Roadha Mihaaru
ނޯތު ކޮރެއާގެ މަޝްވަރާތައް ނާކާމިޔާބު ވަންޏާ ޓްރަމްޕް ވަކިވާނެ

ނޯތު ކޮރެއާގެ މަޝްވަރާތައް ނާކާމިޔާބު ވަންޏާ ބައްދަލުވުމުން ޓްރަމްޕް ވަކިވާނެ

19 އެޕްރީލް 2018

ވޮޝިންޓަން (އެޕްރީލް 19) - ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންނާ އެކު ބާއްވަން ޕްލޭން ކުރަމުންދާ މަޝްވަރާތަކުން އެދެވޭ ނަތީޖާއެއް ނުކުންނަމުން ނުދާ ނަމަ އެ ބައްދަލުވުން ދޫކުރައްވާ ނުކުމެވަޑައިގަންނަވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (އެޕްރީލް 19) - ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންނާ އެކު ބާއްވަން ޕްލޭން ކުރަމުންދާ މަޝްވަރާތަކުން އެދެވޭ ނަތީޖާއެއް ނުކުންނަމުން ނުދާ ނަމަ އެ ބައްދަލުވުން ދޫކުރައްވާ ނުކުމެވަޑައިގަންނަވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޖަޕާނުގެ ބޮޑު ވަޒީރު ޝިންޒޯ އަބޭއާ އެކު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ ނޯތު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރު ނައްތާލުމަށް ދެވެން އޮތް އެންމެ ބޮޑު ޕްރެޝަރެއް ދޭނެ ކަމަށެވެ. ޓްރަމްޕް ކުރިން ވަނީ ސީއައިއޭގެ ޑިރެކްޓަރު މައިކް ޕޮމްޕިއޯ ނޯތު ކޮރެއާ އަށް ވަޑައިގެން ކިމްއާ ބައްދަލު ކުރެއްވިކަން ޔަގީން ކޮށްދެއްވައިފަ އެވެ.

ޓްރަމްޕް ވިދާޅުވީ ޕޮމްޕިއޯ ވަނީ ކިމްއާ އެކު ރަނގަޅު ގުޅުމެއް އުފައްދަވައިފައި ކަމަށެވެ. އަދި ކިމްއާ އެކު ބޭއްވި ބައްދަލުވުން ނިމިގެން ދިޔައީ ވަރަށް އޮމާންކޮށް ކަމަށް ވިދާޅުވި އެވެ. މިއީ 2000 ވަނަ އަހަރުގެ ފަހުން ނޯތު ކޮރެއާ އާއި އެމެރިކާގެ އެންމެ ސީނިއާ އޮފިޝަލުން ބޭއްވި ބައްދަލުވުމެވެ. އެމެރިކާގެ ކުރީގެ ޚާރިޖީ ވަޒީރު މެޑެލިން އޯލްބްރައިޓް ވަނީ 2000 ވަނަ އަހަރު ނޯތު ކޮރެއާ އަށް ވަޑައިގެން އެ ގައުމުގެ އޭރުގެ ލީޑަރު އަދި ކިމްގެ ބައްޕާފުޅު ކިމް ޖޮން-އިލްއާ ބައްދަލު ކުރައްވައިފަ އެވެ.

ޓްރަމްޕް ވިދާޅުވީ ކިމްއާ އެކު ބާއްވާ ބައްދަލުވުން ކާމިޔާބު ވެދާނެހެން ހީނުވާ ނަމަ އެ ބައްދަލުވުމަށް ވަޑައިނުގަންނަވާނެ ކަމަށާ އަދި ބައްދަލުވުން ކުރިއަށް ދާއިރު ކާމިޔާބުވާހެން ހީނުވާ ނަމަ ބައްދަލުވުން ދޫކުރައްވާ ނުކުމެވަޑައިގަންނަވާނެ ކަމަށެވެ.

ޓްރަމްޕާއި ކިމްގެ ބައްދަލުވުން ބޭއްވޭނެ ކަމަށް މިހާރު ލަފާކުރަނީ ޖޫން މަހު އެވެ. ބައްދަލުވުން ބާއްވާނެ ތަނެއް އަދި ކަނޑަނާޅަ އެވެ.