Roadha Mihaaru
އެއްބަސްވުމުގައި މައުމޫނަށް ސޮއެއް ނުކުރެއްވޭނެ

އެއްބަސްވުމުގައި މައުމޫނަށް ސޮއެއް ނުކުރެއްވޭނެ: އަބްދުއްރަހީމް

24 މާޗް 2017

ޕީޕީއެމްގެ ނަމުގައި އެއްވެސް އެއްބަސްވުމެއްގައި ސޮއިކުރެވޭނީ އެ ޕާޓީގެ ކައުންސިލުން ފާސްކޮށްގެން ކަމަށާއި އެހެންވެ އިދިކޮޅު ފަރާތްތަކާއެކު ކޯލިޝަން އެއްބަސްވުމުގައި ޕީޕީއެމްގެ ރައީސް މައުމޫނަށް ސޮއިނުކުރެއްވޭނެ ކަމަށް ޕީޕީއެމުން މިރޭ ބުނެފި އެވެ.

ޕީޕީއެމްގެ ނަމުގައި އެއްވެސް އެއްބަސްވުމެއްގައި ސޮއިކުރެވޭނީ އެ ޕާޓީގެ ކައުންސިލުން ފާސްކޮށްގެން ކަމަށާއި އެހެންވެ އިދިކޮޅު ފަރާތްތަކާއެކު ކޯލިޝަން އެއްބަސްވުމުގައި ޕީޕީއެމްގެ ރައީސް މައުމޫނަށް ސޮއިނުކުރެއްވޭނެ ކަމަށް ޕީޕީއެމުން މިރޭ ބުނެފި އެވެ.

އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީއާ އެކު އިދިކޮޅު ކޯލިޝަން އެއްބަސްވުމުގައި ޕީޕީއެމްގެ ނަމުގައި މައުމޫން މިއަދު ސޮއިކުރެއްވި މައްސަލާގައި އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ "މިހާރު" އަށް ވިދާޅުވީ، އެއީ ސީދާ ޕީޕީއެމްގެ އަސާސީ ގަވައިދާ ހިލާފު އަމަލެއް ކަމަށެވެ.

ސަބަބަކީ ކޯޓުގެ އަމުރާ އެއްގޮތަށް، ޕީޕީއެމް ހިންގުމުގެ އެންމެހައި ކަންކަން އެ ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީނާ ހަވާލުކުރުމަށް ކައުންސިލުން ނިންމާފައި ވަނިކޮށް، ހިންގުމާ ގުޅޭ އެއްވެސް ކަމެއްގައި އެހެން ފަރާތަކަށް ހަރަކާތްތެރި ނުވެވޭނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަސާސީ ގަވައިދުގައިވާ ގޮތުން އެއްވެސް ބަޔަކާ އެކު އެއްބަސްވުމެއް ހެދޭނީ ޕާޓީގެ ކައުންސިލުން ފާސްކޮށްގެން. އެކަން ކޮށްފައެއް ނެތް. އެހެންވީމާ ރައީސް މައުމޫން އެ ސޮއިކުރެއްވީ ސައްހަ އެއްބަސްވުމެއްގައެއް ނޫން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކާ އެކު، ޕީޕީއެމްގެ ރައީސްގެ ނަމުގައި މައުމޫން ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރެއްވި މައްސަލާގައި ގޮތެއް ނިންމާނީ އެ ޕާޓީގެ ކައުންސިލްގެ ބައްދަލުވުމަކަށް ފަހު ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި މައުމޫނާއި ނަޝީދު ސިޔާސީ އެއްބަސްވުމެއްގައި ސޮއިކުރައްވާނެ ކަމަކަށް ޕީޕީއެމުން ގަބޫލެއް ނުކުރެ އެވެ.

"އެހެންވީމާ މައުމޫންގެ ސޮޔަކީ ރަނގަޅު ސޮއެއް ކަަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރަން ވަރަށް ދަތި،" އަބްދުއްރަހީމް ވިދާޅުވި އެވެ.

"ޕީޕީއެމް އަކީ ވަކި އާއިލާއެއްގެ ތަރިކަ މުދަލެއް ނޫން. މި ޕާޓީގެ އުސޫލުތަކުގެ ތެރެއިން ކޮންމެ ބޭފުޅަކު ވެސް ކަންކަން ކުރަން ވާނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަންނަ ހޯމަދުވަހު ރައްޔިތުންގެ މަޖިލިހުގައި ނަގާ ވޯޓުން މަޖިލިހުގެ ރައީސް އަބްދުﷲ މަސީހު ސަލާމަތްވެ، އިދިކޮޅު ފަރާތްތަކުން ބަލިވުމާއެކު، ކޯލިޝަން އެއްބަސްވުން ވެސް ނެތިގެންދާނެ ކަމަށެވެ.

"އެ ކޯލިޝަން އޮންނާނީ މާޗް 27 އާ ހަމައަށް. މަސީހުގެ ވޯޓު އިދިކޮޅު މީހުންނަށް ނާކާމިޔާބުވުމާ އެކު، މާޔޫސްވެ، ގޮތް ހުސްވެ ކޯލިޝަން ރޫޅޭނެ. ތި އެއްބަސްވުމުގެ އެއްވެސް މާނައެއް ދެން ނޯންނާނެ،" ފޮނަދޫ ދާއިރާގެ މެމްބަރު ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ މަސީހްގެ ވޯޓު އެ މީހުންނަށް ނާކާމިޔާބުވިޔަސް، ކޯލިޝަން ދެމިއޮންނާނެ ކަމަށެވެ. އަދި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ ބޭރުން ވެސް އިސްލާހީ މަސައްކަތްތައް ކުރުމަށް ވެސް ވަނީ ބުނެފަ އެވެ.

އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅު އިއްތިހާދުގައި އިސްކޮށް ތިއްބެވީ ވެރިކަން ބޭނުންވާ ބޭފުޅުން ކަމަށާއި އޭގެ ނަތީޖާ އަކަށް ވާނީ ކޯލިޝަން އަވަހަށް ރޫޅުން ކަމަށެވެ.

"ވެރިކަން ހޯދުމާ ހަމައަށް ވެސް އެ ކޯލިޝަނަކަށް ނުދެވޭނެ. ސަބަބަކީ ކޯލިޝަންގައި އިސްކޮށް އެ ތިއްބެވީ މުޅިން ވެސް ވެރިކަމަށް ދަހިވެތި ބޭފުޅުން ކަމަށް ވުން،" އޭނާ ވިދާޅުވި އެވެ.