Roadha Mihaaru
އަރިދަފުސް ރޯގާއަށް ފަރުވާއެއް ހޯދިދާނެ ގޮތެއް ފެނިއްޖެ

އަރިދަފުސް ރޯގާއަށް ފަރުވާއެއް ހޯދިދާނެ ގޮތެއް ދެނެގެންފި

16 މެއި 2018

އާންމު އަރިދަފުސް ރޯގާއަށް ފަރުވާއެއް ހޯދިދާނެ ގޮތެއް ދެނެގަނެވިއްޖެ ކަމަށް އިނގިރޭސި ވިލާތުގެ ސައިންސްވެރިން ބުނެފި އެވެ.

އާންމު އަރިދަފުސް ރޯގާއަށް ފަރުވާއެއް ހޯދިދާނެ ގޮތެއް ދެނެގަނެވިއްޖެ ކަމަށް އިނގިރޭސި ވިލާތުގެ ސައިންސްވެރިން ބުނެފި އެވެ.

އަރިދަފުސް ރޯގާއަށް ފަރުވާ ކުރުމުގައި އެންމެ ބޮޑު އުނދަގުލަކީ އެ ރޯގާގެ ވައިރަހުގެ އެތައްސަތޭކަ ވައްތަރެއް ހުންނާތީ އެވެ. އެހެންވެ ވައިރަހަށް ހަމަލާދީ ބަލިކޮށްލެވޭނެ ބޭހެއް ހޯދުން ވެފައި ވަނީ އުނދަގޫ ކަމަކަށެވެ. އެކަމަކު ސައިންސްވެރިން ބުނީ ވައިރަހަށް ހަމަލާ ދިނުމުގެ ބަދަލުގައި އިންސާނާގެ ހަށިގަނޑުގައި ވައިރަސް އުފުލާ ސެލްގެ ޕްރޮޓީން އަށް ޓާގެޓްކޮށް ފަރުވާއެއް އީޖާދުކުރެވިދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

އަރިދަފުސް ރޯގާގެ ވައިރަސް ހަށިގަނޑުގެ ސެލްތަކުގެ ވަކި ޕްރޮޓީންއެއް ހައިޖެކް ކުރެ އެވެ. އަދި އަމިއްލަ އަށް އުފެދި އިތުރުވެ އެވެ.

ލެބޯޓަރީގައި ކުރި ތަހުލީލުތަކާ ހަވާލާދީ ސައިންސްވެރިން ބުނީ އަލަށް ހޯދުނު ގޮތް ބޭނުންކޮށްގެން، ބަލީގެ ކުރީކޮޅު ފަރުވާ ދީފި ނަމަ ރޯގާގެ ކޮންމެ ވައްތަރެއް ވެސް ފަސޭހަކުރެވިދާނެ ކަމަށެވެ.

އިމްޕީރިއަލް ކޮލެޖް ލަންޑަންގެ ރިސާޗަރުން ބުނީ މި ފަރުވާއިން އިންސާނުންނަށް ގެއްލުމެއް އޮތްތޯ ބެލުމަށް، އިންސާނުން ބޭނުންކޮށްގެން ޓެސްޓްތައް ފެށުމަށް އަދި ދެ އަހަރު ހޭދަވާނެ ކަމަށެވެ.

ލެބްގައި ކުރި ޓެސްޓްތަކުގައި އިންސާނުންގެ ލަންގް ސެލްގެ ޕްރޮޓީން އަށް އަމާޒުކޮށް ފަރުވާ ދިނުމުން މިނެޓްކޮޅެއްގެ ތެރޭގައި ނަތީޖާ ފެނުނު ކަމަށް ނޭޗާ ކެމިސްޓްރީ ޖާނަލްގައި ރިޕޯޓްކޮށްފައިވެ އެވެ.