Roadha Mihaaru
ހަވާލު ކުރީ ރިޔާސަތުގައި ފެންސްޖެހުން އެކަނި: މޫސަ

ހަވާލު ކުރި މަސައްކަތަކީ ރިޔާސަތުގެ ވަށައިގެން ފެންސް ޖެހުން އެކަނި: މޫސަ

25 އޮކްޓޯބަރ 2018

ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ހަމައެކަނި ހަވާލު ކުރެއްވި ކަމަކީ މަޖިލީހުގެ ރިޔާސަތުގެ ކުރިމަތީގައި ފެންސް ޖެހުން އެކަނި ކަމަށާއި އެކަން ކުރެއްވި ކަމަށް މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ހަމައެކަނި ހަވާލު ކުރެއްވި ކަމަކީ މަޖިލީހުގެ ރިޔާސަތުގެ ކުރިމަތީގައި ފެންސް ޖެހުން އެކަނި ކަމަށާއި އެކަން ކުރެއްވި ކަމަށް މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޫސަ ވަނީ އެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ނުގެންދެވި ހުއްޓުވާފައިވާތީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އަންނަ އާދިއްތަ ދުވަހުން ފެށިގެން ޖަލްސާތަކާއި މަސައްކަތްތައް ފަށާނެ ކަމަށް މޫސަ ވިދާޅުވި އެވެ.

މަޖިލީހުގެ ޖަލްސާއެއް ނުބޭއްވި މިހާ ދުވަސްވީއިރު މޫސަ އެކަމާ ނޫޅުއްވީ ކީއްވެގެންތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ ގާނޫނު އަސާސީން ލިބިދޭ ބާރުގެ ދަށުން އޭނާ އަށް ކަމެއް ކުރެވޭ ހިސާބަށް އާދެވުނީ އިއްޔެ ކަމަށެވެ. އެއީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުންނެވެ.

"އޭގެ ކުރީގައި މަޖިލީހުގެ މަސައްކަތެއް އޮންނަނީ މަޖިލީހުގެ ރައީސް ހަވާލުކުރާ ކަމަކަށްވާއިރު އަޅުގަނޑަށް މަސައްކަތެއް ހަވާލެއް ނުކުރޭ،" މޫސަ ވިދާޅުވި އެވެ.

"މަޖިލީހަކީ މިހެން ވެގެންވާނެ ތަނެއް ނޫން. އަޅުގަނޑު ވެސް މަޖިލީހުގައި 15 ވަރަކަށް އަހަރު މި ހޭދަވަނީ. މިކަހަލަ ދުވަސްތަކެއް އަޅުގަނޑެއް ވެސް ނުދެކެން. އަޅުގަނޑު ވެސް މަޖިލިސް މެމްބަރެއްގެ ހައިސިއްޔަތުން ހިތްދަތިވޭ."

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޫސަ ވާހަކަ ދައްކަވަނީ-- ފޮޓޯ: ނިޝާތު އަލީ/މިހާރު

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޫސަ ވާހަކަ ދައްކަވަނީ-- ފޮޓޯ: ނިޝާތު އަލީ/މިހާރު

މަޖިލީހުގެ ރައީސަކަށް އަބްދުﷲ ޝާހިދު ހުންނެވިއިރު އެ މަޖިލީހުގެ އިދާރީ ކަންކަން ބެލެހެއްޓުން ހަވާލުކޮށްފައި ވަނީ މަޖިލީހުގެ އޭރުގެ ނައިބު ރައީސް އަހުމަދު ނާޒިމާ ކަމަށްވީ ނަމަވެސް އޭނާއާ އެފަދަ މަސްއޫލިއްޔަތެއް މަސީހު ހަވާލު ކުރައްވާފައި ނުވާ ކަމަށް މޫސަ ވިދާޅުވި އެވެ.

އޭނާއާ ހަވާލު ކުރެއްވި މަސައްކަތަކީ މަޖިލީހުގެ ރިޔާސަތުގައި ފެންސުޖައި ރިޔާސަތުގައި އިންނަވާ މޭޒު އުސްކުރުން އެކަނި ކަމަށްވާއިރު އެކަން ކުރައްވާފައި ވާނެ ކަމަށް މޫސަ ވިދާޅުވި އެވެ. މިދިޔަ އަހަރު އެ ބަދަލު މަޖިލީހުގެ ތަޅުމަށް ގެނައީ މަސީހު ބައިވެރިވެ ވަޑައިގަންނަވާ ޖަލްސާތަކުގައި އިދިކޮޅު ފަރާތްތަކުން އިހުތިޖާޖު ކުރާތީ އެވެ.

މޫސަ ވިދާޅުވީ މިހާރު އޭނާ އަށް ހައިސިއްޔަތެއް ލިބުމާ އެކު މަޖިލީހުގެ އިސް މުވައްޒަފުންނާ ވާހަކަ ދައްކަވައި މެމްބަރުންނަށް ރަނގަޅަށް ކަންކަން ފަހިކޮށްދޭން އަންގަވާފައިވާނެ ކަމަށެވެ. އަދި މަޖިލީހަށް ދިމާވެފައިވާ އެންމެހާ މައްސަލަތައް ހައްލު ކުރަން މަސައްކަތް ފައްޓަވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަންނަ އާދިއްތަ ދުވަހު މަޖިލީހުގެ ޖަލްސާތައް ފަށަން ނިންމާފައިވާ ކަމަށް މޫސަ ވަނީ ވިދާޅުވެފަ އެވެ. މަޖިލީހުގެ ޖަލްސާތައް އަލުން މިފަށަނީ ޕީޕީއެމަށް މެޖޯރިޓީ ގެއްލުމުން މަޖިލިސް ހުއްޓާލާފައި އޮންނަތާ ދެ މަހަށް ވުރެ ގިނަ ދުވަސްވީ ފަހުންނެވެ. އިދިކޮޅު ފަރާތްތަކުން ބުނާގޮތުން ރައީސް އަބްދުﷲ ޔާމީންގެ އެއްގެވުމަށް މަސީހް މަޖިލިސް ހުއްޓުވީ އެވެ.