Roadha Mihaaru
"ހިޔާނާތުގެ ފައިސާ ހޯދޭނެ ކަމުގެ އުއްމީދެއް ލިބިއްޖެ"

އެމްއެމްޕީއާރުސީން ގެއްލުނު ފައިސާ ހޯދޭނެ ކަމުގެ އުއްމީދެއް ލިބިއްޖެ: ރައީސް

23 މާޗް 2017

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް، ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތުން ދައުލަތަށް ގެއްލުނު ފައިސާ ހޯދޭނެ ކަމުގެ ކޮންމެވެސް ވަރެއްގެ އުއްމީދެއް ލިބިފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން އިއްޔެ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް، ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތުން ދައުލަތަށް ގެއްލުނު ފައިސާ ހޯދޭނެ ކަމުގެ ކޮންމެވެސް ވަރެއްގެ އުއްމީދެއް ލިބިފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން އިއްޔެ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމަށް މެމްބަރުންތަކެއް ގުޅެން ދަރުބާރުގޭގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި، ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސަރުކާރުން ތަރައްގީ އަށް ގިނަ މަޝްރޫއުތަކެއް ހިންގަމުން އަންނަ ކަމަށެވެ. އެކި މަޝްރޫއުތަކަށް ފައިސާ ހޯދައިގެން މަސައްކަތް ކުރާއިރު އެއަށް، ނިސްބަތްކޮށް ކޮރަޕްޝަންގެ ވާހަކަތައް ވެސް ދައްކާނެ ކަމަށް ވިދާޅުވި އެވެ.

މި ސަރުކާރަށް އެންމެ ބޮޑަށް ތުހުމަތުކުރާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގު އެންޓި ކޮރަޕްޝަން ކޮމިޝަނުން ނިންމައި ދައުލަތަށް ގެއްލިފައި ހުރީ ކިހާ ފައިސާއެއް ކަން ވެސް އެނގޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"އޭސީސީން މިހާރު ވެސް މަސައްކަތް ކުރަމުން އެދަނީ. ކޮންމެވެސް ވަރެއްގެ އުއްމީދެއް ލިބިއްޖެ މި ފައިސާ ރިކަވާކުރުމަށް މަގުތަކެއް ހުރި ކަން. އެމްއެމްޕީއާރުސީން ގެއްލުނު ފައިސާ ހޯދުމުގެ މަސައްކަތަކީ މި ސަރުކާރުންކުރާނެ ކަމެއް،" ރައީސް ވިދާޅުވި އެވެ.

އޭސީސީން ކުރިން ބުނެފައިވާ ގޮތުގައި މިހާތަނަށް ލިބިފައި ހުރި މައުލޫމާތުތަކަށް ބަލާއިރު، އޮޑިޓް އޮފީހުން އާއްމުކޮށްފައިވާ ފައިސާގެ އަދަދާއި އެ ކޮމިޝަނުން ހޯދި މައުލޫމާތުން ލިބުނު އަދަދުގައި މާ ބޮޑު ތަފާތެއް ނެތެވެ. އޮޑިޓް ރިޕޯޓުގައިވާ ގޮތުން އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ވަންނަން ޖެހޭ 1.2 ބިލިއަން ރުފިޔާ ވަނީ ގެއްލިފަ އެވެ.

ރައީސް ވިދާޅުވީ ކޮރަޕްޝަން ހިންގާ މީހުންނަށް އަދަބު ދިނުމަކީ ފަސޭހަ ކަމެއް ކަމަށާއި އެކަމަކު އުނދަގުލީ ދައުލަތަށް ގެއްލޭ ފައިސާ ހޯދުން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ކޮރަޕްޝަނަކީ މި ސަރުކާރުގެ އުފެއްދުމަށް ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދެއްކި ނަމަވެސް ކޮރަޕްޝަން އުފަންވެގެން އުޅެނީ މި ސަރުކާރުގައެއް ނޫނެވެ. ނޫސްތަކުގައި ހުރި ލިއުންތައް ކިޔާލާއިރު، އެއީ މާކުރިން ވެސް ރާއްޖެ އަށް އުފަންވެފައި އޮތް މައްސަލައެއް ކަން އެނގެން އެބައޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮރަޕްޝަނާއި މަގާމުގެ ނާޖާއިޒު ބޭނުންކުރަން ފެށުމަކީ، ރައީސް ވިދާޅުވި ގޮތުގައި، ކުރީގެ ޖީލުތަކުން ދެމިގެން އައިސްފައިވާ ކަމެކެވެ.

އެމްއެމްޕީއާރުސީގެ ރިޕޯޓް އަންނަ މަހު ނެރޭނެ ކަމަށް އޭސީސީން ވަނީ ބުނެފަ އެވެ.