Roadha Mihaaru

ރާއްޖޭގައި ލިބޭ އާންމު ބޭސްތައް އުނދަގުލަކާ ނުލައި ލިބޭތޯ އެސްޓީއޯއިން ކަށަވަރު ކުރާނަން: ޝިމާދު

ދިވެހިން އާންމުކޮށް ބޭނުންކުރާ ބޭސްތައް އެއްވެސް އުނދަގުލަކާ ނުލައި ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް މިއަދު ދެއްވައިފި އެވެ.

އާންމު ބޭސްތައް ލިބޭތޯ ކަށަވަރު ކުރާނަން: ޝިމާދު
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

08 ފެބުރުއަރީ 2025

ދިވެހިން އާންމުކޮށް ބޭނުންކުރާ ބޭސްތައް އެއްވެސް އުނދަގުލަކާ ނުލައި ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް މިއަދު ދެއްވައިފި އެވެ.

ބޭސްތައް ލިބުމުގައި ދަތިތައް އުޅޭ ކަމުގެ ޝަކުވާތަކާ ގުޅިގެން "މިހާރު" އިން ސުވާލު ދެންނެވުމުން ޝިމާދު ވިދާޅުވީ، އެ ކަންކަން ހައްލު ކުރުމަށް އެމްއެފްޑީއޭއާ ގުޅިގެން އެސްޓީއޯ އިން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އާންމުންގެ ފަރާތުން ލިބިފައިވާ ޝަކުވާތަކަށް ވަރަށް އަވަހަށް އެކަށީގެންވާ ހައްލެއް ގެނައުމަކީ އެ ކުންފުނީގެ އަމާޒު ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު، ދިވެހިން ބޭނުންވާ އަސާސީ ބޭސްތައް ނުލިިބިގެން އުޅެން ނުޖެހޭނެ ކަމުގެ ކަށަވަރުކަން ޝިމާދު އެވެ.

ބައެއް ފަހަރު ޑޮކްޓަރުން ބޭސް ސިޓީ ލިޔާއިރު، ވަކި ބްރޭންޑެއްގެ ބޭސް ލިޔެފައި ހުރުމުގެ ސަބަބުން ބޭސް ދޫކުރުމުގައި އުނދަގޫތަކެއް ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޑޮކްޓަރުން ބޭސް ލިޔާނީ ޕޭޝަންޓަކަށް ދިމާވެފައިވާ ބައްޔަކަށް ހާއްސަކޮށްގެން ނޫނީ އެ ބައްޔަކަށް ރިއާޔަތް ކޮށްގެން. އެކަމަކު އެ ލިޔާ ބްރޭންޑެއްގެ ބޭސް އެސްޓީއޯ ފާމަސީން ލިބެން ހުންނަ ބްރޭންޑާ ދިމާ ނުވެދާނެ،" ޝިމާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޑޮކްޓަރުން ބޭސް ސިޓީ ލިޔާއިރު، އެ ލިޔާ ބޭހަކީ ރާއްޖޭގެ އެޕްރޫވުޑް ޑްރަގް ލިސްޓުގައި ނެތް ބޭހަކަށް ވެސް ވެދާނެ އެވެ. އަދި އާ ބޭހެއް ރަޖިސްޓަރީ ކުރުމަކީ ވެސް ގިނަ ދުވަސްތަކެއް ހޭދަވާ ކަމެއް ކަމަށް ޝިމާދު ވިދާޅުވި އެވެ.

"އެ މައްސަލަތައް ވެސް ހައްލު ކުރަން ޑޮކްޓަރުންނާ ގުޅިގެން އަޅުގަނޑުމެން މި އަންނަނީ މަސައްކަތް ކުރަމުން،" ޝިމާދު ވިދާޅުވި އެވެ.

މަޖީދީ މަގުން މާފަންނު ސަރަހައްދުގައި އެސްޓީއޯ އިން އެންމެ ފަހުން ހުޅުވީ ބޭސްފިހާރަ: ބޭސް ލިބުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް އެމްއެފްޑީއޭއާ ގުޅިގެން އެސްޓީއޯ އިން މަސައްކަތްތަކެއް ކުރާ ކަމަށް އެމްޑީ ޝިމާދު ވިދާޅުވި.

މަޖީދީ މަގުން މާފަންނު ސަރަހައްދުގައި އެސްޓީއޯ އިން އެންމެ ފަހުން ހުޅުވީ ބޭސްފިހާރަ: ބޭސް ލިބުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް އެމްއެފްޑީއޭއާ ގުޅިގެން އެސްޓީއޯ އިން މަސައްކަތްތަކެއް ކުރާ ކަމަށް އެމްޑީ ޝިމާދު ވިދާޅުވި.

ރާއްޖޭގައި ބޭނުން ކުރުމަށް ހުއްދަދީފައިވާ ބޭހުގެ ލިސްޓުގައި ގާތްގަނޑަކަށް 4،000 ބާވަތެއްގެ ބޭސް ހިމެނެ އެވެ. އެކަމަކު އެ ލިސްޓުގައި ނެތް ބޭސްތައް ވެސް ބައެއް ފަހަރު ޑޮކްޓަރުން ބޭސް ސިޓީގައި ލިޔާ ކަމަށާއި އޭގެ ސަބަބުން ބޭސް ހޯދަން އާންމުންނަށް ދަތިވާ ކަމަށް ޝިމާދު ވިދާޅުވި އެވެ.

ނަމަވެސް މުހިއްމު ބޭހެއް އެޕްރޫވްޑް ޑްރަގް ލިސްޓުގައި ނެތް ހާލަތެއްގައި އަދި އެކަމާ ގުޅިގެން ގިނަ ޝަކުވާތަކެއް ލިބިއްޖެ ނަމަ އެ ބޭސްތައް ރާއްޖޭގައި ރަޖިސްޓަރީކޮށް، އިމްޕޯޓުކުރަން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ.

ޝިމާދު އެގޮތަށް ވިދާޅުވިއިރު، ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލް އެކްސްގައި މި ފަހުން ކުރެއްވި ޕޯސްޓެއްގައި ވަނީ ދުވަސްނުފުރާ އުފަންވާ ކުދިންނަށް ކޮންމެހެން ދޭންޖެހޭ ކެލްސިއަމް ބޭސް ގެނެސްދޭނެ ފާމަސީއެއް ނެތްތޯ ސުވާލު އުފައްދައިފަ އެވެ.

އެހެންވެ، އެކަމަށް އިޝާރާތް ކުރައްވާ ޝިމާދު ވިދާޅުވީ އެފަދަ ހާލަތްތަކުގައި ވެސް ރާއްޖޭގައި ރަޖިސްޓަރީކޮށް، އިމްޕޯޓުކުރަން މަސައްކަތް ކުރާނެ ކަމަށެވެ.

ޝިމާދު ވިދާޅުވީ ބޭސް އެކަމަށް އޮތް އެންމެ ބޮޑު ހައްލަކީ ބޭސް ސިޓީ ލިޔާއިރު، ރާއްޖޭގައި ލިބެން ހުރި ބޭސްތަކާއި އޭގެ ޖެނެރިކް ނަން ޑޮކްޓަރުންނަށް އެނގުން ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި، ބޭސް ނުލިބޭ މައްސަލަ ހައްލު ކުރަން މިހާތަނަށް ވެސް ގިނަ މަސައްކަތްތަކެއްކޮށް، ފިޔަވަޅުތަކެއް ވަނީ އަޅައިފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްވެވި ރިޔާސީ ބަޔާނުގައި ވެސް ވިދާޅުވެފައި ވަނީ ބޭހުގެ އަގު ކޮންޓްރޯލް ކުރުމުން އާއްމުންނަށް ދަތިތައް ކުރިމަތިވާން ފެށި ކަމަށާއި އެކަމަކު އެކަމަށް ފަހަތަށް ނުޖެހި، މި އަހަރު އިތުރު ފިޔަވަޅުތައް ވަރުގަދަކުރާނެ ކަމަށެވެ.

ރައީސް ވިދާޅުވީ، ބޭހުގެ ނަހަމަ ވިޔަފާރި އާއި ނިޒާމުގެ އިސްރާފު ހުއްޓުވުމަށްޓަކައި 250 ބޭހެއްގެ އަގު މިދިޔަ އަހަރު ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ. އެ ބަދަލުތަކުގެ ސަބަބުން ބައެއް ފަރާތްތަކުން ހެދި ގޮތުން އާއްމުންނަށް ދަތިތަކެއް ކުރިމަތިވާން ފެށި ކަމަށާއި އެކަމަކު އެންމެ ފިޔަވަޅެއް ވެސް ފަހަތަށް ނުޖެހި، ކުރިއަށް ފިޔަވަޅު އަޅާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.