Roadha Mihaaru
ސިފައިންގެ އިތުބާރާ ގުޅިފައި ވަނީ އަޚުލާގާ: ރައީސް

ސިފައިންނަށް ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނީ އެންމެ މަތީ މިންގަނޑުގައި އަޚުލާގު ހިފަހައްޓައިގެން: ރައީސް

03 ނޮވެމްބަރ 2019

ސިފައިންނަށް، ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނީ އަޚުލާގީ އެންމެ މަތީ މިންގަނޑުގައި ހިފަހައްޓައިގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސިފައިންނަށް، ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނީ އަޚުލާގީ އެންމެ މަތީ މިންގަނޑުގައި ހިފަހައްޓައިގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރަމުން އަންނަ ރާއްޖޭގެ 31 ވަނަ ނަސްރުގެ ދުވަހުގެ ހާއްސަ ޖަލްސާ ގައި ރައީސް ވިދާޅުވީ، ސިފައިންގެ ކޮންމެ މީހެއްގެ ހަނދާނުގައި ވެސް އެންމެ ބޮޑަށް ހަރުލާފައި ހުންނަން ޖެހޭނީ އެ މީހުންގެ ވަޒީފާގެ ހުވާ ކަމަށެވެ. އާއްމު ރައްޔިތު މީހާގެ ހައިސިއްޔަތު ދޫކޮށް، ސިފައިންގެ މީހަކަށް ބަދަލުވުމާ އެކު، ކޮނޑުގައި އެޅިފައި ވަނީ ވަރަށް މަތިވެރި އަދި އެހާމެ ނުރައްކާތެރި ގައުމީ ވާޖިބެއްކަން އަބަދު ވެސް ހަނދާން ބަހައްޓަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ގޮތުގައި ރައްޔިތުންގެ އިތުބާރަކީ ސިފައިންނެވެ.

"އެ އިތުބާރު ދެމެހެއްޓޭނީ ސިފައިންގެ ކޯޑް އޮފް އެތިކްސް އަށް ފުރިހަމަ އަށް އަމަލުކޮށް އަސްކަރީ އަޚުލާގުގެ އެންމެ މަތީ މިންގަނޑުގައި ސާބިތުވެ ތިބެގެން. އެހެންކަމުން ގާނޫނުތަކާއި ގަވާއިދުތައް ފުރިހަމަ އަށް އަމަލުކުރުން މަތީ ދެމިތިބުމަށް ދިވެހި ހުރިހާ ސިފައިންނަށް އިލްތިމާސްކުރަން،" ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ.

ނޮވެމްބަރު 3، 1988 ގެ ހާދިސާއިން ސިފައިންނަށް އެތައް ފިލާވަޅުތަކެއް ލިބިފައިވާކަން ފާހަގަކުރައްވައިި، އެމަނިކުފާނު ވިދާޅުވީ، އޭގެ ތެރެއިން އެންމެ މުހިއްމު ކަމަކީ، ދެ ވަނަ ފަހަރަށް އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކުރަންވީ ކަންކަމަކީ ކޮބައިތޯ ދެނެގަތުން ކަމަށެވެ.

ސިފައިންގެ އެންމެ މަތީ ވެރިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ގޮތުގައި، ގައުމަށް ދިމާވާ ބޮޑު ކޮންމެ ކަމެއްގައި ވެސް ފުރާނަ ގުރުބާންވާން ފަހުރުވެރި ދަރިންތަކެއް އާލާވަމުން އަންނަ ކަމަކީ ހަމަޖެހުމާއި ސުލްހަމަސަލަސް ކަމަށް އިސްކަންދޭ ކަމުގެ ހެއްކެކެވެ. އަދި އެފަދަ ރައްޔިތުންތަކެއް އުފެދިގެން އަންނަނީ އަސްކަރިއްޔާއާ ދެމެދު އޮންނަ ފުރިހަމަ އިތުބާރާއި ބަދަހި ގުޅުމުގެ ސަބަބުން ކަމަށް ވިދާޅުވި އެވެ.

ނަސްރުގެ ދުވަސް ފާހަގަކުރަން މިރޭ ބޭއްވި ރަސްމިއްޔާތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (މ) ވަޑައިގަންނަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނަސްރުގެ ދުވަސް ފާހަގަކުރަން މިރޭ ބޭއްވި ރަސްމިއްޔާތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (މ) ވަޑައިގަންނަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެހެންވެ، އެ ގުޅުން އިތުރަށް ދަމަހައްޓައި ނެގެހެއްޓުމަށްޓަކައި ރައްޔިތުންނާ ވީހާ ވެސް ގާތުން ހިދުމަތްތައް ފޯރުކޮށްދިނުމަށް މިހާރަށް ވުރެ ބޮޑު އިސްކަމެއްދީގެން މަސައްކަތް ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ދުނިޔެ ދެކެމުން އަންނަ ޒަމާނީ ބަދަލުތަކާއި އާ ޓެކްނޮލޮޖީގެ ޒަރީއާ އިން ލިބޭ ކުރިއެރުންތަކާ އެކު، ރާއްޖޭގެ އަސްކަރީ އަދި ދިފާއީ ބާރަށް ވެސް ބަދަލުތަކެއް ގެންނަން މަޖުބޫރު ވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ދިފާއަށް ކުރިމަތިވާ ގޮންޖެހުންތައް ކުރިއާ އަޅާބަލާއިރު ތަފާތުވެފައިވާ އެ ބަދަލުތަކާ ކުރިމަތިލުމަށްޓަކައި އެކަން ކަމަށް ތައްޔާރުވެ، ސިޔާސަތުތައް އަލުން ވިލަރެސް ކުރުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ކަމަށް ވިދާޅުވި އެވެ.

"އަސްކަރިއްޔާގެ ގާބިލުކަން އިތުރު ކުރުމަށް ވަރަށް މުހިންމު ހަރުދަނާ ސިޔާސަތުތަކެއް މިހާރު ވެސް ރޭވިފައި އެބަހުރި. އަދި ސިފައިންގެ ވެލްފެއާ ކަންކަމަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް އަމަލީ ގޮތުން މިހާރު ވެސް އަންނަނީ މަސައްކަތް ކުރަމުން. އެހެންކަމުން ދިވެހި ސިފައިންގެ ހުނަރާއި ގާބިލްކަން އިތުރުކުރުމަށްޓަކައި ދިވެހި އަސްކަރީ ޒުވާނުންގެ އުނގެނުމަށާއި ފަންނީ ކުރިއެރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދޭ ކަމުގައި މި ފުރުސަތުގައި ދަންނަވަން،" ރައީސް ވިދާޅުވި އެވެ.