Roadha Mihaaru
ރައީސަށް އެއް މިލިއަން ޑޮލަރު ޖަމާކުރި: އޭސީސީ

ރައީސް ޔާމީންގެ އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ޖަމާކުރި، މައްސަލަ ފައިލްކޮށްފި

01 ނޮވެމްބަރ 2017

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަފުޅު އެކައުންޓަކަށް އަމިއްލަ ފަރާތަކުން އެއް މިލިއަން ޑޮލަރު (ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ) ޖަމާކޮށްފައިވާ ކަމަށާއި އަދި އެ މައްސަލަ ފައިލް ކޮށްފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަފުޅު އެކައުންޓަކަށް އަމިއްލަ ފަރާތަކުން އެއް މިލިއަން ޑޮލަރު (ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ) ޖަމާކޮށްފައިވާ ކަމަށާއި އަދި އެ މައްސަލަ ފައިލް ކޮށްފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލަ ބެލުމަށް ފަހު، މިދިޔަ ހަފުތާގައި ނެރުނު ރިޕޯޓުގައި ވާ ގޮތުން މައްސަލަ ފައިލްކުރީ، އެކަމުގައި ހިމެނޭ ބައެއް މީހުން ރާއްޖޭގައި ނޫޅޭތީ ތަހުގީގުގައި ސުވާލު ނުކުރެވޭތީ އެވެ. މި މައްސަލާގައި ކޮރަޕްޝަން ހިމެނޭ ކަމެއް ނުވަތަ ނޫން ކަމެއް ވެސް އޭސީސީ އަކުން ނުބުނެ އެވެ. އަދި އެ ފައިސާ އަށް ފަހުން ވީގޮތެއް ރިޕޯޓުގައި ހިމަނާފައެއް ނުވެ އެވެ.

އޭސީސީ އަށް ހުށަހެޅި ބައެއް މައްސަލަތައް ނިންމައި އާއްމުކޮށްފައިވާ ރިޕޯޓުގައި ބުނީ ރައީސްގެ ޑޮލަރު އެކައުންޓަކަށް ޕްރައިވެޓް ކުންފުންޏަކުން ދެ ފަހަރެއްގެ މަތިން ފައިސާ ޖަމާކޮށްފައިވާ ކަމަށެވެ. އޮކްޓޯބަރު، 13، 2015 ގައި 500،000 ޑޮލަރު ޖަމާކުރުމަށް ފަހު އޮކްޓޯބަރު، 15، 2015 ގައި ވެސް 500،00 ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.

އާއްމު ފަރާތަކުން ހުށަހެޅި މި މައްސަލައިގެ ތަހުގީގަށް ރައީސް ޔާމީންގެ އިތުރުން މިހާރު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާ ސުވާލުކޮށްފައިވާ ކަމަށް އޭސީސީން ބުންޏެވެ.

ރައީސްގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާ ކުންފުންޏަކީ، އޭސީސީން ބުނިގޮތުގައި، ޓޫރިޒަމްގެ ބޭނުމަށް އެމްއެމްޕީއާރުސީން ފަޅުތަކާއި ރަށްތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާތައް ޖަމާކޮށްފައިވާ ކުންފުންޏެވެ. އެ ކުންފުނީގެ ނަން އޭސީސީގެ ރިޕޯޓުގައި ހިމަނާފައި ނުވި ނަމަވެސް އެއީ އަދީބާ ގާތް ގުޅުމެއް އޮންނަ ބައެއްގެ ކުންފުންޏެއް ކަމަށްވާ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑެވެ.

އޭސީސީން ބުނީ ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކުރަން ދިޔައީ އެ ކުންފުނީގެ ކޮމްޕެނީ ސެކްރެޓަރީ ކަން ތަހުގީގަށް ފާހަގަވެފައިވާ ކަމަށެވެ. މައްސަލައިގެ ތަހުގީގަށް، އެ ކުންފުނީގެ ހިއްސާދާރުން ހާޒިރުކުރަން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބުވެފައި ނުވާ ކަމަށް ރިޕޯޓުގައިވެ އެވެ.

އެސްއޯފްގެ ހިއްސާދާރުންގެ ގޮތުގައި، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތު ކުރެވޭ މުހައްމަދު އައްލާމް ލަތީފް (މޮހޯ) ހިމެނޭއިރު، އެމްއެމްޕީއާރުސީ ހިޔާނާތުގެ ތަހުގީގު ފެށުމާއެކު އޭނާ ވަނީ ރާއްޖެ އިން ބޭރަށް ގޮސް، ފިލައިފަ އެވެ.

އޭސީސީން ބުނީ އެ މީހުން ހޯދަން ފުލުހުން ރެޑް ނޯޓިސް ނެރެފައިވީ ނަމަވެސް މިހާތަނަށް އެ މީހުން ރާއްޖެ އަށް ގެނެވިފައި ނުވާތީވެ ތަހުގީގުގައި ސުވާލު ނުކުރެވިފައިވާ ކަމަށެވެ. މި މައްސަލަ އިތުރަށް ކުރިއަށް ގެންދެވޭނީ އެ މީހުން ތަހުގީގަށް ހާޒިރުކޮށް، ބަސް ހޯދައިގެން ކަމަށްވާތީ އޭސީސީން ނިންމީ އެ މައްސަލަ ކުރިއަށް ގެންދެވެން ނެތް ކަމަށެވެ. އެެހެންވެ އެ މީހުން ހާޒިރު ކުރެވެންދެން މައްސަލަ ފައިލްކޮށްފައިވާ ކަމަށް އޭސިސީގެ ރިޕޯޓުގައިވެ އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ބިން އަދި ފަޅުތައް ކުއްޔަށް ދީގެން ދައުލަތަށް ލިބެން ޖެހޭ 1.2 ބިލިއަން ރުފިޔާ އަށް ހިޔާނާތްތެރިވެފައިވާ ކަމަށް އޮޑިޓް އޮފީހުގެ ތަހުގީގަށް ފަހު އާއްމުކުރި ރިޕޯޓުގައިވެ އެވެ.