Roadha Mihaaru
ބަޔާނަށް ވުރެ ރެއާލް ވަރުގަދަ: ކްރޫސް

ބަޔާނަށް ވުރެ ރެއާލް ވަރުގަދަ: ކްރޫސް

27 މާޗް 2017

މިއުނިކް (މާޗް 27) - ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ބަޔާން މިއުނިކާ ދެކޮޅަށް ކުޅެން ޖެހުނު ނަމަވެސް ޖެހިލުން ނުވާ ކަމަށާއި އެ ޓީމަށް ވުރެ ރެއާލް މެޑްރިޑް ވަރުގަދަ ކަމަށް އެ ޓީމަށް ކުޅޭ ޖަރުމަނުގެ މިޑްފީލްޑަރު ޓޮނީ ކްރޫސް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މިއުނިކް (މާޗް 27) - ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ބަޔާން މިއުނިކާ ދެކޮޅަށް ކުޅެން ޖެހުނު ނަމަވެސް ޖެހިލުން ނުވާ ކަމަށާއި އެ ޓީމަށް ވުރެ ރެއާލް މެޑްރިޑް ވަރުގަދަ ކަމަށް އެ ޓީމަށް ކުޅޭ ޖަރުމަނުގެ މިޑްފީލްޑަރު ޓޮނީ ކްރޫސް ބުނެފި އެވެ.

ބަޔާން ދޫކޮށް ކްރޫސް ރެއާލަށް ބަދަލުވީ 2014 ވަނަ އަހަރު އެވެ. އޭގެ ފަހުން ފާއިތުވި ދެ ސީޒަނުގައި ރެއާލްގެ މެދުތެރޭގައި އެންމެ ރަނގަޅު ކުޅުމެއް ދައްކަމުން އަންނަނީ ކްރޫސް އެވެ.

"އަހަރެމެންނަށް އެނގޭ ބަޔާނުގައި ތިބި ކުޅުންތެރިންގެ ފެންވަރު. އެ ކުޅުންތެރިންނާ ދެކޮޅަށް ކުޅެން ޖެހިލުމެއް ނުވޭ. އެއީ ކޮންމެ ގޮތެއްވިޔަސް ޗެމްޕިއަންސް ލީގު ހޯދަންޏާ އެބަޖެހޭ ބަޔާން އާއި ބާސެލޯނާ ކަހަލަ ޓީމުތައް ބަލިކުރަން،" ކްރޫސް ބުންޏެވެ. "ރެއާލްގައި ތިބި ކުޅުންތެރިންނަށް ބަލާއިރު ބަޔާނަށް ވުރެން ރެއާލް ވަރުގަދަ."

ރެއާލާއި ބަޔާން ވަނީ 2013/2014 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ބައްދަލުކޮށްފަ އެވެ. އެ ފަހަރު ބޮޑު ތަފާތަކުން ކުރި ހޯދީ ރެއާލް އެވެ. އޭރު ރެއާލްގެ ކޯޗަކަށް ހުރީ އަންޗެލޮޓީ އެވެ. އަދި އޭރު އަންޗެލޮޓީގެ އެސިސްޓަންޓަކަށް ހުރީ ޒިދާން އެވެ.

ކްރޫސް ބުނީ ތަޖުރިބާގެ ގޮތުން ބަޔާންގެ ކޯޗު ކާލޯ އަންޗެލޮޓީ އަކީ ރެއާލުގެ ކޯޗު ޒިދާނަށް ވުރެ ކުރީގައި އުޅޭ ކޯޗެއް ކަމަށެވެ.

"ތަޖުރިބާ އަށް ބަލާއިރު އަންޗެލޮޓީ އުޅެނީ ކުރީގައި. އެކަމަކު ޒިދާން އަކީ ވެސް ފެންވަރު ހުރި ކޯޗެއްކަން އޭނާ ސާބިތުކޮށްދީފި. މި ހުރިހާ ކަމަކަށް ބަލާއިރު މޮޅުވާނީ އެ މެޗަކަށް އެންމެ ތައްޔާރުވާ ޓީމެއް،" ކްރޫސް ބުންޏެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި ބަޔާން އަމިއްލަ ދަނޑުގައި ރެއާލާ ދެކޮޅަށް ނުކުންނާނީ އަންނަ މަހު 12 ވަނަ ދުވަހު އެވެ. ރެއާލް ދަނޑުގައި ކުޅޭ ދެ ވަނަ ލެގު އޮންނާނީ އަންނަ މަހު 18 ވަނަ ދުވަހު އެވެ.