Roadha Mihaaru

އެމެރިކާގެ ނޭވީ ސީލްގެ އޮޕަރޭޝަނެއް ފަޅާއަރާފާނެތީ އުތުރުކޮރެއާގެ މަސްވެރިންތަކެއް މަރާލި

އުތުރުކޮރެއާގެ އިސްވެރިންނާ ދެކޮޅަށް ޖާސޫސްކުރަން އެ ގައުމުގައި "އެހުމުން ވައްކަން ކުރާ" އާލާތްތަކެއް ހަރުކުރަން އެމެރިކާއިން 2019 ވަނަ އަހަރު ހިންގި ނާކާމިޔާބު އޮޕަރޭޝަނެއްގައި މަސްވެރިންތަކެއް މަރައިލިކަން އެމެރިކާގެ ނިއު ޔޯކްޓައިމްސް ނޫހުން ފަޅާއަރުވާލައިފި އެވެ.

ނޭވީ ސީލްގެ ނާކާމިޔާބު އޮޕަރޭޝަނެއް ފަޅާއަރުވާލައިފި
މުހައްމަދު ނަސީމް
މުހައްމަދު ނަސީމް

07 ސެޕްޓެމްބަރ 2025

އުތުރުކޮރެއާގެ އިސްވެރިންނާ ދެކޮޅަށް ޖާސޫސްކުރަން އެ ގައުމުގައި "އެހުމުން ވައްކަން ކުރާ" އާލާތްތަކެއް ހަރުކުރަން އެމެރިކާއިން 2019 ވަނަ އަހަރު ހިންގި ނާކާމިޔާބު އޮޕަރޭޝަނެއްގައި މަސްވެރިންތަކެއް މަރައިލިކަން އެމެރިކާގެ ނިއު ޔޯކްޓައިމްސް ނޫހުން ފަޅާއަރުވާލައިފި އެވެ.

ނިއު ޔޯކްޓައިމްސް އިން ހުކުރުދުވަހު ރިޕޯޓްކުރި ގޮތުގައި ޑޮނަލްޑް ޓްރަމްޕްގެ ފުރަތަމަ ދައުރުގައި ހިންގި އެ އޮޕަރޭޝަނަށް ފޮނުވީ ނޭވީސީލްގެ ވަރަށް ހާއްސަ ފައުޖެކެވެ. އެއީ އަލްގައިދާގެ ލީޑަރު އުސާމާ ބިން ލާދިން މަރާލި ފައުޖެވެ.

ޓްރަމްޕްގެ ފުރަަތަމަ ވެރިކަމުގައި އުތުރުކޮރެއާގެ ލީޑަރު ކިމް ޖޮން އުން އާ އެކު މަޝްވަރާތައް ކުރަމުން ދިޔަ ދުވަސްވަރު ހިންގި އެ އޮޕަރޭޝަނަކީ ސިއްރު އޮޕަރޭޝަނަކަށް ވިޔަސް، ނިއު ޔޯކްޓައިމްސް އަށް އެމައުލޫމާތު ދިނީ އެމެރިކާ ސަރުކާރުގެ އަސްކަރީ އަދި މަދަނީ ބައެއް އޮފިޝަލުންނެވެ.

ސިއްރު މައުލޫމާތަކަށް ވާތީ ނަން ހާމަނުކުރާ ގޮތަށް ވާހަކަ ދެއްކި އެ އޮފިޝަލުންނާ ހަވާލާދީ ނޫހުން ބުނީ ރޭގަނޑުގެ އަނދިރީގައި ހިންގި އެ އޮޕަރޭޝަން ނާކާމިޔާބުވީ އުތުރުކޮރެއާގެ މަސްވެރިންތަކަކަށް އެމެރިކާ ސިފައިން ފެނުުމުން ކަމަށެވެ. ފީނައިގެން ކުރާ މަސްވެރިކަމެއްގައި ހަރަކާތްތެެރިވި މަސްވެރިންނަށް އެމެރިކާ ސިފައިން ފެންނަން މެދުވެރިވީ މުއާސަލާތީ ހިދުމަތް ކެނޑުމުގެ ސަބަބުން އެރި އޮޅުންތަކެއްގެ ތެރެއިންނެވެ.

ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ އޮޕަރޭޝަނަށް ހުރަހަކަށްވި މަސްވެރި އުޅަނދުގައި ތިބި ހުރިހާ މަސްވެރިން ވެސް އެމެރިކާ ސިފައިންގެ ހަމަލާގައި މަރާލި އެވެ. ނަމަވެސް އެމީހުންގެ އަދަދެއް އެ ނޫހުން ހާމައެއް ނުކުރެ އެވެ.

އެ ނޫހަށް މައުލޫމާތު ދިން އެކަކު ބުނެފައިވާ ގޮތުގައި މަސްވެރިންތައް މެރުމަށް ފަހު އެމީހުންގެ ހަށިތައް އުތުރުކޮރެއާގެ ކަމާ ބެހޭ އިދާރާތަކަށް ފެނިދާނެތީ ކަނޑުފެއްތީ އެވެ. މަސްވެރިއެއްގެ ހަށިގަނޑު ފެންމައްޗަށް އަރައިފާނެތީ ފުއްޕާމެއަށް ވަޅި ހަަރައި ފޫދުއްވައިލި ކަމަށް ވެސް ބުނެފައިވެ އެވެ.

އެ މަސްވެރިންތަކުގެ މަރާ ބެހޭ ގޮތުން އުތުރުކޮރެއާ ސަރުކާރުން އޭރުގައި ވަކި އެއްޗެއް ބުނެފައި ނުވާ އިރު ނިއު ޔޯކްޓައިމްސްގެ ރިޕޯޓާ ގުޅިގެން ވެސް އަދި ބަހެއް ނުބުނެ އެވެ.

އެކަމާ ބެހޭ ގޮތުން ނޫސްވެރިން ސުވާލުކުރުމުން އެމެރިކާގެ ރައީސް ޓްރަމްޕް ހުކުރު ދުވަހު ވިދާޅުވީ އެ އޮޕަރޭޝަން ހިންގިކަން އޭނާއަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެ ވާހަކަ މި އިވި ވަޑައިގަތީ އަލަށް ކަމަށް ވިދާޅުވި އެވެ.