Roadha Mihaaru
ސްމާޓް އިލެކްޓްރޯނިކްސް މަތިންދާބޯޓުގައި މަނާކުރަނީ

އިލެކްޓްރޯނިކްސް އާލާތްތައް މަތިންދާބޯޓުގައި ގެންގުޅުން މަނާކުރަނީ

22 މާޗް 2017

މަތިންދާބޯޓުގައި މީހުން ތިބޭ ޖާގައަށް ލެޕްޓޮޕް އެރުވުން އެމެރިކާއިން ދާދި އަވަހަށް މަނާކޮށްފާނެ އެވެ. މެދުއިރުމަތީ ބައެއް ގައުމުތަކުން އެމެރިކާ އަށް ދަތުރުކުރާ ބޯޓުތަކަށް ޓެބްލެޓް އަދި ޕްލޭސްޓޭޝަން ޕޯޓަބަލް ފަދަ ގޭމް މެޝިންތައް އެރުވުން ވެސް މަނާވާނެ އެވެ. މި އުސޫލު ހިނގާ ގައުމުތަކުގެ ތެރޭގައި އެފްރިކާ ބައްރުގެ ބައެއް ގައުމުތައް ވެސް ހިމެނެ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

މިކަމާ ގުޅުން ހުރި އޮފިޝަލަކު ސީއެންއެން އަށް ބުނި ގޮތުގައި، މެދުއިރުމައްޗާއި އެފްރިކާއިން ފުރައިގެން ސީދާ އެމެރިކާ އަށް ދަތުރުކުރާ ބޯޓުފަހަރުން އިލެކްޓްރޯނިކް އާލާތްތައް އުފުލަން ހުއްދަކުރެވޭނީ ހަމައެކަނި ދާގީނާއަކަށް ލައިގެންނެވެ. އެ ގޮތުގައި އެ މީހެއްގެ އަމިއްލަ ދަބަހަށް އެ އެއްޗެއް ލުމަށް ފަހު ޖެހޭނީ "ލަގޭޖް"ގެ ގޮތުގައި ދޫކޮށްލާށެވެ. އެހެން ނަމަވެސް، ސެލްފޯނު އަދި ސިއްހީ ގޮތުން ކޮންމެހެން ބޭނުންކުރަންޖެހޭތީ ގެންގުޅޭ އާލާތްތައް އެ މީހަކާ އެކު ބޯޓުތެރެ އަށް އެރުވޭނެ އެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހޯމްލޭޑް ސެކިޔުރިޓީން މި ގަވާއިދަށް އަމަކުރަން ވަނީ އަންގާފަ އެވެ. އެހެން ނަމަވެސް މި އަމުރާ ގުޅިގެން ހިނގައިދިއަ ކޮންމެވެސް ކަމެއްގެ ސަބަބުން، ގަވައިދަށް އަމަލުކުރުން ވަނީ ފަސްކޮށްފަ އެވެ.

މެދުއިރުމަތިން ސީދާ އެމެރިކާ އަށް ދަތުރުކުރާ ބައެއް އެއާލައިންތަކުން ވަނީ މި ޚަަބަރު އެ އެއާލައިންތަކުގެ ޚަބަރު ފީތާގައި އާންމު ވެސް ކޮށްފަ އެވެ. އެހެން ނަމަވެސް އުސޫލުތަކަށް އަދި އެހައި ހަރުކަށިނުވާ ކަމަށް ބުނެވެ އެވެ.

އެމެރިކާ އަކީ ބިރުވެރިކަމުން މުޅިން މިންޖުވެފައި ވާ ތަނަކަށް ހައްދަވާނެ ކަމަށް އެމެރިކާގެ ރައީސް، ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. އެހެން ނަމަވެސް މި ފަދަ ގަވާއިދަކަށް އަމަލުކުރަން އަމުރުކުރި ސަބަބެއް ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިޔުރީން އަދި ނުބުނެ އެވެ. މި ކަމާ ގުޅޭ ގޮތުން ނޫސް އިދާރާތަކަށް މައުލޫމާތު ދޭން ވެސް އެ ޑިޕާޓްމަންޓުން ވަނީ އިންކާރުކޮށްފަ އެވެ.