Roadha Mihaaru
ޕީޕީއެމްގެ ރައީސްކަމުން މައުމޫން ދުރުކުރުމުގެ އިންޒާރެއް

ދެން ފަށާނީ ޕީޕީއެމްގެ ރައީސްކަމުން މައުމޫން ދުރުކުރުމުގެ މަސައްކަތް: ފަލާހް

25 މާޗް 2017

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެ މަގާމުން ދުރުކުރާނެ ކަމުގެ އިންޒާރު އެ ޕާޓީގެ ޕާމެންޓްރީ ގުރޫޕުގެ މެމްބަރަކު މިއަދު ދެއްވައިފި އެވެ.

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެ މަގާމުން ދުރުކުރާނެ ކަމުގެ އިންޒާރު އެ ޕާޓީގެ ޕާމެންޓްރީ ގުރޫޕުގެ މެމްބަރަކު މިއަދު ދެއްވައިފި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅޭ ގޮތުން ބޭއްވި ޕީޕީއެމް/އެމްޑީއޭގެ ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕުގެ ނިއުސް ކޮންފަރެންސެއްގައި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ވިދާޅުވީ ޕީޕީއެމްގެ ރައީސްކަމުގައި މައުމޫން ހުންނެވީ، ރައީސް އަބްދުﷲ ޔާމީނަށް އެ ބޭފުޅުން ކުރައްވާ އިހުތިރާމެއްގެ ސަބަބުން ކަމަށެވެ.

"އަޅުގަނޑުމެންގެ ޕީޖީ ގުރޫޕާ ހަވާލުކުރި ނަމަ މިއަދު ޕީޕީއެމްގެ ރައީސް ކަމުގައި ރައީސް މައުމޫނަކަށް ނުހުންނެވޭނެ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ދެން ފަށާނީ އެ މަސައްކަތް. ރައީސް މައުމޫން މިހާރު އެވަނީ ޕީޕީއެމްގެ ރައީސްކަމުން ދުރުކުރަން ޖެހިފައި. ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެ މަސައްކަތް ކުރާނަން،" ފަލާހް ވިދާޅުވި އެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް ވިދާޅުވީ ޕާޓީގެ ރައީސް ވަކިކުރެވޭނެ ގޮތްތައް އަސާސީ ގަވައިދުގައި ބަޔާންކޮށްފައިވާނެ ކަމަށެވެ. އަދި މިއަދުގެ ނިއުސް ކޮންފަރެންސަކީ އެކަމާ ގުޅޭ ޕްލެޓްފޯމެއް ނޫން ކަމަށް ވިދާޅުވެ އޭގެ ތަފުސީލަކަށް އޭނާ ވަޑައިނުގެންނެވި އެވެ.

މައުމޫން މި މަހުގެ 8 ގައި އިންޑިއާ އަށް ފުރާވަޑައިގަތުމުގެ ކުރިން މާލޭގެ ރަސްމީ ފާލަން ކައިރީގައި: ޕީޕީއެމްގެ ރައީސްކަމުން އެމަނިކުފާނު ވަކިކުރާނެ ކަމުގެ އިންޒާރު ޕީޕީއެމްގެ މަޖިލިސް މެމްބަރު ފަލާހް މިއަދު ދެއްވި.---މިހާރު ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ޕީޕީއެމްގެ ރައީސްކަމުން މައުމޫން ވަކިކުރާނެ ކަމުގެ އިންޒާރު ފަލާހް ދެއްވިއިރު، މައުމޫނާއި އެމްޑީޕީ އާއި ޖޭޕީ އަދި އަދާލަތު ޕާޓީން ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރުމަށް އިއްޔެ ސޮއިކުރި އެއްބަސްވުމުގައި ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތުން މައުމޫން ވަނީ ސޮއިކުރައްވައިފަ އެވެ.

މި މައްސަލާގައި ޕީޕީއެމްގެ އިސްބޭފުޅުން ވިދާޅުވަނީ އެކަން އެމަނިކުފާނަށް ނުކުރެއްވޭނެ ކަމަށާއި އެފަދަ ކަމެއް ކުރެއްވޭނީ ޕާޓީގެ ކައުންސިލުން ފާސްކޮށްގެން ކަމަށެވެ. އެހެންވެ މައުމޫން ސޮއިކުރެއްވި އެއްބަސްވުމަކީ އުފެދުނުއިރު ވެސް ބާތިލް އެއްޗެއް ކަމަށް ޕީޕީއެމްގެ އިސްބޭފުޅުން ވިދާޅުވެ އެވެ.

ސަރުކާރާ އިދިކޮޅަށް މަސައްކަތް ކުރުމަށް މައުމޫނާއި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީން ވި އެއްބަސްވުން ރޭ އާންމު ކުރުމަށް ފަހު، ޖޭޕީގެ އޮފީސް ކުނޫޒްގައި ބޭއްވި ޖަލްސާގެ ތެރެއިން، އެ ޕާޓީގެ ލީޑަރު ގާސިމާއި މައުމޫންގެ ދަރިކަލުން ފާރިސް އާއި ތުލުސްދޫ ދާއިރާގެ މެމްބަރު ވަހީދު ވާހަކަ ދައްކަވަނީ.----ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މައުމޫނާއި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީ ގުޅިގެން ސަރުކާރާ ދެކޮޅަށް މިހާރު ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން، މިއަދުގެ ނިއުސް ކޮންފަރެންސްގައި ފަލާހް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ލައްވައި މާދަމާ ވެސް މި ސަރުކާރަށް ތާއީދުކޮށް ވާހަކަ ދެއްކުވިދާނެ ކަމަށެވެ. އަދި ގާސިމަކީ އަބަދުވެސް ޖާނާއި މުދަލަށްޓަކައި އުޅުއްވާ ބޭފުޅެއް ކަމުގެ ތުހުމަތު އޭނާ ކުރެއްވި އެވެ.

ޕީޕީއެމް/އެމްޑީއޭގެ ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕުގެ މިއަދުގެ ނިއުސް ކޮންފަރެންސްގައި ފަލާހް (މ) ބައިވެރިވެވަޑައިގަންނަވަނީ.---މިހާރު ފޮޓޯ: ނިޝާން އަލީ

ޕީޕީއެމް/އެމްޑީއޭގެ ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕުގެ މިއަދުގެ ނިއުސް ކޮންފަރެންސްގައި ފަލާހް (މ) ބައިވެރިވެވަޑައިގަންނަވަނީ.---މިހާރު ފޮޓޯ: ނިޝާން އަލީ

"ގާސިމް އިބްރާހިމަކީ އަޅުގަނޑުމެންނަށް އޮޅިފައިވާ ބޭފުޅެއް ނޫން. އެހެންވީމާ ގާސިމް އިބްރާހިމް ލައްވައި ދެ އަނގައިން ވާހަކަ ދެއްކުމަކީ އުނދަގޫ ކަމެއް ނޫން. އެއް އިރެއްގައި ރައީސް ނަޝީދު ކޮޅަށް. އަނެއް އިރެއްގައި ރައީސް މައުމޫން ކޮޅަށް. އަނެއް އިރެއްގައި ޔާމީން ކޮޅަށް. އަމިއްލަ ފައިދާއަށް ނޫން ގޮތަކަށް ގާސިމް އެއްވެސް މަސައްކަތެއް ނުކުރައްވާނެ،" ފަލާހް ވިދާޅުވި އެވެ.

މަސީހް މަގާމުން ވަކިކުރުމުގެ މައްސަލާގައި އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް ހޯމަދުވަހުގެ ވޯޓުން ގިނަވެގެން ލިބޭނީ 12 ވޯޓު ކަމަށެވެ.

ޕީޕީއެމް/އެމްޑީއޭ ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕުން ދަރުބާރުގޭގައި މިއަދު މި ބޭއްވި ނިއުސް ކޮންފަރެންސްގައި މިވަގުތު މާލޭގައި ތިއްބެވި 42 މެމްބަރަކު ބައިވެރިވެވަޑައިގެންނެވި ކަމަށް ޕީޕީއެމުން ބުންޏެވެ. ސިއްހީ ހާލަތު ތަން ނުދޭތީ ނިއުސް ކޮންފަރެންސަށް ވަޑައިނުގަތީ އެންމެ މެމްބަރެއް ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވި އެވެ. އަދި މިހާރު މާލޭގައި ވަޑައިގެން ނެތް ބޭފުޅުން މާދަމާ ވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމް/އެމްޑީއޭގެ ޖޮއިންޓް ޕާލެމްންޓްރީ ގުރޫޕުގެ ނިއުސް ބްރީފިންގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން، ރައްޔިތުންގެ މަޖިލިހުގެ ރައީސް މަސީހް ފިޔަވައި ހުރިހާ ބޭފުޅުން ވެސް މަސީހާ އެއްކޮޅަށް މިއަދު ވާހަކަ ދެއްކެވި އެވެ. ނިއުސް ކޮންފަރެންސް ރާވާފައި އޮތީ މަސީހް ވާހަކަފުޅު ނުދައްކަވާ ގޮތަށް ކަމަށް ވާތީ، ނޫސްވެރިންގެ ސުވާލުތަކަށް ވެސް މަސީހް ވަކި ޖަވާބެއް ނުދެއްވަ އެވެ.

ޕީޕީއެމް/އެމްޑީއޭގެ މިއަދުގެ ނިއުސް ބްރީފިންގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް މަސީހް.---ފޮޓޯ: ނިޝާން އަލީ/މިހާރު

ޕީޕީއެމް/އެމްޑީއޭގެ މިއަދުގެ ނިއުސް ބްރީފިންގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް މަސީހް.---ފޮޓޯ: ނިޝާން އަލީ/މިހާރު

ޕީޕީއެމް/އެމްޑީއޭގެ މެމްބަރުން މައިގަނޑު ގޮތެއްގައި ވިދާޅުވީ އަންނަ ހޯމަދުވަހުގެ ވޯޓުން އިދިކޮޅު ފަރާތްތައް ބަލިވެ، ބޮޑު ލަދަކާ ކުރިމަތިލާންޖެހޭނެ ކަމަށެވެ. އަދި މަސީހާ އެއްކޮޅަށް ބޮޑު މަޖިލިހުގެ ބޮޑު އަޣުލަބިއްޔަތެއް އެބައޮތް ކަމަށް އެބޭފުޅުން ވިދާޅުވި އެވެ.