(ބުދަ ދުވަހާ ގުޅޭ)
07 ޑިސެމްބަރ 2025
(ބުދަ ދުވަހާ ގުޅޭ)
އޭރު ތާމިރު އިނީ ކުރިމަތީގައެވެ. މުހުސިނާ އާއި ނިޒާރު ވެސް، އަންޖަލްގެ އަޑުއިވޭ ހިސާބުގައި ތިއްބެވެ.
"ހުސްވީތަ؟" ފޮށީގައި ހުރި ބޭސްތައް ބަލައިލާފައި އަންޖަލް ބުންޏެވެ. "އަހަރެން ހީކުރީ...
"ބޭސް ހުސްވީ؟" ތަންކޮޅެއް ބާރަށް ތާމިރުއަށް ބުނެވުނެވެ. "އަޅެ ރޭގަ ވެސް އަހަރެން އެހިން ބޭސް ހުސްވޭހޭ؟ ބުނި ބައިވަރު އެބަ ހުއްޓޭ! ތީ މީހުން ފަރުވާކުޑަކުރާ ކަހަލަ ކަންކަމެއް ނޫނެއްނު!"
ތާމިރު ބުނިލެއް ބާރު ކަމާއި ރާގުގެ ހަރުކަށިކަމުން ނިޒާރު އާއި މުހުސިނާ ވެސް އެ ދިމާ ބަލައިލިއެވެ. އެ ފަހަރު ނިޒާރަށް ކުޑަކޮށް އުނދަގޫވިއެވެ. އެހެނަސް ކަމަކަށް ނެހެދީއެވެ.
"ކިހިނެއްވީ ދަރިފުޅާ؟" ނިޒާރު އެހިއެވެ. "ކޯޗެއް ހުސްވީ؟"
"އެހާ ފަރުވާކުޑަވާކަށް ނުވާނެ ދޯ؟" އަންޖަލްއާ ސުވާލުކުރި ނަމަވެސް ޖަވާބު ދިނީ ތާމިރުއެވެ.
"ދަރިންނަކީ ކިހާ ބޮޑު ނިއުމަތެއް ކަމާ، ކިހާ ބޮޑު ނަސީބެއް ކަމެއް ނޭނގެންޏާ ކުދިން ނުހޯދާނީ. މާދަމާ ކުއްޖާ ދުނިޔެއަށް އަންނަ އިރު އެ ކުއްޖާ ބަލި ކުއްޖަކަށް ވީމަ ނޫނީ ކުއްޖާގެ ބޮޑު އައިބެއް ހުރީމަ ކާކު ޒިންމާ ވާނީ؟ އެ ކުއްޖާގެ ކޮން ކުށެއް އޮތީ؟ ދަރިން ދެކެ ތިހާ ފޫހިވަންޏާ ބަލިވެ ނީންނާނީ."
މުހުސިނާ ހިތަށް އެރިއެވެ. އެ ތަނުގައި ނީނދެވުނު ނަމައެވެ.
"އަދި ތިހާ ހިސާބަކަށް ދާކަށް ނުވެއެއްނު!" ހައިރާން ވެފައި އަންޖަލް ބުންޏެވެ.
"އަހަރެން ހީކުރީ މީގަ ބޭސްކާޑެއް އޮތް ކަމަށް. އެއީ ދެން އެ ވަރުގެ ކަމެއް ނޫން ދޯ؟ މި ދަރިފުޅު ދެކެ އަހަރެން ނުވާ ލޯތްބެއް ތާމިރުއަކަށް ވެސް ނުވެވޭނެ. ކީއްވެ؟ މީ އަހަރެންގެ ދަރިއެއް."
ދައްކަން ބޭނުން އެތައް ވާހަކައެއް އަންޖަލްގެ ހިތުގައި އޮބަހެއްޓިފައި ހުއްޓެވެ. އެހެނަސް، އަންޖަލްއަކީ މަޑުމައިތިރި ކުއްޖެކެވެ. ބަސްމަދު ކުއްޖެކެވެ. ވީމާ ކެތްކޮށްލައިގެން ހުރީއެވެ. މައްސަލައަކީ، މާ ގިނަ ދުވަހު އެހެން ހުރެވުނު ކަމެވެ.
"ހޫނ ދެން އެއީ އެހައި ކަމެއް ނޫނޭ ދަރިފުޅާ!" މައްސަލަ ފިނިކުރަން މަސައްކަތް ކުރަމުން ނިޒާރު ބުންޏެވެ. " މި ތާ ކައިރީގަ ހުންނާނީ ބޭސްފިހާރަ. އަންނާނަން ބޭސް ގަނެގެން. ކާފައަށް ބޭހުގެ ނަން ފޮނުވާލާ!"
"އުހުނ އަންޖޫގެ ކާފަ ދާނެ ކަމެއް ނެތް." ތާމިރު ބުންޏެވެ.
"ތެދެއް! ކާފަ ދާނެ ކަމެއް ނެތް،" އަންޖަލް ވެސް ބުންޏެވެ. "ތާމިރު ވެސް ދާނެ ކަމެއް ނެތް. ކީއްވެ ވަކި ތާމިރު ދާން ޖެހެނީ؟ އަހަރެންނަށް ބުނެދީބަލަ އަހަރެންގެ ދަރިފުޅު ދެކެ ތާމިރު ތިހާ ލޯބިވާ ސަބަބެއް. ތީ ރާއިފު ފެމެލީގެ މީހެއްތަ؟ ނޫނީ ކުއްޖަކު ބޭނުންވެގެން ނުލިބިގެން އުޅޭ މީހެއްތަ؟ އެހެންވެގެންތަ އަހަންނާ އިންނަން ތި އުޅެނީ؟"
"ދަރިފުޅާ!" ނިޒާރު ބުންޏެވެ. "ތީ ދެން މީހުން ދައްކާ ކަހަލަ ވާހަކައެއް ނޫނެއްނު!"
"އަންޖޫގެ ކުރިން ނުދެކޭ ސިފައެއް ތި ފެންނަނީ،" ވަރަށް ހިތްހަމަނުޖެހިފައި ތާމިރު ބުންޏެވެ.
"އަންޖޫގެ ދަރިއެއް ދެކެ އަހަރެން ޖެހޭނެ ނޫންތަ ލޯބި ވާން؟ އެއީ މައްސަލައެއް ނޫނޭ! ތި އުޅެނީ މުޅީން އެހެން މައްސަަލައެއް. އަހަންނަށް އެނގިފަ އޮތް ގޮތުން މި ގެއަކީ އެސްފީނާ ހަސަދަ ވަރަށް ބޮޑަށް ޖެހިފަ އޮތް ގެއެއް. މިހެން ބުންޏަކަސް އަންޖޫއަކަށް ނޭނގޭނެ. ގަބޫލެއް ވެސް ނުކުރެވޭނެ. ޖިންނި ސައިތޯނުންނާ، ވަސްވާސްތަކާ އެއްޗިއްސަކީ މި ޒަމާނުގެ ކުދިންނަށް ވިސްނޭ ކަހަލަ އެއްޗިއްސެއް ނޫން. ކޮންމެވެސް މީހަކު ބޭނުންވަނީ މި ގޭ ހުރިހާ ކުދިންގެ ޒަވާޖީ ހަޔާތް ބަނަކޮށް އަނދިރި ކޮށްލަން. އެ ކަން ރަނގަޅު ކުރަން އެބަ ޖެހޭ!"
އަންޖަލް ހިތަށް އެރިއެވެ. ތާމިރު ތި ހީކުރަނީ އަހަރެން މީ ކާކު ކަމަށް ހެއްޔެވެ؟ އަހަންނަކީ ޒުވާން، ގަމާރު އަންހެން ކުއްޖެއް ކަމަށް ހީނުކުރާށެވެ. އަހަންނަށް އެނގޭ ވަރަކަށް ތާމިރަކަށް ޖިންނިއެއް ނޭނގޭނެއެވެ.
"މި ގެއަށް އެއްކަމެއް ވެސް ކުރާނެ ކަމެއް..." އަންޖަލްއަށް ބުނެވުނީ އެ ހިސާބަށެވެ.
"ތީ ހަމަ ވަރަށް ބޮޑު ތެދެއް،" ނިޒާރު ބުންޏެވެ. "އަހަރުމެން އެ ކަމުން ސަލާމަތްކޮށްދީބަލަ! ތާމިރަށް އެނގޭތަ އެ ކަން ކުރަން؟ އަހަރެން ލާރި ދޭނަމޭ!"
ތާމިރަށް ވަރަށް ބޮޑު ހިތްވަރެއް ލިބުނެވެ. ހަގީގަތަށް ފަސްއަޅައި، އަވާމެންދުރުގެ އާ ސަފުހާއެއް ހުޅުވައިލިއެވެ.
"ހުރިހާ ކަމެއް ވެސް ދެން ރަނގަޅުވާނެ،" ތެދުވަމުން ތާމިރު ބުންޏެވެ. "އަހަރެންނަކީ އެ ކަހަލަ ކަންކަން ކުރާ މީހެއް ނޫން. އެކަމަކު ކޮށްދޭނެ މީހުން އެބަ ތިބި. ލާރި ދޭނެ ކަމެއް ނެތް. ޖިންނީގެ ކިބައިން މި ގެ ސަލާމަތް ކޮށްދޭނަން. އަންނާނަން އަންޖޫއަށް ބޭސް ހިފައިގެން."
އަލިފާނުގެ އަސްތަކެއް ކަހަލަ ބިޔަ އެއްޗެހިތަކެއް، ދުވެވޭ އެންމެ ބާރަކަށް ދުވިއެވެ. އޭގެ ބޮލުގައި، ބަކަރީގެ ހުންނަ ކަހަލަ، އެއަށް ވުރެ ދިގު ދެ ދަޅު ހުރެއެވެ. ނަގޫ ދިގުވެފައި ނަގުލުގެ ކެހެރިތައް ބޮލެވެ. ބޮލުން ފެށިގެން ނަގުލާ ހަމައަށް އޮންނަ ހުޅިގަނޑު އޮންނަނީ ބުޅިކޮށެވެ. ހަންމުށްޓަކުން ޖަހާ ހެން ނިކަން ބާރަށް ނަގުލުން ޖަހައެވެ. ޖަހަނީ އޭތީގެ މަގަށް އެޅޭ އެކި ކަހަލަ ހުރަސްތަކުގައެވެ. ޖެހޭ ކޮންމެ އެއްޗެއް ކުނޑިކުނޑިވެ، ބުރަބުރައިގެންދެއެވެ. އެ އަސްތައް މަތީގައި ގިނަ އިރު ހަރުލައި އިނުން އެކަނި ވެސް އެއީ ވަރަށް އުނދަގޫ ކަމެކެވެ. ދުވާލެއް ބާރު ކަމުންނެވެ. ކުރަންޖެހޭ ކަމަކީ، އެއަށް ވުރެ ބާރަށް ދުވެފައިދާ ޕުރާންގު ކަރުގައި ކަމަންދު އެޅުވުމެވެ. ޕުރާންގުއަކީ ނަމުރުގެ ވައްތަރެކެވެ. ދުވެލި ހަލުވި، ރެކެން ކުޅަދާނަ، ބުންވަރު ގަދަ ޕުރާންގުގެ ކަރަށް މަޅި އެއްލުމާ އެކު އަސް މަތިން ޕުރާންގުގެ މައްޗަށް އަސްވާރު ފުންމައިލަން ޖެހެއެވެ. އެ ފެށުނީ ކުޅިވަރުގެ ދެވަނަ އަދި ފަހު ބައެވެ. އެއީ ޕުރާންގު ކިޔަމަން ކުރުމުގެ ބައެވެ.
އެތައް ބައިވަރު ކިޔާނުންގެ މެދުގައި ފެށި އެ ކުޅިވަރު ނިމުމަކާ ހަމައަށް އައި އިރު ވާދަކުރީ ބަރުގާން އާއި ޖަންދުލްއެވެ. ޖަންދުލްއަކީ ބަރުގާންގެ އެކުވެރިއެކެވެ. އެހެނަސް، ކުޅިވަރުގައި އެކުވެރިކަމެއް ނޯވެއެވެ. ޖެހެނީ ވާދަކޮށްގެން މޮޅުވާށެވެ. ޕުރާންގު ފުރަތަމަ ކިޔަމަންކުރީ ޖަންދުލްއެވެ. އެ ހިސާބުން ޖަންދުލް މޮޅުވެ ކުޅިވަރު ނިމުނީއެވެ. ޖަންދުލް އިނީ ހައިރާން ވެފައެވެ. އެ މޮޅު ގަބޫލުކުރަން ޖަންދުލްއަށް އުނދަގުލެވެ. މަންޒަރު ބަލަން ވަރަށް އުހުގައި އަތީލާ އިނެވެ. އެ ކުޅިވަރަކީ ބަރުގާން ފަސޭހަކަމާ އެކުގައި މޮޅުވާ ކުޅިވަރެކެވެ. ބަލިވާން ޖެހުނީ ބަރުގާންގެ ފެންވަރު ދެރަވެގެނެއް ނޫނެވެ. އޭގެ ފަހަތުގައި އޮތީ އެހެން ކަމެއްކަން އަތީލާއަށް އެނގެއެވެ.
"ކިހިނެއް ތި ހެދީ؟" ކިޔަމަންވި ޕުރާންގު މަތިން ފައިބަމުން ޖަންދުލް ބުންޏެވެ. "އަހަންނަށް ދޫކޮށްލީ؟ ބަރުގާނަށް ވުރެ އަހަރެން މޮޅެއް ނުވާނެ. އަހަންނަށް ދަސްކޮށްދިނީ ބަރުގާން."
"ޖަންދުލްއަށް އެނގޭނެ އަހަރެން ދޫކޮށްނުލާނެކަން،" ބަރުގާން ބުންޏެވެ. "ކުޅިވަރަކީ އެ ކަހަލަ އެއްޗެއް. އެއް ފަހަރު މޮޅުވާނެ އަނެއް ފަހަރު ބަލިވާނެ."
ބަރުގާން އެހެން ބުނި އިރު، ޖަންދުލްގެ މޫނަށް ބަރުގާން ނުބަލަން އުޅޭކަން ޖަންދުލްއަށް ފާހަގަ ކުރެވުނެވެ. ވީމާ، ޖަންދުލް ގޮސް ބަރުގާންގެ ކުރިމައްޗަށް ހުއްޓެވެ.
"ކޮބާ މައްސަލައަކީ؟" ޖަންދުލް އެހިއެވެ. "އަންޖޫ ދޯ؟"
"އަހަރެން މިހާރު އަންޖޫއަކަށް ނުވިސްނާނެއްނު،" ބަރުގާން ބުންޏެވެ. އަދި ދުރުން ބަލަން އިން އަތީލާ ދައްކައިލިއެވެ. "އެހެރީ އަހަރެންގެ އަންހެނުން. އަންޖޫ އުޅެނީ އެހެން މީހަކާ އިންނާށޭ ބުނީމެއްނު!"
"އެ ވާހަކަ ބުނި،" ޖަންދުލް އެއްބަސްވިއެވެ. "އެކަމަކު ކޮންމެވެސް ވާހަކައެއް އެބަ ސިއްރު ކުރޭ!"
ބަރުގާން އުޅުނީ ނުބުނާށެވެ. އެކަމަކު ކޮންމެ ދިމާއަކަށް ބަރުގާން އެނބުރިލި ނަމަވެސް، ޖަންދުލް އެ ދިމާއެއްގައި، ކުރި ބައްދައިގެން ހުރެއެވެ.
"އަހަރެން ބޭނުމެއް ނޫން އެ ވާހަކަ ދައްކާކަށް،" އެހެން ބުނެފައި ވެސް އެ ވާހަކަ ނުދައްކައެއް ބަރުގާންއަކަށް ނުހުރެވުނެވެ.
"އަންޖޫ އެ އުޅެނީ ފާޑެއްގެ ތާމިރަކާ އިންނަން. އަންޖޫގެ ކާފަމެން އެ ކަމެއް އެ ކުރުވަނީ. ކާފަމެންނަކަށް ތާމިރެއް ނޭނގޭ! ތާމިރުގެ އަންހެނުން ހުރީ އިންޑިޔާގަ. އެ ދެމަފިރިންނަކަށް ކުދިންނެއް ނުލިބޭ! ވަރިވާކަށް ބޭނުމެއް ނޫން. މިހެން އުޅެނިކޮށް ތާމިރަށް އަންޖޫ މި ފެނުނީ. ވިހެއިމަ، ކައިވެނި ކޮށްފަ، ކުއްޖާ ގޮވައިގެން އޭނަ އެ އުޅެނީ ފިލަން."
"ކޮބާ މައްސަލައެއް؟ ދޮންބައްޕައެއްނު!" ޖަންދުލް ވަރަށް ހަމަޖެހިލާފައި ބުންޏެވެ.
"ބަލަ މިއޭ ބައްޕައަކީ،" ބަރުގާން މޭގައި އަތްޖަހައިލާފައި ބުންޏެވެ. "އަހަރެންގެ ދަރިއޭ އެއީ! އަހަރެން ހުންނާނެތަ މަޑުން؟"
"އާނ!" ރާގުލާފައި ދަމާލައިފައި ޖަންދުލް ބުންޏެވެ. "އެއީ ތެދެކޭ! ވިހެއީމަ ވަގަށް ނަގައިގެން ގެންނާނީ."
"އޭރުން އަންޖޫ ކިހާ ދެރަވާނެ." ބަރުގާން ބުންޏެވެ.
"ދެން ބުނަންވީނު ތިއޭ ބައްޕައަކީ." ޖަންދުލް ދެވަނަ ހިޔާލެއްދިނެވެ.
"އޭރުން އަންޖޫ ކިހާ ފޫހިވާނެ." ބަރުގާން ބުންޏެވެ.
އެ ހިސާބުން ޖަންދުލްގެ ޖަވާބު ހުސްވެ، ހުއްޓުން އެރިއެވެ. ވަގުތެއް ނުހުއްޓެވެ. އިރުއަރައި އޮއްސުމަކަށް ބަދަލެއް ނާދެއެވެ. އަންޖަލްގެ ބަނޑަށް ދުވަސްވާ ވަރަކަށް، ދަރިފުޅު ދެކެ ތާމިރު ވި ލޯބި ދިޔައީ އިތުރުވަމުންނެވެ. ރާއްޖެއިން ބޭރަށް ދިޔުން ތާމިރު ހުއްޓައިލިއެވެ. ރަށަކަށް ދިޔަސް ރިޒޯޓަކަށް ދިޔަސް އަންޖަލް ގެންދެއެވެ. އަންޖަލް އެކަންޏެއް ނޫނެވެ. ކޮއްކޮމެން ވެސް ގެންދެއެވެ. އެއީ މީހުންގެ ދޫތައް ތަޅުލުމަށް ޓަކައި ތާމިރު ކުރި ކަމެކެވެ.
ކުޑަހުވަދޫގައި ވަރަށް ބޮޑު ގެސްޓު ހައުސްއެއް ހަދާތީ ތާމިރު އެ ރަށަށް ދާން ޖެހުނެވެ. ދުވާލު ތާމިރު އަވަދިނެތި އުޅޭތީ އަންޖަލްއަކަށް ވަގުތެއް ނުދެވެއެވެ. އެހެންކަމުން ރޭގަނޑުގެ ވަގުތު ހުސްކުރަނީ އަންޖަލްއަށެވެ. ކޮންމެ ރެޔަކު ވެސް ފާލަން ކައިރިއަށް މަސްބާނަން ދެއެވެ. އެ ރަށުގައި ދިގު ފާލަމެއް އޮވެއެވެ. ރައްޓެހިންނާ އެކުގައި ތާމިރު ދޮށި އެއްލައިގެން ހުންނަ އިރު، އަންޖަލް ވެސް ދޮށި އެއްލައިގެން ގޮނޑިއެއްގައި އިނދެއެވެ. މަހެއް ގަނެފިއްޔާ ހުރިހައި ކަމެއް ކޮށްދެނީ ތާމިރެވެ.
އަންޖަލްމެން ތިބެނީ ގެސްޓު ހައުސްއެއްގައެވެ. އާދައިގެ މަތިން، އެ ތަނުގެ ގިނަ މީހުން އަންޖަލްއާ ރައްޓެއްސެވެ. އެންމެ ރައްޓެހީ ބަދިގޭގައި އުޅޭ އަންހެން ގުރޫޕެވެ. އިސްމީހަކަށް އުޅެނީ މަރިޔަންއެވެ. އެކުވެރިން ކިޔާ ނަމުން ނަމަ، މަރިޔަންދައްތައެވެ. އުމުރުން ދުވަސްވީ، އިސްކޮޅުން ދިގު، ހިކި މީހެކެވެ. އަންޖަލްއަށް އޭނަ ކިޔަނީ ދަރިފުޅެވެ. އެއްރޭ އަންޖަލް މަހަށް ދާން ނުކުމެފައި، ތާމިރު ނުނިކުންނާތީ މަޑުކޮށްލައިގެން އިންދައި މަރިޔަން ދައްތަ އައެވެ.
"ދަރިފުޅާ! ބަނޑުބޮޑު އިރު ކޮންމެ ރެޔަކު ތި ގޮތަށް މަހަށް ދާކަށް ނުވާނެ،" ސިއްރުސިއްރުން އޭނަ ބުންޏެވެ. "ތީ އެހާ ރަނގަޅު ކަމެއް ނޫން." (ނުނިމޭ)