Roadha Mihaaru
މީޑިއާތަކުގެ އޮބްޒާވަރުން މަދު ކުރަން އިސީން ބޭނުންވޭ

މީޑިއާތަކުގެ އޮބްޒާވަރުން މަދުކުރަން އީސީން ބޭނުންވޭ: އެމްޑީޕީ

08 ޖޫން 2018

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 23ގައި ބާއްވާ ރިޔާސީ އިންތިހާބު ހަރަކާތްތެރިވާ މީޑިއާތަކުގެ އޮބްޒާވަރުން މަދު ކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބޭނުންވާ ކަމަށް އެމްޑީޕީން ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 23ގައި ބާއްވާ ރިޔާސީ އިންތިހާބު ހަރަކާތްތެރިވާ މީޑިއާތަކުގެ އޮބްޒާވަރުން މަދު ކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބޭނުންވާ ކަމަށް އެމްޑީޕީން ބުނެފި އެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ އިންތިހާބުގެ ކަންކަން މީޑިއާތަކަށް އޮބްޒާވް ކުރެވޭނީ އިލެކްޝަންސް ކޮމިޝަނާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. އަދި އިލެކްޝަނުން ކުރިން، ކުރި އިއުލާނެއްގައި އިންތިހާބުގައި ހަރަކާތްތެރިވެވޭނީ ހަމައެކަނި މީޑިއާގައި މަސައްކަތް ކުރާ މީހުންނަށް ކަން އޭނާ ފާހަގަކުރެއްވި އެވެ.

މީގެ ކުރިން، މީޑިއާތަކުން ކަނޑައަޅާ މަންދޫބަކަށް ވޯޓު ނަގާ ސަރަހައްދުގައި ހަރަކާތްތެރިވެވޭ އިރު، އެ މަގު މިފަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ބަންދުކުރަން މަސައްކަތް ކުރާ ކަމަށް ޝިފާޒް ވިދާޅުވި އެވެ.

"އެއޮތީ އޮބްޒާވަރުން ނުވަތަ މޮނިޓަރުން މަދު ކުރުމަށް މަސައްކަތް ފަށާފައި. މީޑިއާއެއްގެ ފާހެއް އަޅައިގެން، އެތަން ތަނަށް މީހުން ފާރަވެރިވެވޭނެ ގޮތެއް ހަދައިފިނަމަ، އެބޭފުޅުންނަށް (އިލެކްޝަންސް ކޮމިޝަން) ވަރަށް އުނދަގޫވާނެ. ފުރަތަމަ އަމާޒު ހިފާފައި އޮތީ މީޑިއާތައް މަދު ކުރަން،" ޝިފާޒް ވިދާޅުވި އެވެ.

ޝިފާޒް ވިދާޅުވީ ކުރީގެ އިންތިހާބުތަކުގެ ނަތީޖާ މީޑިއާތަކާއި އިދިކޮޅު ޕާޓީތަކުން މޮނިޓާ ކުރަމުން އަންނަ ކަން އިލެކްޝަންސް ކޮމިޝަނަށް ސާފުވެފައިވާ ކަމަށެވެ.

ރިޔާސީ އިންތިހާބު އޮންނަ ދުވަސް އިއުލާން ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ޝަރީފް ވާހަކަ ދައްކަވަނީ. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ރިޔާސީ އިންތިހާބު އޮންނަ ދުވަސް އިއުލާން ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ޝަރީފް ވާހަކަ ދައްކަވަނީ. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"އަޅުގަނޑުމެން އެގްޒިޓް ޕޯލް ބަލަހައްޓަން ކޮންމެ ވޯޓު ފޮއްޓެއް ކައިރީގައި ޑެސްކެއް ބަހައްޓަން. އަޅުގަނޑުމެންނަށް އެނގޭނެ ވޯޓު ފޮއްޓަށް ވޯޓުލާން ވަންނަ މީހުންގެ އަދަދު. އެ އަދަދު ރައްޔިތުންނަށް އެނގުން ވެދާނެ ރަނގަޅު ކަމަކަށް ނުވަނީ ކަމަށް. އެ އެއްޗެހި ސޯޝަލް މީޑިއާގައި ހާމަ ކުރުން ނުވެދާނެ ރަނގަޅު ކަމަކަށް އެބޭފުޅުންގެ ނަޒަރިއްޔާގައި،" ޝިފާޒް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ އަމަލުތަކުން، އިންތިހާބުގެ ކަންކަން ކުރިއަށް ގެންދަން އެ ކޮމިޝަނުން ބޭނުންވަނީ ވަރަށް ބޮޑަށް ބަންދުކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ. މި މައްސަލައިގައި އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާ ވާހަކަ ދައްކަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބު، ސެޕްޓެމްބަރު 23ގައި އޮންނައިރު، މިއީ އެންމެ ބޮޑަށް ހުޅުވާލައިގެން ބާއްވާ އިންތިހާބު ކަމަށް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ރޭ ވަނީ ވިދާޅުވެފަ އެވެ.

ސިޔާސީ ޕާޓީތަކުގެ މަންދޫބުންނަށް ދައުވަތު ދީގެން، އިންތިހާބާ ބެހޭ މައި މަރުކަޒު، ބާޖަމާލުއްދީންގައި ބޭއްވި ރަސްމިއްޔާތެއްގައި ޝަރީފް ވިދާޅުވީ އެހެން އިންތިހާބުތަކާ ތަފާތުކޮށް، މޮނިޓަރުންގެ ގޮތުގައި މީޑިއާތަކަށް ހަރަކާތްތެރިވުމުގެ ފުރުސަތު ވަރަށް ފުޅާ ދާއިރާއެއްގައި އޮންނާނެ ކަމަށެވެ. އެކަމަކު، މޮނިޓަރުންނަށް އިންތިހާބުގެ ކަންކަމުގައި ބަސް ބުނުމުގެ ފުރުސަތު ނުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވޭތުވެދިޔަ އިންތިހާބުތަކުގެ ތަޖުރިބާއަށް ބަލާފައި މޮނިޓަރުންގެ ގޮތުގައި ބައެއް މީޑިއާތަކުން ނަންގަވާފައި ތިއްބެވި ބޭފުޅުންނަކީ އެކަމަށް އެކަށީގެންވާ ބޭފުޅުން ކަމަށް ނުވާތީވެ، ފުދޭ ވަރަކަށް ދިގު މުއްދަތެއް މި ދެނީ މީޑިއާތަކަށް، މޮނިޓަރުންގެ ގޮތުގައި ރަށްރަށުގައި ހަރަކާތްތެރިވާނެ މީހުން ނަންގަވައި އެމީހުންނާ އެކީގައި ވަގުތީ ކޮންޓްރެކްޓެއް ހައްދަވައި، އެ ކޮންޓްރެކްޓަކީ ރަސްމީ ސިފައެއްގައި އަޅުގަނޑުމެންނާ ހަމައަށް ނޫނީ ކަމާ ބެހޭ މުއައްސަސާއަކަށް ހުށަހަޅައި އެޕްރޫވްވާ ކޮންޓްރެކްޓަކަށް ވާން ޖެހޭނެ،" ޝަރީފް ވިދާޅުވި އެވެ.

މީޑިއާތަކުގެ ފަރާތުން ރިޔާސީ އިންތިހާބު މޮނިޓާ ކުރަން ބޭނުންވާނަމަ، އެ ފުރުސަތު އަންނަ ހަފްތާގައި ހުޅުވާލުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.