Roadha Mihaaru

"ސިލޯނާ އެކު ދިވެހިން" ޓެލެތޯން ފަށައިފި

ސްރީ ލަންކާއަށް އެރި ތޫފާނުގައި ލިބުނު ގެއްލުންތަކުން އަރައިގަތުމުގައި ދިވެހިންގެ ފަރާތުން އެހީވުމަށް ކުރިއަށްގެންދާ "ސިލޯނާ އެކު ދިވެހިން" ޓެލެތޯން ފަށައިފި އެވެ.

"ސިލޯނާ އެކު ދިވެހިން" ޓެލެތޯން ފަށައިފި
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

30 ނޮވެމްބަރ 2025

ސްރީ ލަންކާއަށް އެރި ތޫފާނުގައި ލިބުނު ގެއްލުންތަކުން އަރައިގަތުމުގައި ދިވެހިންގެ ފަރާތުން އެހީވުމަށް ކުރިއަށްގެންދާ "ސިލޯނާ އެކު ދިވެހިން" ޓެލެތޯން ފަށައިފި އެވެ.

ޕީއެސްއެމްއިން ރާއްޖޭގެ އެހެން ބައެއް މީޑިއާތަކާ ގުޅިގެން މިއަދު ހެނދުނު 9:00 ގައި ފެށި ޓެލެތޯން މިރޭ މެންދަމު 1:00ގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ.

ޓެލެތޯންގައި 26 މީޑިއާއެއް ބައިވެރިވެ އެވެ.

މި ޓެލެތޯނުގައި މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށިތައް ވަނީ ބަހައްޓައިފަ އެވެ. މީގެ އިތުރުން ޓްރާންސްފާ އަދި ބޭންކް ޗެކް މެދުވެރިކޮށް ޓެލެތޯނަށް ފައިސާ ޖަމާކުރެވޭނެ އެވެ.

ދިވެހި ރުފިޔާއިން ނަމަ ޖަމާކުރާނީ 7730000796107 އެކައުންޓަށެވެ. އަދި ޑޮލަރުން ނަމަ ޖަމާކުރާނީ 7730000796106 އަށެވެ.

ޕީއެސްއެމްއިން އެ ޓެލެތޯން ބާއްވަން ނިންމީ ލަންކާ އަކީ ޒަމާނުއްސުރެ ދިވެހިންނާ އެންމެ ގާތް ގުޅުން އޮންނަ، އެންމެ ކަރިރީގައި އޮތް އަވައްޓެރި ގައުމު ކަމަށް ވާތީ ދިވެހިންގެ ފަރާތުން ދެވެން އޮތް އެހީތެރިކަމެއް ދިނުމުގެ ގޮތުންނެވެ.

ލަންކާ އަށް ލިބިފައިވާ ގެއްލުންތަކާ ގުޅިގެން، އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި 50،000 ޑޮލަރާއި 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަން ދިވެހި ސަރުކާރުން މިހާރު ވަނީ ނިންމައިފި އެވެ.

ތޫފާން ދީތުވާގެ ސަބަބުން ފެން ބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުން ފަދަ އެކި ހާދިސާތަކުގައި ލަންކާއިން މަރުވި މީހުންގެ އަދަދު ވަނީ 159 އަށް އަރައިފަ އެވެ. ހާލަތު ގޯސްވެ އިއްޔެ ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު ވެސް ވަނީ އިއުލާނުކޮށްފަ އެވެ.

ލަންކާއަށް ވިއްސާރަކުރާތާ ހަފްތާއެއް ފަހުން އެރި ތޫނާފާ އެކު ބޮޑެތި ގެއްލުންތަކެއް ވެފައި ވާއިރު ތޫފާނު މިހާރު ވަނީ ލަންކާއާ ދުރަށްޖެހި އިންޑިއާގެ ޓެމިލްނާޑޫއާ ކައިރިވެފަ އެވެ. ތޫފާނުގައި ވައި ގަދަވެ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް އިންޑިއާގެ އެކި ސަރަހައްދުތަކުން ވެސް ވަނީ ތައްޔާރީ ހާލަތަށް އައިސްފަ އެވެ.