ރުޅި އައިސްގެން ހުރެ ކުރާ ވަރި ބައެއް ހާލަތްތަކުގައި ވަރިއަކަށް ނުވާނެކަމަށް ކަނޑައެޅުމަކީ އެކަމުގެ ސަބަބުން އެއްވެސް މީހެއްގެ ހައްގު ގެއްލޭނެ ކަމެއް ނޫން ކަމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު ވިދާޅުވެއްޖެ އެވެ.
03 ޑިސެމްބަރ 2025
ރުޅި އައިސްގެން ހުރެ ކުރާ ވަރި ބައެއް ހާލަތްތަކުގައި ވަރިއަކަށް ނުވާނެކަމަށް ކަނޑައެޅުމަކީ އެކަމުގެ ސަބަބުން އެއްވެސް މީހެއްގެ ހައްގު ގެއްލޭނެ ކަމެއް ނޫން ކަމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު ވިދާޅުވެއްޖެ އެވެ.
ސަމީރު މިހެން ވިދާޅުވީ "ތިއިނީ ވަރިކޮށްފައި" ކަމަށް ބުނެ، އަނބިމީހާ ވަރިކުރަން އިބާރާތް ބޭނުން ކުރެވުނީ އަމިއްލަ ނަފުސަށް ކޮންޓްރޯލް ނޯންނަ މިންވަރަށް ރުޅި އައިސްގެން ހުރެ ކަމަށް ޝަރީއަތުގެ މަޖިލީހުގައި ހުވާކުރުމުން، އެ ވަރި ސާބިތުނުވާ ކަމަށް ފެމެލީ ކޯޓުން ނިންމި ނިންމުމަކާ މެދު އުފެދުނު ބަހުސުގެ ތެރޭގަ އެވެ.
އާއިލީ ގިނަ މައްސަލަތަކެއްގައި ހުކުމް ކަނޑައަޅުއްވާފައިވާ ކުރީގެ ފަނޑިޔާރު ވިދާޅުވީ ކަންކުރާ މީހާގެ ނިޔަތް ދެނެގަތުމަކީ، އިސްލާމީ ޝަރީއާގައި އޮންނަ ހަމައެއް ކަމަށާއި އަދި ކަންކުރާ މީހާގެ ނަފްސާނީ ހާލަތުގެ މައްޗަށް ރިއާޔަތްކޮށް މީހުން ކުރާ ބައެއް ކަންކަމަށް އަދަބު ނުދީ ދޫކޮށްލުމަކީވެސް އިސްލާމީ ޝަރީއާ ބަލައިގަންނަ ހަމައެއް ކަމަށެވެ.
ކަންކުރާއިރު ގަސްދު އޮތްގޮތެއްގެ މައްޗަށް ފަނޑިޔާރުން ހުކުމް ކުރާއިރު ބަލަންޖެހެނީ އެ ސަބަބަށްޓަކައި ކަމަށް އޭނާ ވިދާޅުވި އެވެ.
"މި މިންގަނޑުން ބަލައި، ވަރިކުރުމުގެ ގަސްދުނެތި މީހާގެ ބުއްދީގެ މައްޗަށް ރުޅި ނުވަތަ އެ ނޫންވެސް އެފަދަ ސަބަބެއް އިސްވެފައިވާކަން އެނގެން އޮތްނަމަ "ތި ހުރީ ވަރިކޮށްފައި" ކަމަށް ބުނެ ދުލުން ބޭރުކުރާ ލަފްޒެއްގެ ސަބަބުން އެއީ ވަރިއަކަށް ނުވާނެ ކަމަށް ކުރީގެ އަދި ފަހުގެ އިލްމުވެރިންގެ ރައުޔުތައް ދެއްވާ އެކަމުގެ މައްޗަށް ޝަރުއީ ގޮތުން ދަލީލުވެސް ދައްކަވާފައި އެބަހުރި،" ސަމީރު ވިދާޅުވި އެވެ.
ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމު ވެސް ފުރުއްވި ސަމީރު ވިދާޅުވި ގޮތުގައި ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ އާއިލާއާބެހޭ ގާނޫނުގައި، ވަރި ސާބިތުކުރުމުގައި ކޯޓުތަކުން ބަލަންޖެހޭނެ މިންގަނޑުތަކަކީ ކޮބައިކަން ބުނެދީފައެއް ނުވެ އެވެ. ގާނޫނުގައި ބުނަނީ، ވަރިކުރަން ނުވަތަ ވަރިވާން ބޭނުންވެއްޖެ ނަމަ ކަންކަން ކުރަންޖެހޭނެ ގޮތެވެ. ކޯޓުން ބޭރުގައި ވަރިކުރީމާ ދެވޭނެއަދަބުތަކެވެ. އާއިލީ މައްސަލަތަކުގައި އަމަލުކުރަން އޮތް ގަވާއިދުތަކުގައި ވެސް ވަރި ސާބިތުކުރުމަށްޓަކައި ބަލަންޖެހޭނެ މައިގަނޑު ހަމަތަކެއް ބުނެދީފައެއް ނުވެ އެވެ.
ގާނޫނާއި ގަވާއިދުތަކުން ވަކި ގޮތަކަށް ބުނެފައި ނުވާ ކަންކަމުގައި ފަނޑިޔާރުން ބަލަން ޖެހެނީ އިސްލާމީ ޝަރީއާގައި އެކަން އޮންނަ ގޮތް ކަމަށާއި ވަރި ވަރިއަކަށް ވާގޮތާއި، ވަރި ސާބިތުވާނެ ގޮތްތަކަކީ އެކަމުގައި އިލްމުވެރިންގެ ޚިލާފު އޮތްކަމެއް ކަން ސަމީރު ފާހަގަކުރެއްވި އެވެ. އަދި ހިލާފު އޮތްނަމަ އެކަމުގައި ބަލަން ޖެހެނީ އިލްމުވެރިން ބުރަވާ ގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ.
"ފެމިލީ ކޯޓުން ނިންމަވާފައިވާ "ވަރިކުރީ ރުޅި އައިސްގެންކަމަށް ވާތީ ވަރިއަކަށް ނުވުން" އެގޮތަށް ކަނޑައެޅި ގަޒިއްޔާގައި ގެނެސްދީފައި އެވަނީ، ރުޅިއައިސްގެން ހުރެ ކުރާ ވަރި ވަރިއަކަށް ވާނެކަން ނުވަތަ ނޫންކަމާއި މެދު އިލްމުވެރިންގެ މެދުގައި ދެކެވިފައި ހުރި ވާހަކަތަކުގެ ބައެއް ތަފްސީލުތަކެވެ. އާދަޔާ ހިލާފަށް ރުޅި އައުން ވެސް ހިމެނޭނީ ނަފްސަށް ކުރިމަތިވާ ކަމެއްގެ ގޮތުގަ އެވެ. އޮޅުންއެރުން، މޮޔަވުން، މަޖުބޫރުވުން ފަދަ ހާލަތެއްގެ ގޮތުގަ އެވެ." ސަމީރު ލިޔުއްވާފައިވެ އެވެ.
ކުރީގެ ފަނޑިޔާރު ވިދާޅުވި ގޮތުގައި މޮޔަ މީހަކު އޭނާގެ އަނބިމީހާ ވަރިކުރީމާ ވަރިއަކަށް ނުވާނެކަމަށް ބުއްދީގެ ހަމައިން ވިސްނޭއިރު އާދަޔާ ހިލާފަށް ރުޅި އައުމަކީ ވެސް އެ ހާލަތު ކުރިމަތިވެދާނެ ކަމެއްކަން ބުއްދީގެ ހަމައިން ވިސްނޭންޖެހެ އެވެ. ނަފްސަށް ދިމާވާ ހާލަތަށް ރިއާޔަތްކޮށް ހުކުމް ނެރެވޭނެ ގޮތްތައް އިސްލާމީ ޝަރީއާގައި ބުނެދީފައި އެބައޮތް ކަން ވެސް ފާހަގަކުރެއްވި އެވެ.
އެހެންކަމުން، ސަމީރު ވިދާޅުވީ ރުޅިއައިސްގެން ހުރެ ކުރާ ވަރި، ވަރިއަކަށް ނުވުން އެއީ ހެއްވާ ގޮތެއްކަމަށް ކުރެވޭ ސުވާލަށް އޮތް ޖަވާބަކީ ރުޅި އައިސްގެން ކުރާ ވަރި ވަރިއަކަށް ނުވާނެ ގޮތް އެއީ ހަމަ ވެދާނެ ގޮތެއް ކަމަށެވެ. އަދި އެއީ އިސްލާމީ ޝަރީއާ އާއި ގާނޫނުތަކާއި ހިލާފު ގޮތެއް ކަމަށް ބުނެވެން ވެސް ނެތް ކަމަށެވެ.
"ދެން އޮތީ، މިފަދަ ވަރިއެއް ވެސް ވަރިއަކަށް ވާންޖެހޭނެކަމަށް ކަނޑައަޅަން ބޭނުން ނަމަ ކަންކުރަން ޖެހޭނެގޮތެކެވެ. އާއިލާއާބެހޭ ގާނޫނުގައި ނުވަތަ އެފަދަ ގާނޫނެއްގައި، ފިރިމީހާ ކޮންމެ ހާލަތެއްގައި ހުރި ނަމަވެސް ވަރީގެ ބަސް އަނގައިން ބޭރުކޮށްފި ނަމަ އެއީ ވަރިއަކަށްވާނެ ކަމަށް ގާނޫނުގައި ކަނޑައަޅަން ވީއެވެ. އޭރުން އެކަމުގެ މައްޗަށް އިތުރު މާނަކުރުމެއް ނުގެނެވޭނެއ އެވެ. އެކި ފަނޑިޔާރުން އެކިގޮތަށް ނިންމަން ވެސް ދަތިވާނެ އެވެ. އެއް ބާވަތުގެ މައްސަލަތަކުގައި ތަފާތު ނިންމުންތަކެއް ނާންނާނެ އެވެ،" ސަމީރު ލިޔުއްވި އެވެ.
ސަމީރު ވިދާޅުވި ގޮތުގައި ފިރިމީހާ ރުޅި އައިސްގެން އެ ކުރާ ވަރި ވަރިއަކަށް ނުވުމަކީ، ވަރިވާން ބޭނުންވާ އަނބިމީހާ ވަރިވުމަށް އެދުމަށް އޮތް ހުރަހެއް ނޫނެވެ. އަދި ފިރިމީހާއާ އެކު އުޅެވެން ނެތް ނަމަ ވަރިވާން އޮތް ފުރުސަތު އެބައޮތެވެ. ރުޅި އައިސްގެން ހުރެ ކުރާ ވަރި ބައެއް ހާލަތްތަކުގައި ވަރިއަކަށް ނުވާނެކަމަށް ކަނޑައެޅުމަކީ އެކަމުގެ ސަބަބުން އެއްވެސް މީހެއްގެ ހައްގެއް ގެއްލޭނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
"މި މައްސަލައިގައި ފެމިލީ ކޯޓުން ނިންމެވި ނިންމުން އެއީ އާދަޔާ ހިލާފު ގޮތަކަށް ނިންމަވާފައިވާ ނިންމުމެއް ނޫނެވެ. އިސްލާމީ ޝަރީއާ އަދި ދިވެހިރާއްޖޭގެ ގާނޫނުތައް އެގޮތަށް ހުއްދަކުރާތީ ނިންމަވާފައިވާ ނިންމުމެއްކަމަށް ދެކެމެވެ." ސަމީރު ވިދާޅުވި އެވެ.
ރޯދަ މަހު ވަރިކުރުން މަނާކުރުމުން އުފެދުނު ބަހުސް!
ވަރިކުރީ ރުޅިއައިސްގެން ކަމަށް ބުނުމުން ވަރިއަކަށްނުވި
"އާއިލީ ޝަކުވާ ސޯޝަލް މީޑިއަށް ނުގެނެސް ވާހަކަދައްކާ"
ބޭރުގައި ކައިވެނި ކުރުން:ނިޒާމު ހަރުދަނާކުރަން ޖެހިިފައި
ކޯޓުން ބޭނުންވަނީ ދަރިންގެ ހަރަދު ގާޒީން ކަނޑައަޅަން
ހަރަދުނުދޭ މީހުންގެ ނަން ހާމަކުރުން:ހަމަހަމަކަމެއް ނެތް
މުދާ ހޯދަނީ ދެމަފިރިން، ވަރިއަށްފަހު އެކަކު ހުސްއަތާ!
ފެމިލީ ކޯޓުން 97 މިލިއަން ރުފިޔާ ނަގައިދިން
ދަރިންގެ ހަރަދު ހޯދުމުގައި އާ ނިޒާމަކަށް ދާންޖެހޭ
ދަރިންނާ ބައްދަލުކުރަން އެޕޮއިންޓްމަންޓް: އަނިޔާއެއް!