Roadha Mihaaru

ފްލެޓާއި މުދާ ހޯދަނީ ދެމަފިރިން، ވަރިއަށް ފަހު އެކަކު ހުސްއަތާ!؟

ދައުލަތުން ބިމާއި ފްލެޓްތައް ދިނުމުގައި ބަލާ އެއް ކަމަކީ އެ މުދަލެއް ލިބޭ މީހާގެ ކައިވެނީގެ ހާލަތެވެ. ފިރިމީހާ ނުވަތަ އަނބިމީހާގެ ނަމުގައި ބިމެއް ނުވަތަ ފްލެޓެއް އޮތް ނަމަ އިތުރު ބިމެއް ނުވަތަ ފްލެޓެއް ދެމަފިރިން ކުރެ މީހަކަށް އާންމު އުސޫލަކުން ނުލިބެ އެވެ. ނަމަވެސް މިގޮތަށް ދޭ ބިމާއި ފްލެޓް ކައިވެނި ރޫޅިގެން ދިޔަ ނަމަވެސް އޮންނަނީ ލިބޭ މީހާގެ މުދަލެއްގެ ގޮތުގަ އެވެ. ކައިވެނީގެ މުއްދަތުގައި ދެމަފިރިން ގުޅިގެން ހޯދާފައި ހުންނަ އެހެން ބާވަތުގެ މުދާތަކަށް ވެސް ވަނީ މިގޮތަށެވެ.

މުދާ ހޯދަނީ ދެމަފިރިން، ވަރިއަށްފަހު އެކަކު ހުސްއަތާ!
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

22 ޖެނުއަރީ 2025

ދައުލަތުން ބިމާއި ފްލެޓްތައް ދިނުމުގައި ބަލާ އެއް ކަމަކީ އެ މުދަލެއް ލިބޭ މީހާގެ ކައިވެނީގެ ހާލަތެވެ. ފިރިމީހާ ނުވަތަ އަނބިމީހާގެ ނަމުގައި ބިމެއް ނުވަތަ ފްލެޓެއް އޮތް ނަމަ އިތުރު ބިމެއް ނުވަތަ ފްލެޓެއް ދެމަފިރިން ކުރެ މީހަކަށް އާންމު އުސޫލަކުން ނުލިބެ އެވެ. ނަމަވެސް މިގޮތަށް ދޭ ބިމާއި ފްލެޓް ކައިވެނި ރޫޅިގެން ދިޔަ ނަމަވެސް އޮންނަނީ ލިބޭ މީހާގެ މުދަލެއްގެ ގޮތުގަ އެވެ. ކައިވެނީގެ މުއްދަތުގައި ދެމަފިރިން ގުޅިގެން ހޯދާފައި ހުންނަ އެހެން ބާވަތުގެ މުދާތަކަށް ވެސް ވަނީ މިގޮތަށެވެ.

ހަމަ އެހެންމެ، ދެމަފިރިންގެ ތެރެއިން އެކަކުގެ ބޭނުމަކަށް ނަގާ ލޯނު ފަދަ މާލީ ޒިންމާތަކުގެ ބުރަ ވެސް ކައިވެނި ނިމުމާ އެކު ގިނަ ފަހަރު އުފުލަން ޖެހެނީ ނެގި މީހާ އެވެ. އެ ހުރިހާ ފައިސާއެއް ބޭނުންކޮށްގެން އެ އިން ފައިދާ ހޯދި މީހާ ކައިވެނި ނިމުމާ އެކު، އޭނާގެ ޒިންމާ އިން ރެކިގަންނަނީ އެވެ. މިގޮތަށް ކައިވެނީގެ ތެރޭގައި ހޯދާފައި ހުންނަ މުދަލާއި ނަގާފައި ހުންނަ މާލީ އިލްތިޒާމްތައް ކައިވެނި ރޫޅުމާ އެކު، އެކަކުގެ އެއްޗަކަށް ބަދަލުވުމުން ދެން ނުކުންނަ މައްސަލަތައް ބައިވަރެވެ.

ކައިވެނީގެ އަދަދު އިތުރު ވިޔަސް، އެއްބަސްވުން ހަދާ މީހުންގެ އަދަދު މަދު

ކައިވެނި ކޮށްގެން ތިބޭއިރު ދެމަފިރިން ހޯދާ މުދަލާއި ފައިސާ ކައިވެނި ރޫޅުމަށް ފަހު، ދެ މީހުންގެ މެދުގައި ބެހޭނެ އުސޫލެއް އާއިލާއާ ބެހޭ ގާނޫނުގައި 2016 ވަނަ އަހަރު ހިމަނާފައިވެ އެވެ. އެ ގާނޫނުގެ ދަށުން އެގޮތަށް މުދާ ބެހެނީ ދެމަފިރިންގެ މުދަލާ މެދު އަމަލު ކުރާނެ ގޮތެއް ހިމެނޭ އެއްބަސްވުމެއް ދެ މީހުންގެ ދެމެދުގައި އޮވެގެންނެވެ. އެފަދަ އެއްބަސްވުމެއް އޮއްވާ ކައިވެނި ރޫޅިއްޖެ ނަމަ އެ މުދާ ދެ މީހުންގެ މެދުގައި ކޯޓުން ކަނޑައަޅާ އުސޫލުން ބެހޭނެ ކަމަށް އެ ގާނޫނުގައިވެ އެވެ.

ދެ ފަރާތުގެ ދެމެދުގައި ލިޔުމުން ވެފައިވާ އެއްބަސްވުމެއް ނެތް ނަމަވެސް އަމަލުކުރި ގޮތުން އެފަދަ އެއްބަސްވުމެއް އުފެދިއްޖެނަމަ ނުވަތަ ނޫންކަން ބެލިދާނެ."

ގާނޫނުގައި މިގޮތަށް އޮތް ނަމަވެސް މިފަދަ އެއްބަސްވުންތައް ރާއްޖޭގައި ހަދަނީ ނިސްބަތުން މަދު އަދަދެއްގެ މީހުންނެވެ. ރާއްޖޭގައި އަހަރެއްގެ މައްޗަށް އެތައް ހާސް ކައިވެންޏެއް ކުރާއިރު، މިފަދަ އެއްބަސްވުންތައް ހެދިފައި ހުންނަނީ އިނގިލިން ގުނާލެވޭހާ މަދު އަދަދެއްގެ ކައިވެނިތަކުގަ އެވެ. އަނެއްކޮޅުން ރާއްޖެއަކީ އާބާދީގެ ނިސްބަތުން ވަރި ގިނަ ގައުމަކަށް ވާއިރު، ކައިވެނީގެ މުއްދަތުގައި ހޯދާފައި ހުންނަ މުދަލާ ގުޅިގެން އުފެދޭ މައްސަލަތައް މަދެއް ނޫނެވެ.

ފެމިލީ ކޯޓަށް ބަޔަކު ވަންނަނީ --- ފޮޓޯ/މިހާރު

ފެމިލީ ކޯޓަށް ބަޔަކު ވަންނަނީ --- ފޮޓޯ/މިހާރު

ނަމަވެސް ކުރިން ބަޔާން ކުރި ފަދަ އެއްބަސްވުމެއް ދެ މީހުންގެ ދެމެދުގައި ނެތް ނަމަ ދެން އޮންނަ ގޮތަކީ މަދަނީ ވަކި ދައުވާއެއް ކުރުމެވެ. ނަމަވެސް އެފަދަ ކޮންމެ މައްސަލައެއް އެއީ ފަސޭހަ ކަމެއް ނޫނެވެ. މިސާލަށް ފިރިމީހާ އެދިގެން އަނބިމީހާގެ ނަމުގައި ނަގާފައި އޮންނަ ލުއި ލޯނު ފަދަ މުއާމަލާތްތައް ކުރީ ފިރިމީހާ އެދިގެންކަން ސާބިތު ކުރުމަކީ އެއްބަސްވުމެއް ނެތީސް ފަސޭހަ ކަމެއް ނޫނެވެ.

އެއްބަސްވުމެއް ނެތަސް މުދާ ހޯދުމުގެ ހައްގު އެބައޮތް

އާއިލާއާ ބެހޭ ގާނޫނު ބުނާގޮތުން ވަރި ކުރާއިރު، ދެމަފިރިންގެ މުދާ ބަހައި ދޭނީ ކައިވެނީގެ ކުރިން ހެދިފައިވާ އެއްބަސްވުމެއް އޮވެގެންނެވެ. މުދާ ބެހުމުގެ މަރުހަލާއަކީ ކައިވެނި ރޫޅާލުމުގެ މަރުހަލާގެ ތެރެއިން ކުރަންޖެހޭ ކަމެއް ކަމަށް އެ ގާނޫނުގައިވެ އެވެ. މިކަމާ ގުޅޭގޮތުން ހައި ކޯޓުން ވެސް ކުރިން ނިންމާފައިވަނީ ވަރިވުމަށް ފަހު، އާއިލާއާ ބެހޭ ގާނޫނުގައި ބުނާ އުސޫލުން މުދާ ބަހައި ދިނުމަށް އެދި މައްސަލަ ހުށަނޭޅޭނެ ކަމަށެވެ.

އެކަމަކު، އެއްބަސްވުމެއް ނެތުމުގެ މާނައަކީ ކައިވެނީގެ މުއްދަތުގައި ދެ މީހުން ގުޅިގެން ހޯދާފައި ހުރި މުދަލުގެ މައްޗަށް އޮންނަ ހައްގު ހޯދުމުގެ ދޮރު އެއްކޮށް ބަންދުވުމެއް ވެސް ނޫނެވެ. މާނައަކީ އާއިލާއާ ބެހޭ ގާނޫނުގައި ބުނާ އެއްބަސްވުމެއް ލިޔުމުން ހެދިފައި ނެތަސް، މަދަނީ ވަކި ދައުވާއެއްގެ ގޮތުގައި އެކަން ކޯޓަށް ހުށަހަޅައިގެން އެ ހައްގު ހޯދިދާނެ ކަމެވެ. އެގޮތުން 2023 ވަނަ އަހަރު ވެސް އެފަދަ މައްސަލައެއް ސުޕްރީމް ކޯޓުން ނިންމި އެވެ.

ދެމަފިރިންގެ ވެސް ބައިވެރިވެގެން ގިނަ ފަހަރު އެކަން މި ކުރަނީ. އެހެންވީމަ އަޅުގަނޑު ގަބޫލު ކުރަނީ ވަކިވެގެން ދިޔަޔަސް، އޭގެ މައްޗަށް ދެ މީހުންގެ ހައްގު ވެސް އޮންނާނެއޭ."

އެއީ ކައިވެނި ކޮށްގެން ހުރުމުން މީހަކަށް ބިމެއް ލިބި އަދި އަނބިމީހާގެ ހިއްސާއާ އެކު، ގެ އިމާރާތް ކޮށްފައި ވަނިކޮށް ކައިވެނި ރޫޅުމުން އަންހެން މީހާ އޭނާގެ ހައްގު ހޯދަން ދައުވާކުރި މައްސަލައެކެވެ. އެ މައްސަލާގައި އެ މުދަލާ މެދު އަމަލު ކުރާނެ ގޮތެއް ލިޔުމުން ހެދިފައިވާ އެއްބަސްވުމެއްގައި ނެތަސް އަދި އަންހެން މީހާ ކުރި ހަރަދު ސީދާ އެނގެން ނެތް ނަމަވެސް، އެ ބިން ލިބުނީ ކައިވެނީގެ މަތީގައި ހުރުމުން ކަމަށް ވާތީ އެކަމުގައި އަންހެން މީހާގެ ހައްގެއް އޮންނާނެ ކަމަށް ސުޕްރީމް ކޯޓުން ނިންމި އެވެ.

ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު ވެސް ދެކެވަޑައިގަންނަވާ ގޮތުގައި ކޮންމެހެން ލިޔުމެއް ހެދިފައިވާ އެއްބަސްވުމެއް ނެތަސް، ދެމަފިރިން ކައިވެނި ކޮށްގެން ތިބެ ހޯދާ މުދާ ދެ މީހުންގެ ދެމެދުގައި ބެހުމުގެ ފުރުސަތު އޮންނާނެ އެވެ. ވަކިން ހާއްސަކޮށް، ފްލެޓާއި ބިން ފަދަ މުދާތައް ލިބެނީ ކައިވެނީގެ ހާލަތަށް ބަލައިގެން ކަމަށް ވާތީ އެއީ ކައިވެނި ރޫޅުނަސް ދެ މީހުންގެ ހައްގު މުދަލުގެ މައްޗަށް އޮންނާނެ ކަމަށް އޭނާ ވިދާޅުވެ އެވެ.

"ދެ ފަރާތުގެ ދެމެދުގައި ލިޔުމުން ވެފައިވާ އެއްބަސްވުމެއް ނެތް ނަމަވެސް އަމަލުކުރި ގޮތުން އެފަދަ އެއްބަސްވުމެއް އުފެދިއްޖެ ނަމަ ނުވަތަ ނޫންކަން ބެލިދާނެ،" މިފަދަ ބައެއް މައްސަލަތައް ހައި ކޯޓުގައި ބެއްލެވި ސަމީރު އޭނާގެ ބްލޮގްގައި ލިޔުއްވާފައިވެ އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ކައިވެނި ކޮށްގެން ތިބުމުން ލިބުނު ލިބުނު ބިމާއި ފްލެޓްތައް ވެސް ކައިވެނި ރޫޅޭ ހާލަތުގައި ދެ މީހުންގެ ނަމުގައި ރަޖިސްޓަރީ ކުރެވެން ޖެހޭނެ އެވެ. ނަމަވެސް ބިމާ ބެހޭ ގާނޫނު އޮންނަ ގޮތުން ބިމަކީ ލިބޭ މީހެއްގެ އެއްޗެއް ކަމަށްވާތީ އެކަމުގައި ހުރަސްތަކެއް ހުރި ކަމަށް އޭނާ ވިދާޅުވެ އެވެ.

އެގްރިމެންޓެކޭ ބުނީމަ ބައެއް މީހުންނަށް ހީވަނީ ކަން ނޭނގެ އެއީ ވިޔަފާރި ވިސްނުމަކުން ކުރެވޭ ކަމެކޭ."

އާއިލީ ގިނަ މައްސަލަތަކެއްގައި ވަކާލާތު ކުރައްވާ ވަކީލް ހަމްޒާ ހަލީލް ވެސް ވިދާޅުވި ގޮތުގައި ކައިވެންޏަށް ބަލައިގެން ބިމާއި ފްލެޓްތައް ގިނަ ބަޔަކަށް ދީފައިވާއިރު، އެ ކައިވެނިތައް ރޫޅުމުން އެ މުދަލާ މެދު އަމަލު ކުރަންވީ ގޮތުގެ ގިނަ މައްސަލަތަކެއް ކޯޓުތަކަށް ކުރިއަށް އޮތް ތަނުގައި އަންނާނެ ކަމަށް ބެލެވެ އެވެ. އެފަދަ ކައިވެނިތައް ރޫޅުނަސް، އެ ދެ މީހުން ހައްގު ވެސް އެ މުދަލުގެ މައްޗަށް އޮންނާނެ ކަމަށް އޭނާ ވެސް ދެކެވަޑައިގަންނަވަ އެވެ.

"ފްލެޓަކީ ވެސް ފައިސާތަކެއް އިންވެސްޓް ކޮށްގެން ކުރާ ކަމެއް. އަދި ދެމަފިރިންގެ ވެސް ބައިވެރިވެގެން ގިނަ ފަހަރު އެކަން މި ކުރަނީ. އެހެންވީމަ އަޅުގަނޑު ގަބޫލު ކުރަނީ ވަކިވެގެން ދިޔަޔަސް އޭގެ މައްޗަށް ދެ މީހުންގެ ހައްގު ވެސް އޮންނާނެއޭ،" ހަމްޒާ ވިދާޅުވި އެވެ.

އެއްބަސްވުން ހެދުމަށް ގިނަ މީހުންގެ ޝައުގެއް ނެތް!

ހަމްޒާ ވިދާޅުވި ގޮތުގައި ކައިވެނީގެ ކުރިން ހަދާ އެއްބަސްވުމުގެ ދަށުން، ކައިވެނީގެ މުއްދަތުގައި ދެ މީހުން ހޯދާ މުދަލާ މެދު އަމަލު ކުރާނެ ގޮތް ސާފުކޮށް ބަޔާން ކުރުމުގެ ފުރުސަތު އޮތުމުން، ކައިވެނި ރޫޅުމަށް ފަހު، އުފެދޭ ދަރިންގެ ހަރަދާއި އެ ނޫން ވެސް މުދަލާ ގުޅޭ ގިނަ މައްސަލަތައް ކޯޓުތައް މެދުވެރިކޮށް ހައްލުކުރަން ފަސޭހަވެ އެވެ. އެކަމަކު، ރާއްޖޭގައި ކުރާ ކައިވެނިތަކުގެ އަދަދާ އަޅާ ބަލާއިރު، އެފަދަ އެއްބަސްވުންތައް ހަދާ މީހުންގެ އަދަދު ނިސްބަތުން ވަރަށް މަދު ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.

"އެއްބަސްވުން ހެދުމުގެ މުހިންމުކަން އަސްލު އެހާ ބޮޑަށް ނެތް ވިސްނިފައި އަދި ހޭލުންތެރިވެފައެއް ވެސް ނެތް. ބައެއް މީހުން ބުނޭ ވަރަށް ލޯބިންނޭ ތިމަންނަމެން މި އުޅެނީ. އެގްރިމެންޓެކޭ ބުނީމަ ބައެއް މީހުންނަށް ހީވަނީ ކަން ނޭނގެ އެއީ ވިޔަފާރި ވިސްނުމަކުން ކުރެވޭ ކަމެކޭ،" ހަމްޒާ ވިދާޅުވި އެވެ.

ރާއްޖޭގެ ގާނޫނުތަކެއް --- ފޮޓޯ/މިހާރު

ރާއްޖޭގެ ގާނޫނުތަކެއް --- ފޮޓޯ/މިހާރު

އޭނާ ވިދާޅުވި ގޮތުގައި އެފަދަ އެއްބަސްވުންތަކުގެ މުހިންމު ކަމާއި އޭގެ ސަބަބުން ފަހުން ލިބޭނެ ފަސޭހަތައް އެންމެންނަށް ވިސްނައި ދިނުމަށް ދައުލަތާއި މުއައްސަސާތަކުން މަސައްކަތް ކުރަން ޖެހެ އެވެ. ނަމަވެސް އެކަން ކުރެވިފައި ނެތުމުން އެ ނިޒާމަށް ގިނަ މީހުންގެ އިތުބާރެއް ނެތް ކަމަށް ހަމްޒާ ވިދާޅުވި އެވެ.

"މިކަމަށް ހޭލުންތެރި ކުރުވަން ދައުލަތުގެ މުއައްސަސާތަކުން ވެސް އަދި އެންޖީއޯތަކުން ވެސް އެބަޖެހޭ މަސައްކަތް ކުރަން. ކައިވެންޏަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ވެސް ތަންކޮޅެއް އިންޓްރެސްޓިން ގޮތަކަށް މިކަން އެބަ ޖެހޭކަން ނޭނގެ ކުރެވެން،" ހަމްޒާ ވިދާޅުވި އެވެ.

ސަމީރު ދެކެވަޑައިގަންނަވާ ގޮތުގައި އެކަމާ ގުޅޭ އެންމެ ފުރިހަމަ މައުލޫމާތު އާންމުންނަށް ނުލިބުމުގެ އޮތުމުގެ އިތުރަށް އެކަމާ ބެހޭ ގަވާއިދުތައް ދައުލަތުގެ އިދާރާތަކުން ހަދާފައި ނެތުމަކީ ވެސް އޭގެ އެއް ސަބަބެވެ. ޕްރީނަޕް އެއްބަސްވުންތަކާ ގުޅޭގޮތުން އާއިލާއާ ބެހޭ ގާނޫނަށް 2016 ވަނަ އަހަރު ގެނައި އިސްލާހުގެ ދަށުން ސަރުކާރުން ހަދަން ޖެހޭ ގަވާއިދުތައް މިހާތަނަށް ވެސް ހަދާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. މިކަން ހައި ކޯޓުގެ ކުރީގެ ހުކުމެއްގައި ވެސް ފާހަގަ ކޮށްފައިވެ އެވެ.

ކައިވެނީގެ ތެރޭގައި ތިބެގެން ދެ މީހުންގެ ބައިވެރިވުމާ އެކު، ހޯދާ މުދަލަކީ ކައިވެނި ރޫޅުމުން ވަކި މީހެއްގެ އެކަނި ހައްގެއްގެ ގޮތުގައި އޮތުމަކީ އަނެއް މީހާގެ ހައްގުތަކެއް ގެއްލިގެންދާ ކަމެކެވެ. މިކަމަށް ހައްލެއް ގެންނަން އޮތް އެންމެ ފަސޭހަ މަގަކީ އެފަދަ މުދަލާ މެދު އަމަލު ކުރަންވީ ގޮތް ބަޔާންކޮށް، ކައިވެނީގެ ކުރިން އެއްބަސްވުމެއް ހެދުމެވެ. ނަމަވެސް އެއްބަސްވުމެއް ނެތުމަކީ މިހާރު ރާއްޖޭގެ ނިޒާމު އޮތްގޮތުން އަނެއް މީހާގެ ހައްގު ހޯދުމަށް އޮތް ހުރަހެއް ނޫނެވެ.