Roadha Mihaaru
ވޯޓާ ގުޅިގެން މެންބަރުންނަށް ބިރެއްނުދެއްކޭނެ: މައުމޫން

މަސީހުގެ ވޯޓަށް މެމްބަރުންނަށް ބިރެއް ނުދެއްކޭނެ: މައުމޫން

23 މާޗް 2017

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓާ ގުޅިގެން މެމްބަރުންނަށް ބިރު ދައްކައިގެން ނުވާނެ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓާ ގުޅިގެން މެމްބަރުންނަށް ބިރު ދައްކައިގެން ނުވާނެ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖެއިން ބޭރުގައި ހުންނަވައި މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓަކީ ގާނޫނީ ގޮތުން މެމްބަރުންނަށް ލިބިގެންވާ ހައްގެއް ކަމަށެވެ. އެ ހައްގާ އެއްގޮތަށް ވޯޓު ދެއްވަން ބޭނުންވާ މެމްބަރުންނަށް ބިރު ނުދެއްކޭނެ ކަމަށް މައުމޫން ވިދާޅުވި އެވެ.

މައުމޫން މިގޮތަށް ވިދާޅުވީ، މަސީހު ވަކިކުރަން ވޯޓު ދެއްވާނީ "ޕީޕީއެމްގެ މެމްބަރުންގެ ތެރެއިން ވެސް ހޫނު ފެނުގައި އަތް ލާން ބޭނުންވާ ނަމަ" ކަމަށް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ދަގެނތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދު މެމްބަރުންނަށް އިންޒާރު ދެއްވާފައި ވަނިކޮށެވެ.

އޭނާ ވިދާޅުވީ މަސީހާ ދެކޮޅަށް ވޯޓު ދޭ މެމްބަރުންގެ ފައިމައްޗަށް ހޫނުފެން އެޅުމުން ތަދުވެގެން މެސެޖެއްކޮށް، "ސޮރީއޭ" ބުންޏަސް ގަބޫލެއް ނުކުރެވޭނެ ކަމަށާއި އޭރުން ބުނެވެން އޮންނާނީ "ނޯ" ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އަންނަ ހޯމަ ދުވަހުގެ ޖަލްސާ އަށް އެޖެންޑާކޮށްފައިވާ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓުގައި އިސްކޮށް އުޅުއްވަނީ މައުމޫންގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނެވެ.

މައުމޫން ވިދާޅުވެފައި ވަނީ މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްވުމާ އެކު ރައްޔިތުންނަށް ބޭނުންވާ ގިނަ ކަންކަމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ. ހާއްސަކޮށް، މަޖިލީހުން ގެއްލުވާލާފައިވާ ރައްޔިތުންގެ ގިނަ ހައްގުތައް އަނބުރާ ލިބޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެ އެވެ.

މައުމޫން ވިދާޅުވެފައިވާ ގޮތުގައި މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން، ހުރިހާ ޕާޓީތައް ގުޅިގެން މަޖިލީހަށް ހުށަހެޅި ހުށަހެޅުމަށް އެ މަނިކުފާނު ފުރިހަމަ އަށް ތާއީދުކުރައްވާ ކަމަށެވެ. އެއީ ވަރަށް ރަނގަޅު އަދި ޕީޕީއެމްގެ ވަރަށް ގިނަ އަދަދެއްގެ މެމްބަރުންގެ ވެސް ތާއީދު އޮތް ކަމެއް ކަމަށް ވިދާޅުވެފައިވެ އެވެ.