Roadha Mihaaru
އަރިދަފުސް ރޯގާ އެންމެ ބޮޑަށް ޖެހެނީ އެކަނިވެރިންނަށް

އަރިދަފުސް ރޯގާ އެންމެ ބޮޑަށް ޖެހެނީ އެކަނިވެރިންނަށް

01 އެޕްރީލް 2017

މިއީ ހެއްވާ ވާހަކައަކަށް ވެދާނެ އެވެ. އެކަމަކު ސައިންސްވެރިން މިކަން ކަށަވަރުކޮށްފި އެވެ. އެކަނިވެރިކޮށް އުޅޭ ބަޔަކު ވަކި ކޮޓަރިތަކެއްގައި ބޭތިއްބުމަށް ފަހު އެ މީހުންގެ ހަށިގަނޑަށް އަރިދަފުސް ރޯގާގެ ވައިރަސް ފޮނުވައި، ނަތީޖާ ބެލި އިރު އެނގުނީ އެކަނިވެރިކޮށް އުޅޭ މީހުން އަރިދަފުސް ރޯގާގެ ސަބަބުން ބަލިވާ މިންވަރު، އެކުވެރިން ގިނަ އުފާވެރި މީހުންނާ އަޅާބަލާއިރު މާ ބޮޑު ކަމެވެ.

އެމެރިކާގެ ރައިސް ޔުނިވަސިޓީން ކުރި މި ދިރާސާއިން ހާއްސަ ކަމެއް ފާހަގަވި އެވެ. ދިރާސާގައި ބައިވެރިކުރި މީހުންގެ ތެރެއިން، ވަރަށް ގިނަ މީހުންނާ ގުޅުން އޮންނަ ކަމަށް ބުނި މީހުންގެ ތެރެއިން ވެސް އެކަނިވެރިކަން އިހްސާސްވާ ކަމަށް ބުނި މީހުންނަށް ރޯގާގެ ސަބަބުން ކުރިމަތިވި އުނދަގޫތައް ބޮޑެވެ. މިކަމުން އެނގުނީ ކިތަންމެ މަދު މީހުންނަށް ގުޅުން އޮތް ނަމަވެސް އެކަނިވެރިކަން އެހާ ބޮޑު ނޫން ކަމަށް ބުނި މީހުންނަށް ރޯގާގެ ވޭން އެހާ ބޮޑު ނުވާ ކަމެވެ.

"ގުޅުން އޮންނަ މީހުން މަދުވުމާއި ގިނަވުމަކީ އެ މީހެއްގެ އިޖުތިމާއީ ގުޅުމުގެ ދުޅަހެޔޮކަން ސާބިތުކޮށްދޭ ކަމެއް ނޫން،" ދިރާސާ ޓީމުން ބުނެފައިވެ އެވެ.

ދިރާސާގައި ބައިވެރިކުރި މީހުންނަށް ރޯގާގެ ސަބަބުން ކުރިމަތިވި މައްސަލަތައް ޓެސްޓްކޮށްގެން ބަލައިފައެއް ނުވެ އެވެ. މިކަން ވަޒަންކުރީ ސުވާލުކޮށްގެންނެވެ. ރޯގާގެ ސަބަބުން ކުރިމަތިވި އުނދަގޫތައް ބޮޑު ކަމަށް ބުނި މީހުން އެންމެ ގިނައީ، އެކަނިވެރިކަން އިހްސާސްވާ ކަމަށް މި ދިރާސާއަށް ފާހަގަވެފައިވާ މީހުންގެ ތެރޭގަ އެވެ.

މީގެ ކުރިން ކޮށްފައިވާ ދިރާސާތަކުން އެނގިފައިވާ ގޮތުގައި އެކަނިވެރިކަމުގެ ސަބަބުން މީހާގެ ދިފާއީ ނިޒާމު ބަލިކަށިވެ ފަސޭހައިން ބަލިވެ އެވެ.

މި ދިރާސާ އެމެރިކަން ސައިކޮލޮޖިކަލް އެސޯސިއޭޝަންގެ، ހެލްތު ސައިކޮލޮޖީ ޖާނަލްގެ ބުރާސްފަތި ދުވަހުގެ އަދަދުގައި ވަނީ ޝާއިއުކޮށްފަ އެވެ.