އަދަދު ދަށަށް

18 މާޗް 2017

އެޗް1އެން1 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު އިއްޔެގެ ނިޔަލަށް 114 އަށް އަރާފައި ވިޔަސް ރޯގާ ޖެހިގެން ފަރުވާ ހޯދާ މީހުންގެ އަދަދު މަދުވަމުން އަންނަ ކަމަށް ހެލްތް ޕޮރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ހިސާބުތަކުން ދައްކައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެޗް1އެން1 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު އިއްޔެގެ ނިޔަލަށް 114 އަށް އަރާފައި ވިޔަސް ރޯގާ ޖެހިގެން ފަރުވާ ހޯދާ މީހުންގެ އަދަދު މަދުވަމުން އަންނަ ކަމަށް ހެލްތް ޕޮރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ހިސާބުތަކުން ދައްކައިފި އެވެ.

މިއަދު އާއްމުކުރި ތަފާސްހިސާބުން ދައްކާގޮތުން އިއްޔެއާ ހަމައަށް 350 މީހަކު އިންފެލްއެންޒާއަށް ވަނީ ޓެސްޓުކޮށްފަ އެވެ. ރޯގާ ޖެހުނު މީހުންގެ ތެރެއިން ހަ މީހަކަށް އަންނަނީ އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ.

އިއްޔެގެ ހިސާބުތަކުން ދެއްކި ގޮތުގައި އެޗް1އެން1 އަށް އަލަށް ޕޮޒިޓިވް ވީ ތިން މީހެކެވެ. އެކަމަކު މިއަދުގެ ހިސާބުތަކުން ދައްކާ ގޮތުން އަލަށް ހަ މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ.

ރޯގާ ޖެހިގެން އިއްޔެ ވެސް މާލެއިން 680 މީހުން ޑޮކްޓަރަށް ދެއްކިއިރު އޭގެ ކުރީ ދުވަހު 989 މީހަކު ޑޮކްޓަރަށް ދައްކާފައިވެ އެވެ. ރަށްރަށުން އިއްޔެ 869 މީހުން ޑޮކްޓަރަށް ދެއްކިއިރު އޭގެ ކުރީ ދުވަހު 1551 މީހުން ވަނީ ޑޮކްޓަރަށް ދައްކައިފަ އެވެ.

އެ ހިސާބުތަކުން ދައްކާގޮތުގައި އަތޮޅުތަކުގެ ތެރެއިން ރޯގާ އެންމެ ބޮޑަށް ފެތުރެނީ ރ. އަދި ނ. އަތޮޅުގަ އެވެ. ރ. އަތޮޅުން އިއްޔެ 99 ރިޕޯޓު ލިބުނުއިރު ނ. އަތޮޅުގެ ރަށްތަކުން 104 ކޭސް ރިޕޯޓުކޮށްފައިވެ އެވެ. މާލެ ފިޔަވައި އެހެން ހުރިހާ ރަށަކުން އިއްޔެ 869 ކޭސް ރިޕޯޓްކުރި އެވެ.

އެޗް1އެން1 ޖެހިގެން މިހާތަނަށް ވަނީ ދެ މީހަކު މަރުވެފަ އެވެ. އެއީ 26 އަހަރުގެ ފިރިހެނަކާއި 51 އަހަރުގެ އަންހެނެކެވެ.

އުމުރުން ފަސް އަހަރުން ދަށުގެ ކުދިންނާއި، އުމުރުން 65 އަހަރުން މަތީގެ މީހުން، މާބަނޑު މީހުންނާއި ފުއްޕާމޭ، ހިތް، ފުރަމޭ، ލޭ، ނާވަސް ސިސްޓަމް، ނިއުރޯމަސްކިއުލާ ނުވަތަ މެޓަބޮލިކް މައްސަލަތައް ހުންނަ ބޮޑެތި މީހުންނާއި ކުޑަކުދިންނަށް އަދި ދިފާއީ ނިޒާމު ބަލިކަށި ބޮޑެތި މީހުންނާއި ކުޑަކުދިން އަދި އެޗްއައިވީ ޖެހިފައިވާ މީހުންގެ އިތުރުން ބަލިވެ އުޅޭ، ދާއިމީ ފަރުވާއެއް ހޯދާ މީހުންނަށް އެޗް1އެން1ގެ ނުރައްކާ ބޮޑެވެ.

ރާއްޖޭގައި ހުމާއި އަރިދަފުސް ރޯގާ ޖެހޭ މީހުންގެ އެވްރެޖް ނިސްބަތަަކީ ހަފުތާއަކު 3،000 މީހުންނެވެ. ނަމަވެސް މި އަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅު މި ނިސްބަތް އިތުރުވާން ފެށި އެވެ. އަދި މިހާރަކަށް އައިސް، އެވްރެޖް ގޮތެއްގައި ހަފުތާއަކު 5،000 އަށް ވުރެ ގިނަ މީހުންނަށް ހުމާއި އަރިދަފުސް ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާފައިވާ ކަމަށް ރިކޯޑްތަކުން ދައްކަ އެވެ.