Roadha Mihaaru
ކައުންސިލް އިންތިހާބަށް ކުރިމަތިލުން އޮކްޓޫބަރު 26ގައި

ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލުން އަންނަ މަހު 26ގައި ހުޅުވާލަނީ

29 ސެޕްޓެމްބަރ 2016

އަންނަ އަހަރުގެ ޖެނުއަރީ މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 26ގައި ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އަންނަ އަހަރުގެ ޖެނުއަރީ މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 26ގައި ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ ކައުންސިލަރުންނަށް ވުމަށް އެދޭ މީހުންނާއި އޮބްޒާވަރުންނާއި ކެންޑިޑޭޓުންގެ މަންދޫބު ކަމަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް އޮކްޓޫބަރު 26ގެ ފަހުން ފޯމު ދޫކުރާނެ ކަމަށެވެ.

އެހެން ފަހަރުތަކާ ހިލާފަށް މި ފަހަރު، އޮންލައިންކޮށް ވެސް އެކަމަށް ކުރިމަތިލެވެ އެވެ.

އަކްރަމް ވިދާޅުވި ގޮތުގައި އޮންލައިން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ވެސް ހަމަ އޮކްޓޫބަރު 26 ގައި ހުޅުވައިލާނެ އެވެ.

އިންތިހާބުގައި ވޯޓުލާ މީހުންގެ ލިސްޓު އަންނަ ހަފުތާ ތެރޭގައި އާއްމު ކުރާނެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓުލާ މީހުންގެ ލިސްޓު އާއްމު ކުރުމާއެކު، އެ ލިސްޓާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް ހުޅުވައިލާނެ ކަމަށެވެ.

މި ފަހަރުގެ އިންތިހާބުގައި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުން ޖުމުލަ 651 ކައުންސިލަރުން ހޮވާނެ އެވެ. މީގެ ކުރިން ތިބެނީ 1077 ކައުންސިލަރުންނެވެ. އެހެންކަމުން އެއީ 422 ކައުންސިލަރުން މަދުވުމެކެވެ.

ރަށު ކައުންސިލަރުންގެ މުސާރައަށް މިހާރު 11 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވާއިރު، ކައުންސިލަރުންގެ އަދަދު މަދުވުމާ ގުޅިގެން ދެން ކައުންސިލަރުންނަށް މުސާރައިގެ ގޮތުގައި ހަރަދު ކުރަން ޖެހޭނީ 7.3 މިލިޔަން ރުފިޔާ އެވެ. އަތޮޅު ކައުންސިލްތަކުގެ މެމްބަރުންނަށް މިހާރު މުސާރަ އަށް 2.7 މިލިޔަން ރުފިޔާ ހަރަދުވާއިރު، އާ ގާނޫނާއެކު މުސާރައިގެ ގޮތުގައި ހަރަދުވާނީ 1.5 މިލިޔަން ރުފިޔާ އެވެ. މިއީ ދެ ގުނަ ދަށްވުމެކެވެ.