Roadha Mihaaru

އާޓިޝަލް ބީޗު ސަރަހައްދުގައި ބޭރު މަގުގައި ޕާކުކުރާ ވެހިކަލްތައް ވެސް ޓޯކުރަން ފަށައިފި

މާލޭގެ ބޮޑުތަކުރުފާނު މަގުގައި ޕާކުކުރާ ވެހިކަލްތައް ޓޯކުރުމުގެ މަސައްކަތް ވެސް ފުލުހުން ފަށައިފި އެވެ.

ބޭރު މަގުގައި ޕާކުކުރާ ވެހިކަލްތައް ވެސް ޓޯކުރަނީ
އިފްރާޒް އަލީ
އިފްރާޒް އަލީ

19 ޖޫން 2025

މާލޭގެ ބޮޑުތަކުރުފާނު މަގުގައި ޕާކުކުރާ ވެހިކަލްތައް ޓޯކުރުމުގެ މަސައްކަތް ވެސް ފުލުހުން ފަށައިފި އެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މާލޭގެ މަގުތަކުގައި ދަތުރުފަތުރުކުރުމަށާއި ހިނގާވެބިނގާވެ އުޅޭ މީހުންނަށް ފަސޭހަވާނެ ގޮތަށް މަގުތައް ތަރުތީބު ކުުރުމަށް އެ އިދާރާއިން މަސައްކަތް ކުރަމުން އަންނަ ކަަމަށެވެ.

އެ މަސައްކަތުގެ ދަށުން، ހިތިގަސް މަގު ކަންމަތިން ފެށިގެން މެހެލިގޯޅިއާ (ހެންވޭރު އާޓިފިޝަލް ބީޗު ސަރަހައްދު) ހަމައަށް، ބޮޑުތަކުރުފާނު މަގުގައި އާންމު ދަތުރުފަތުރާއި ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާ ގޮތަށް ގަވާއިދާ ހިލާފަށް ޕާކު ކޮށްފައި ހުންނަ ވެހިކަލްތައް ޓޯކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އެ މަގުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ ވެހިކަލްތައް ދުއްވާ މީހުންނަށް ވެސް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ދިނެވެ.

ބޮޑުތަކުރުފާނު މަގުގައި ތާރު އަޅާފައި އޮތް ސަރަހައްދުގެ އެއްވެސް ހިސާބެއްގައި ވެހިކަލް ޕާކުކުރުމަކީ މަނާ ކަމެކެވެ. ނަމަވެސް، އާޓިފިޝަލް ބީޗު ސަރަހައްދާއި ސަލްމާން މިސްކިތް ހުންނަ ސަރަހައްދުގައި ވެހިކަލް ޕާކުކުރުން މިހާރު ވަނީ އާންމު ކަމަކަށް ވެފަ އެވެ.

ބޮޑުތަކުރުފާނު މަގުގައި ޕާކުކުރުން މަނާކަން އަންގައިދިނުމަށް ފުލުހުން ކޯނު ޖަހައި ޓޭޕު ދަމައިފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ބޮޑުތަކުރުފާނު މަގުގައި ޕާކުކުރުން މަނާކަން އަންގައިދިނުމަށް ފުލުހުން ކޯނު ޖަހައި ޓޭޕު ދަމައިފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އެ މަގުގައި ޕާކުކުރުން މަނާކަން އަންގައި ދިނުމަށް ފުލުހުން މިހާރު ވަނީ ކޯނު ޖަހައި ޓޭޕު ދަމައިފަ އެވެ. އަދި ބައެއް ހިސާބުތަކުގައި ބެރިކޭޑު ވެސް ވަނީ ބަހައްޓައިފަ އެވެ.

ފުލުހުން ބުނީ އެ ސަރަހައްދުން ޓޯކުރާ އުޅަނދުތައް ދޫކުރާނީ 48 ގަޑިއިރު ފަހުން ކަމަށެވެ.

ޓޯކުރާ ވެހިކަލްތައް ފުލުހުން ދޫކުރަނީ 750ރ. ގެ ޖޫރިމަނާއާ އެކު، ކުރިން ކޮށްފައި ހުރި ވެހިކަލްގެ އެހެން ޖޫރިމަނާތަކާއި ނުދައްކާ ހުރި އަހަރީ ފީތައް ވެސް ދައްކައި ހަލާސް ކުރުމުންނެވެ.

ގަވާއިދާ ހިލާފަށް މަޖީދީ މަގުގައި ޕާކުކޮށްފައި ހުންނަ ވެހިކަލްތައް ޓޯކުރުމުގެ މަސައްކަތް ފުލުހުން މިދިޔަ ހަފުތާގައި ފަށާފައިވެ އެވެ. މަޖީދީ މަގަކީ ވެސް ވެހިކަލް ޕާކުކުރުން މަނާ މަގެކެވެ.