ރާއްޖޭގައި ކައިވެންޏާއި ވަރި އާއި ދަރިންގެ ހަރަދުގެ މައްސަލައަކީ އަބަދުވެސް ޝަކުވާ ބޮޑު ކަމެކެވެ. ދެ ފަރާތުގެ ހައްގާއި މަސްލަހަތު ބިނާވެފައި އޮންނަ އެފެދަ މައްސަލަތަކުގައި ގާނޫނީ ގޮތުން ކުރިމަތިވާ ގޮންޖެހުންތައް ވެސް ބޮޑެވެ. މިފަދަ މައްސަލަތަކުގެ ތެރެއަށް އިތުރުވާ އަނެއް ބޮޅަކީ ރާއްޖެއިން ބޭރުގައި ދިވެހިން ކުރާ ކައިވެނިތަކުގެ މައްސަލަ އެވެ. އެހެން ގައުމެއްގެ ގާނޫނު ހިނގާ ތަނެއްގައި ކުރާ އެފަދަ ކައިވެނިތައް ރާއްޖޭގެ ގާނޫނުގެ ތެރެއިން ރަޖިސްޓަރީ ކުރުމާ ހިސާބުން މައްސަލަތަކެއް ދިމާވެ އެވެ.
26 ފެބުރުއަރީ 2025
ރާއްޖޭގައި ކައިވެންޏާއި ވަރި އާއި ދަރިންގެ ހަރަދުގެ މައްސަލައަކީ އަބަދުވެސް ޝަކުވާ ބޮޑު ކަމެކެވެ. ދެ ފަރާތުގެ ހައްގާއި މަސްލަހަތު ބިނާވެފައި އޮންނަ އެފެދަ މައްސަލަތަކުގައި ގާނޫނީ ގޮތުން ކުރިމަތިވާ ގޮންޖެހުންތައް ވެސް ބޮޑެވެ. މިފަދަ މައްސަލަތަކުގެ ތެރެއަށް އިތުރުވާ އަނެއް ބޮޅަކީ ރާއްޖެއިން ބޭރުގައި ދިވެހިން ކުރާ ކައިވެނިތަކުގެ މައްސަލަ އެވެ. އެހެން ގައުމެއްގެ ގާނޫނު ހިނގާ ތަނެއްގައި ކުރާ އެފަދަ ކައިވެނިތައް ރާއްޖޭގެ ގާނޫނުގެ ތެރެއިން ރަޖިސްޓަރީ ކުރުމާ ހިސާބުން މައްސަލަތަކެއް ދިމާވެ އެވެ.
ރާއްޖޭގައި ކައިވެންޏެއް ކުރާ ނަމަ އާއިލާއާ ބެހޭ ގާނޫނުގެ ދަށުން ކޯޓުތަކުން ބަލާ ބެލުންތަކެއް ހުރެ އެވެ. ކުރިން ކޮށްފައި ހުރި ކައިވެނިތަކުގެ ރެކޯޑާއި އެއް އަންބަށް ވުރެ ގިނަ އަނބިންނާ ކައިވެނި ކުރާ ނަމަ ދޮށީ އަނބިންނަށް ހަރަދު ކުރޭތޯ އާއި ލިބިފައިވާ ދަރިންނަށް ހަރަދު ކުރޭތޯ އާއި އެ ނޫން ވެސް ވަރަށް ގިނަ ކަންކަން ކޯޓުތަކުން ކަށަވަރު ކުރެ އެވެ. ދަރިންގެ ހަރަދު ނުދައްކާ އޮތް ނަމަ ކައިވެންޏެއް ނުކޮށްދެ އެވެ. ނަމަވެސް މި ހުރިހާ ކަމެއް ބަދަލުވަނީ ރާއްޖެ އިން ބޭރުގައި ކުރާ ކައިވެނިތަކާ ހިސާބުންނެވެ.
ރާއްޖެ އިން ބޭރުގައި ކައިވެނި ކުރަނީ ރާއްޖޭގެ ކޯޓުތައް މެދުވެރިކޮށް ކަމަށް ނުވާތީ މި ކަންކަމެއް ނުބަލަ އެވެ. އެހެންވެ، ރާއްޖޭގެ ގާނޫނުގައި ކައިވެނި ސައްހަވުމަށްޓަކައި ބަލާ ޝަރުތުތައް ފުރިހަމަ ނުވާ ގޮތަށް ވެސް ބައެއް ގައުމުތަކުގައި ކައިވެނި ކުރެ އެވެ. ދަރިންގެ ހަރަދު ނުދީ ވެސް ބައެއް ދިވެހިން މިގޮތަށް ބޭރުގައި ކައިވެނި ކުރެ އެވެ. ނަމަވެސް ގާނޫނީ މައްސަލަތައް ދިމާވާނީ މި ގޮތަށް ބޭރުގައި ކުރާ ކައިވެނިތައް ރަޖިސްޓަރީކުރަން ފެމިލީ ކޯޓަށް ހުށަހެޅުމުންނެވެ.
"ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައެޅިފައި ހުރި އުސޫލުތަކަށް ފިލުމަށްޓަކައި ރާއްޖެއިން ބޭރަށް ވަޑައިގެން ކައިވެނި ކުރައްވާ."
މިހާރު ގަވާއިދު އޮންނަ ގޮތުން ބޭރު ގައުމެއްގެ ސަރުކާރުން ގަބޫލުކުރާ މުސްލިމް ޖަމާއަތެއް މެދުވެރިކޮށް ކައިވެނި ކޮށްފައިވާ ނަމަ އަދި އެ ކައިވެންޏެއް ފެމިލީ ކޯޓުން ރަޖިސްޓަރީ ކޮށްދޭނެ އެވެ. ނަމަވެސް ރާއްޖޭގެ އާއިލާއާ ބެހޭ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކަންކަން ފުރިހަމަ ކޮށްފައި އޮތުމަކީ ޝަރުތެކެވެ. އެކަމަކު، ބައެއް ފަހަރު މި ޝަރުތުތައް ފުރިހަމަ ނުވާއިރު، ބޭރުގައި ކައިވެނިކުރި ކަމަށް ބުނެ ފޭކު ލިޔުންތައް ވެސް ކޯޓުތަކަށް ހުށަހަޅާފައި ހުރި ކަމަށް ވެ އެވެ.
ކައިވެނީގެ ހަފްލާއެއްގައި އަންހެނެއްގެ އިނގިލީގައި އަނގޮޓިއެއް އަޅުވަނީ --- ފޮޓޯ/އޭއެފްޕީ
އެހެންވެ، ދެން ނުކުންނަނީ ގާނޫނީ މައްސަލަތަކެކެވެ. ރާއްޖެ އިން ބޭރުގައި ކޮންމެވެސް ސިފައެއްގައި އޮންނަ ކައިވެންޏެއް އޮވެ އެވެ. ނަމަވެސް ރާއްޖޭގެ ގާނޫނުގައި ބުނާ ޝަރުތުތައް ހަމަނުވުމުން ކައިވެނި ރަޖިސްޓަރީ ނުކުރެވޭތީ، ދެ މީހުންގެ ހައްގުތަކެއް ގެއްލުމުގެ ފުރުސަތު ބޮޑެވެ. މިސާލަކަށް އެފަދަ ކައިވެނީގެ މައްޗަށް ލިބޭ ދަރިންގެ ނަސަބުގެ މައްސަލަ ކުރިމަތިވާއިރު، އެފަދަ ކައިވެންޏެއްގައި ތިބެފައި ވަރިކުރަން ބަލައި، ރަޖިސްޓަރީ ނުވާ ކައިވެންޏެއްގައި ކޯޓަށް ވަރި ރަޖިސްޓަރީ ކުރެވޭނެ ގޮތެއް ގާނޫނީ ގޮތުން ނޯވެ އެވެ.
އެހެން ގޮތަކަށް ބުނާ ނަމަ މިހާރު ނިޒާމު ރޭވިފައި އޮތް ގޮތުން ރާއްޖެ އިން ބޭރުގައި ކުރާ ކައިވެނިތަކަކީ ރާއްޖޭގެ ގާނޫނަށް "ފިލުމަށްޓަކައި" ބޭނުން ކުރެވިދާނެ އުކުޅެކެވެ. ފެމިލީ ކޯޓުން ވެސް ދާދި ފަހުން ފާހަގަކުރީ އެ މައްސަލަ އެވެ.
"އަޅުގަނޑުމެންނަށް އެބަ ފާހަގަ ކުރެވޭ ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައެޅިފައި ހުރި އުސޫލުތަކަށް ފިލުމަށްޓަކައި ރާއްޖެ އިން ބޭރަށް ވަޑައިގެން ކައިވެނި ކުރައްވާކަން،" ފެމިލީ ކޯޓުގެ އޮފިޝަލަކު ދާދި ފަހުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމެޓީގެ ބައްދަލުވުމެއްގައި ވިދާޅުވި އެވެ.
އެ ކޯޓުން ބުނިގޮތުގައި ރާއްޖެ އިން ބޭރުގައި ކުރާ ކައިވެނިތަކަކީ ރާއްޖޭގެ އާއިލާއާ ބެހޭ ގާނޫނާ އެއްގޮތަށް ކުރާ ކައިވެނިތަކަކަށް ވުން ލާޒިމް ކޮށްފައިވީ ނަމަވެސް، އެގޮތަށް ބައެއް މީހުން އަމަލެއް ނުކުރެ އެވެ. އޭގެ ސަބަބުން ނަސަބު އޮޅުން ފަދަ މައްސަލަތައް ދިމާވެދާނެ ކަމަށް އެ ކޯޓުން ވެސް ދެކެ އެވެ.
"މިއީ ވަރަށް ނުރައްކާތެރި ކަމެއް. މިއީ ނަސަބު ވެސް އޮޅިގެން ހިނގައިދާނެ ކަމެއް. މިއީ މުޖުތަމައުގެ ތެރޭގައި ނޭދެވޭ ވަރަށް ގިނަ ކަންކަން އުފެދިގެން ހިނގައިދާނެ ކަމެއް،" ފެމިލީ ކޯޓުގެ އޮފިޝަލް މަޖިލީހުގައި ވިދާޅުވި އެވެ.
"ބައެއް މީހުން ބޭނުންވާނެ ޕްރައިވެސީ. އެހެންވީމަ ގިނަ މީހުން ބޭރަށް ދަނީ ކައިވެނިކުރަން. އެކަމަކު ރަޖިސްޓްރީކުރަން ވީމަ ދެން ހުންނަ އުނދަގޫތައް މާ ބޮޑުވޭ ބައެއް ފަހަރު."
ކުރިން މިފަދަ މައްސަލަތަކެއްގައި މަސައްކަތް ކުރެއްވި ވަކީލަކު ވިދާޅުވި ގޮތުގައި ގާނޫނީ މައްސަލައެއް ނެތަސް، ދެމަފިރިން ކުރެ އެކަކު އެއްބާރުލުން ނުދީގެން ވެސް ކައިވެނިތައް ރަޖިސްޓަރީ ނުކުރެވޭ މައްސަލަ ދިމާވެ އެވެ. އޭގެ ސަބަބުން އިތުރު މައްސަލަތަކެއް ނިކުންނަ ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.
"ބައެއް ފަހަރު އަންހެން މީހާ ކައިވެނި ރަޖިސްޓަރީކުރަން މަސައްކަތް ކުރީމާ ފިރިހެން މީހާ އެކަމާ ހަވާލުނުވެ އަދި އެއްބާރުލުން ނުދީފައި ވެސް އެބަހުރި،" އޭނާ ވިދާޅުވި އެވެ.
ބައެއް މީހުންގެ ކަންބޮޑުވުމަކީ ފެމިލީ ކޯޓުގައި ކައިވެންޏާއި ވަކި ރަޖިސްޓަރީ ކުރުމުގެ އިޖްރައާތުތައް އުނދަގޫވުމެވެ. ރާއްޖެ އިން ބޭރުގައި ދިވެހިން ކައިވެނިކުރާ އެއް ސަބަބަކީ އެއީ ކަމަށް ވެސް ބައެއް މީހުން ދެކެ އެވެ.
ކުރިން ވާހަކަ ދެއްކެވި ވަކީލް ވިދާޅުވި ގޮތުގައި ރާއްޖެ އިން ބޭރުގައި ކައިވެނި ކުރަން ބައެއް މީހުން ދަނީ ޕްރައިވެސީ އާއި އެ ނޫން ބައެއް ސަބަބުތަކަށްޓަކަ އެވެ. ނަމަވެސް އެނބުރި ރާއްޖެ އައިސް ކައިވެނި ކުރަން މަސައްކަތް ކުރުމުން ރަޖިސްޓަރީ ކުރުމުގައި ހުންނަ ދަތިތައް ބޮޑު ކަމަށް އޭނާ ވިދާޅުވެ އެވެ.
"މިސާލަކަށް ބޭރުގައި ކައިވެނި ކޮށްދިން ޖަމާއަތަކީ ފެމިލީ ކޯޓުން ގަބޫލުކުރާ އިސްލާމީ ޖަމާއަތަކަށް ނުވާތީ ކައިވެނި ރަޖިސްޓަރީކޮށް ނުދީފާނެ. އެކަމަކު ފެމިލީ ކޯޓުން ގަބޫލުކުރާ ޖަމާއަތްތަކުގެ ލިސްޓެއް ވެސް އެންމެ ކުޑަމިނުން ނުހުރޭ އިއުލާންކޮށް ނުވަތަ ވެބްސައިޓްގައި އާންމުކޮށްފައެއް،" އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ ގަވާއިދު ކޮމެޓީގައި ކަމާބެހޭ ފަރާތްތަކާއެކު މިދިޔަ ހަފުތާގައި ބޭއްވި ބައްދަލުވުން --- ފޮޓޯ/މަޖިލިސް
"ބައެއް މީހުން ބޭނުންވާނެ ޕްރައިވެސީ. އެހެންވީމާ ގިނަ މީހުން ބޭރަށް ދަނީ ކައިވެނި ކުރަން. އެކަމަކު ރަޖިސްޓަރީކުރަން ވީމަ ދެން ހުންނަ އުނދަގޫތައް މާ ބޮޑުވޭ ބައެއް ފަހަރު،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް ފެމިލީ ކޯޓުން ބުނާގޮތުގައި ރާއްޖެއަކީ ވަރަށް ފަސޭހައިން ކައިވެންޏާއި ވަރީގެ ކަންކަން ނިންމޭ ގައުމެކެވެ.
"އަޅުގަނޑަކަށް ފެނިފައެއް ނެތް ދުނިޔޭގެ އެއްވެސް އިސްލާމީ ގައުމެއްގައި ވެސް އަދި އެ ނޫން ވެސް ގައުމުތަކުގައި ވެސް، އަޅުގަނޑުމެންގެ ދިވެހިރާއްޖެ އަށް ވުރެ ފަސޭހައިން ކައިވެނި ކުރެވޭނެ އެހެން ތަނެއް،" ފެމިލީ ކޯޓުގެ އޮފިޝަލް މަޖިލީހުގައި ވިދާޅުވި އެވެ.
ރާއްޖެ އިން ބޭރުގައި ކުރާ ބައެއް ކައިވެނިތައް ރަޖިސްޓަރީ ނުވެ، އިތުރު މައްސަލަތަކެއް ގިނަ ފަހަރަށް ނުކުންނަނީ ކުރިން ވެސް ފާހަގަކުރި ފަދައިން ރާއްޖޭގެ ގާނޫނުތަކާ އެއްގޮތަށް ކުރި ކައިވެންޏެއް ކަން ކަށަވަރު ނުކުރެވޭތީ ކައިވެނި ރަޖިސްޓަރީކޮށް ދިނުމަށް ގާނޫނީ ހުރަސް އޮންނާތީ އެވެ.
އެ ހާލަތުގައި، އެކަމަށް ހައްލެއް ގެނައުމަށްޓަކައި ރާއްޖެ އިން ބޭރުގައި ކުރާ ކައިވެނިތައް ރާއްޖޭގެ އެމްބަސީ މެދުވެރިކޮށް ފެމިލީ ކޯޓުގައި ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަކީ ކުރެވިދާނެ ކަމެކެވެ. ރާއްޖޭގެ އެމްބަސީތަކާއި ކޮންސިއުލޭޓްތައް ދިވެހިން އާންމުކޮށް ގޮސް އުޅޭ ވިއްސަކަށް ގައުމުގައި މިހާރު ވެސް އެބަހުއްޓެވެ. މިހާރު ވެސް ރާއްޖޭގެ އެމްބަސީތަކަށް މީހުން ހާޒިރުކޮށްގެން އޮންލައިންކޮށް ޝަރީއަތް ކުރެވޭއިރު، ކައިވެނި ނުކޮށްދެވެންވީ ސަބަބެއް ވެސް ނެތެވެ.
"އެމްބަސީތަކަށް ވެސް ހާޒިރުކޮށްގެން ކުރެވިދާނެ"
އޭރުން ކައިވެނީގެ ކުރިން ގާނޫނީ ގޮތުން ކަށަވަރު ކުރަންޖެހޭ ކަންކަން ބެލުމުގެ ފުރުސަތު ކޯޓަށް ލިބި އަދި ފަހުން ކައިވެނި ރަޖިސްޓަރީ ކުރަން ޖެހުމުން ދިމާވާ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތެއް ވެސް ނޯންނާނެ އެވެ.
ނަމަވެސް އެމްބަސީތައް މެދުވެރިކޮށް ފެމިލީ ކޯޓުން މިހާތަނަށް ކައިވެނިކޮށް ދިންކަން އެނގިފައެއް ނުވެ އެވެ. ފެމިލީ ކޯޓުގެ ގަވާއިދުގައި ވެސް ރާއްޖެ އިން ބޭރުގައި ކައިވެނި ކުރުމާ ބެހޭ އުސޫލުގައި އެފަދަ ވާހަކައެއް ބަޔާންކޮށްފައެއް ވެސް ނުވެ އެވެ.
ކުރިން ވާހަކަ ދެއްކެވި ވަކީލް ވެސް ވިދާޅުވާ ގޮތުން އެމްބަސީތަކަށް މީހުން ގޮސްގެން ފެމިލީ ކޯޓު މެދުވެރިކޮށް ކައިވެނިކޮށް ދިނުމަކީ ގާނޫނީ ގޮތުން ކުރެވިދާނެ ކަމެކެވެ. ނަމަވެސް ހާރިޖީ މަސައްކަތްތަކެއް ހިނގާ އެމްބަސީތަކުގައި އެކަން ކުރެވޭނެ ވަސީލަތްތައް ހުރިތޯ ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެމްބަސީތަކަށް ވެސް ހާޒިރު ކޮށްގެން ކުރެވިދާނެ. އެކަމަކު ދެން ދިމާވެދާނެ މައްސަލައެއް ޑިޕްލޮމެޓިކް އިމާރާތެއް ބޮޑު ކައިވެނީގެ ހަފުލާ ބާއްވާ ތަނަކަށް ބަދަލުވީމަ،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެގެން ވެސް ކައިވެނި ކުރެވޭނެ ފަދަ އިންތިޒާމްތައް ހަމަޖެހިފައި ހުރިއިރު، ރާއްޖެ އިން ބޭރުގައި ދިވެހިން ކުރާ ކައިވެނިތައް ރާއްޖޭގައި ރަޖިސްޓަރީ ކުރުމުގެ ނިޒާމު ހަރުދަނާ ކުރަން ޖެހެ އެވެ. އެހެން ނޫން ނަމަ ދެން އޭގެ ސަބަބުން އިތުރު ބޮޑެތި މައްސަލަތަކެއް ނުކުތުމުގެ ފުރުސަތު އެބައޮތެވެ.
ކޯޓުން ބޭނުންވަނީ ދަރިންގެ ހަރަދު ގާޒީން ކަނޑައަޅަން
މުދާ ހޯދަނީ ދެމަފިރިން، ވަރިއަށްފަހު އެކަކު ހުސްއަތާ!
މިދިޔަ މަހު 195 ކައިވެނި، 127 މީހުން ވަރިކުރި
މިދިޔަ މަހު 186 ކައިވެނި، 103 މީހުން ވަރިކުރި
ކައިވެނީގެ ރަޖިސްޓްރާއަށް ދެއަހަރު ފަހުން އަލުން ވަޒީފާ
އަންނަ އަހަރުގެ ހުރިހާ ދުވަހެއްގައި ކައިވެނިކޮށް ދޭނެ
ފެމިލީ ކޯޓުން 97 މިލިއަން ރުފިޔާ ނަގައިދިން
ބަންދު ދުވަސްތަކުގައި ވެސް ކޯޓުގައި ކައިވެނިކޮށްދެނީ
ދަރިންގެ ހަރަދު ހޯދުމުގައި އާ ނިޒާމަކަށް ދާންޖެހޭ
ހަމަ ބުނެލާއިރަށް ކައިވެނި ރުޖޫއަވާނެތަ؟