(އާދިއްތަ ދުވަހާ ގުޅޭ)
10 ޑިސެމްބަރ 2025
(އާދިއްތަ ދުވަހާ ގުޅޭ)
"ތީ އެހާ ރަނގަޅު ކަމެއް ނޫން." ސިއްރުސިއްރުން އޭނަ ބުންޏެވެ.
މަރިޔަންދައްތަ ބުނީ އަންޖަލް ބިރުގަންނަ ޒާތުގެ ވާހަކައެއް ނޫނެވެ. ބިރުވެރިކަން އެކުލެވިފައިވީ އޭނަގެ ރާގުގައެވެ. މަރިޔަންދައްތަގެ ދެލޮލާއި އަޑުގައެވެ. އޭނަ ބުނާހެން ހީވާ ކަހަލައެވެ. އަހަންނަށް މި ވަގުތު، މި ތާ ހުރެގެން ބުނެވޭނީ މި ވަރަށެވެ. އޭރު ތާމިރު ގެސްޓު ހައުސްއިން ނުކުންނަނީއެވެ. މަރިޔަންދައްތަ އިސްޖަހާލައިގެން، އަވަސް ފިޔަވަޅުތަކެއް އަޅަމުން އެ ތަނުން ދިޔައެވެ. ތާމިރު ހުރީ ވަރަށް ހިތްހަމަނުޖެހިފައެވެ. ހިނގާފައި އަންޖަލް ގާތަށް އައި ނަމަވެސް ތާމިރުގެ ނަޒަރު ހުރީ މަރިޔަންދައްތައަށެވެ.
"އޭނަ ކީކޭ ކިއީ؟" ތާމިރު ސުވާލުކުރިއެވެ.
"އެއްޗެކޭ ނުކިޔާ!" އަންޖަލް ވަރަށް ހަމަޖެހިލާފައި ބުންޏެވެ. "މިރޭ ވަރަށް ހަނދުވަރު ރީތިވާނޭ، ހަނދުއަރާ ގަޑީގަ ވަރަށް މަސްބޭނޭނޭ އެ ކަހަލަ އެއްޗެއް އޭނަ ބުނީ. ހިނގާބަލަ އަވަހަށް ދަމާ! ކޮބައިތަ އެހެން މީހުން؟"
އަންޖަލް ދެއްކި ވާހަކަ ތާމިރު ގަބޫލުކުރި ހެނެއް ހިޔެއް ނުވެއެވެ. ވާނީ ވެސް އެހެންނެވެ. މަރިޔަންދައްތަ ކުއްލިއަކަށް ހިނގައިގަތީ، ބަލާ ކޮންމެ މީހަކަށް ވެސް ޝައްކުވާ ކަހަލަ ގޮތަކަށެވެ.
"އެ މީހުން މިރޭ އެބަ އޮތޯ އެހެން ކަމެއް،" ތާމިރު ބުންޏެވެ. "ހިނގާ ދަމާ!"
ތާމިރު ދެއްކި ވާހަކަ އަންޖަލްއަކަށް ވެސް ގަބޫލެއް ނުކުރެވުނެވެ. ކުއްލިއަކަށް ހުރިހައި އެންމެން އެއްކޮށް ކުރަން އޮންނާނީ ކޮން ކަމެއް ހެއްޔެވެ؟
"އެ މީހުން ނާންނަންޏާ މަޖައެއް ނުވާނެ،" ގެސްޓު ހައުސްއާ ދިމާއަށް ހިނގައިގަންނަމުން އަންޖަލް ބުންޏެވެ. "އަހަރެން ބުނީމަ ނުކެރޭނެ ނޫނެކޭ ބުނާކަށް."
"އަންޖޫ!" ތާމިރު ތަންކޮޅެއް ބާރަށް ގޮވައިލުމުން އަންޖަލް ހުއްޓުނެވެ. "އެ މީހުން ބައިތިއްބަބަލަ! ގަދަކަމުން ކީއްކުރަން ގެންނަނީ؟ އަހަރެން މިހިރީނު. ގަދަޔަށް މަސްބޭނެން ފެށީމަ ގުޅާނީ. ނުކެރޭނެ ނައިހެއް."
އަންޖަލް ހިތަށް އެރިއެވެ. އެއީ ވެސް ރަނގަޅު ގޮތެކެވެ. ވީމާ، ދެ މީހުން އެކުގައި އަތިރިމައްޗާ ދިމާއަށް ހިނގައިގަތެވެ. މަގުމަތި ވަރަށް ފަޅެވެ. އެއް ފަރާތުގައި އޮތީ އަނދިރި ވަލެވެ. އެ ވަލު ތެރެއިން ފާޑެއްގެ އަޑެއް އިވެއެވެ. އެއީ ކަނބިއްޔެއްގެ އަޑެވެ. ނުވަތަ ރަނގަޅަށް އަޑުނުފެޅާ ދޫންޏެއްގެ އަޑެވެ. ޔަގީނުން ވެސް އެ ތަނުގައި މިނިކާ ޖަނަވާރެއް ނޫޅޭނެކަން އަންޖަލްއަށް އެނގެއެވެ. އުޅޭނީ ނުފެންނަ ބައެކެވެ. އަންޖަލް ހުރީ ތާމިރަށް ވުރެ ތަންކޮޅެއް ފަހަތުގައެވެ. ތާމިރު އިރުއިރުކޮޅާ ފަހަތް ބަލައެވެ. އެއީ އެހެންޏާ ތާމިރު ކުރާ ކަމެއް ނޫނެވެ.
"ކީއްވެ ތި ވަރަށް ތި ބަލަނީ؟" އަންޖަލް އެހިއެވެ.
"އަންޖޫ ހުރިތޯ ބަލަން ޖެހޭނެއްނު!" ދޮށި ހިފައިގެން ހުރި ތާމިރު ޖަވާބު ދިނެވެ. "އެކަކު ވެސް ނެތީމަ އަހަންނެއްނު ހުރިހާ ޒިންމާއެއް ނަގަން ޖެހޭނީ. ހަވީރު ރަނގަޅަށް ސައި ނުބޮވުނީމަ ވަރަށް އެބަ ބަނޑުހައިވޭ! ބޭރުން ދޯ މިރޭ ކާނީ؟ ހުންނާނެ ވަރަށް ފައްކާ ކެފޭއެއް. އެކަމަކު ތަންކޮޅެއް ދުރަށް ދާން ޖެހޭނީ. އޯކޭތަ؟ ކާރު ސޭފެއް ނުވާނެ. ހިނގާފަ ދެވޭނެތަ؟"
"އަހަންނަށް އޯކޭ! ހަމަ މަޑުމަޑުން ހިނގަމުން ދިޔައިމަ ނިމުނީނު،" އަންޖަލް ބުންޏެވެ. "ޑޮކްޓަރު ބުނެފަ އޮތީ ހިނގާށޭ ވެސް. އެކަމަކު މިރޭ ވަރަށް އެބަ މޭނުބައިކުރޭ! ކާހިތެއް ވެސް ނެތް. އުނދަގޫ ގޮތެއް އެބަ ވޭ!"
އެހެން ބުނެފައި އަންޖަލް ހިތަށް އެރިއެވެ. ރަނގަޅަށް ސައިބުއި ވާހަކަ ތާމިރު ހަވީރު ބުންޏެވެ. ރޭގަނޑަށް މާ މޮޅު އެއްޗެއް ތައްޔާރުކުރަން ގެސްޓު ހައުސްގެ ވެރިމީހާ ގާތުގައި ތާމިރު ބުނި ވާހަކަ ވެސް ބުންޏެވެ. ވީ އިރު، ހަވީރު ރަނގަޅަށް ސައިނުބޮވުނު ވާހަކަ އާއި ރޭގަނޑު ކާން އެހެން ތަނަކަށް ދާ ވާހަކަ ބުނީ ކީއްވެ ހެއްޔެވެ؟ ދެ ވާހަކަ އެއްގޮތަކަށް ވެސް ދިމާނުވަނީ ކީއްވެގެން ހެއްޔެވެ؟ އާންމުކޮށް މަސްބާނަން ދަނީ ފާލަން މައްޗަށެވެ. އެހެނަސް، ތާމިރުގެ މިސްރާބު ހުރީ އެހެން ދިމާއަކަށެވެ. އެ ހިސާބުން، ތާމިރު ބަލާ ގޮތާ މެދު އަންޖަލްއަށް ޝައްކުވިއެވެ. ބޮލުގެ ހަރަކާތް މާ އަވަހީއެވެ. އަތްހޫރަނީ އައިބު ގޮތަކަށެވެ. ހުރިހައި ކަމެއް ވެސް ހުރީ ޝައްކުވާ ގޮތަށެވެ. ތާމިރުއަކީ ތާމިރުކަން ކަށަވަރު ކުރަން އަންޖަލް ބޭނުންވިއެވެ.
"ދީބަލަ ފޯނު!" އަންޖަލް އެދުނެވެ.
"މިރޭ ވެސް ފޯނު ނުލާ ދޯ ނުކުތީ؟" ތާމިރު އެހިއެވެ. "ފޯނު ބޭނުން ނުވާތީއެއްނު ފޯނު ހިފައިގެން ނޫޅެނީ. ދެން ކީއްކުރާ ފޯނެއް؟ ނުދޭނަން ފޯނެއް."
އަންޖަލް ހިތަށް އެރިއެވެ. އޭނަ އަތުގައި ފޯނު ނެތީއެވެ. އޮންނާނީ ވެސް ކިހިނެއް ހެއްޔެވެ؟ އެއީ ތާމިރެއް ނޫނެވެ. އޭނަ ދިޔައީ ފާލަމާ ހައްތަހާ ދުރަށެވެ. އިންސާނަކު ހިނގާހެން ހިނގަން އުޅުނަސް އޭނައަކަށް އެ ކަމެއް ނުވެއެވެ. އަންޖަލް ބަލައިލި އިރު އޭނަގެ ފައި ބިންމައްޗަކު ނުޖެހެއެވެ. އޭނަ ކުރިޔަށް ވުރެ ދިގު ހެން ވެސް އަންޖަލްއަށް ހީވިއެވެ. މާ ވައިގަދަވުމުން ގަހެއް ވަޔާ ހޫރޭ ގޮތަށް އޭނަ ހޫރޭ ހެން ވެސް ހީވިއެވެ. އެ ކަންކަން ފާހަގަވުމާ އެކު އަންޖަލް ހުއްޓުނެވެ. ހަމަ ހުއްޓޭ އިރަށް އޭނަ ވެސް ހުއްޓުނެވެ. އެހެނަސް ފަހަތެއް ނުބަލައެވެ. އެ ހިސާބުން އެއީ ތާމިރު ނޫންކަން އަންޖަލްއަށް ކަށަވަރު ވެއްޖެއެވެ.
"މިހާރު ކިހިނެއްވީ؟" ބަދަލުވެފައިވާ އަޑަކުން އޭނަ ސުވާލުކުރިއެވެ. "ކަނބުލޮ ކީއްވެ ތި ހުއްޓުނީ؟ ހިނގާބަލަ! މި ބޭބެ ކަނބުލޮއަކަށް ކަމެއް ނުކުރާނޭ!"
އޭނަގެ އަޑު ހީވަނީ އަވަސްވެފައި ލަސްވާ ހެންނެވެ. އޭނަގެ އަތުގައި އޮތް ދެ ދޮށި ވެއްޓިފައި، ކުރިޔަށް ވުރެ އޭނަ ދިގުވެފައި، އޭނަގެ މުޅި ހަށިގަނޑުގައި ރާޅުބާންޏެއް އުފެދުނެވެ. އަންޖަލް ބަނޑުގައި އޮތް ދަރިފުޅު ތެޅެން ފެށިއެވެ. ހީވަނީ އޭނަގެ ނޭވާހާސްވާތީ އުޅޭ ހެންނެވެ. އަންޖަލް އޯކަށް ދެމުނެވެ. ބޯއަނބުރަން ފެށިއެވެ. އެއްވެސް އެއްޗެއް ނުބުނެ، ފާލަމާ ދިމާއަށް އަންޖަލް ހިނގައިގަތެވެ. ކުރިޔަށް އެޅުނީ އެންމެ ފިޔަވަޅެކެވެ. ބިންގަނޑު ދެ ފަރާތަށް ކިރެން ފެށިއެވެ. ހީވީ ބާނި ބޮޑު ކަނޑެއްގައި ދޯންޏެއްގައި ހުރެވުނު ހެންނެވެ. އަންޖަލް ހީކުރީ އޭނަ ކުއްލިއަކަށް އަންޖަލްގެ ކުރިމައްޗަށް އަރާނެ ކަމަށެވެ. ކުރި ބައްދާނެ ކަމަށެވެ. އެހެނެއް ނުވިއެވެ. އަންޖަލް ފަހަތް ބަލައިލި އިރު އޭނައެއް ނެތެވެ. ވަށައިގެން ހޯދައިލުމުން ވެސް އޭނައެއް ނުފެނުނެވެ. ހާމަ އަތިރިމައްޗަށް އަންޖަލް އެކަނިވީއެވެ. މަތިން ކާޅުތަކެއް ގޮވާ އަޑު އިވެން ފެށިއެވެ. ވަރަށް މަސައްކަތުން އަންޖަލް މަތި ބަލައިލިއެވެ. އަންޖަލްއަށް ފެނުނީ ބޮތްކެކެވެ. ބޮކީގެ ކުރިމައްޗަށް އެރީ ތާމިރުގެ ބޮލެވެ. ތާމިރުގެ މޫނު އަންޖަލްއަށް ފެނުނީ ކަޅުކޮށެވެ. ހުދު ދެ ލޮލާއި އޮރިދަމައިގެންފައިވާ އަނގައެކެވެ. އަންޖަލްއަށް ހަޅޭއްލަވައިގަނެވުނެވެ.
"މީ މަށޭ! ތާމިރު!" ތާމިރުގެ އަޑު އަންޖަލްއަށް އިވުނެވެ.
ދެން ފަންގިފިލަޔާއި އެ ތަނުގައި ހުރި އޭސީ ވެސް އަންޖަލްއަށް ފެނުނެވެ. ހަގީގަތުގައި އަންޖަލް އޮތީ، ގެސްޓު ހައުސްގެ އަންޖަލްގެ ކޮޓަރީގައެވެ. އެކަމަކު އެ ތަނަށް އަންޖަލް އައީ ކިހިނެއް ކަމެއް، އެއީ ކޮން ތަނެއް ކަމެއް ވެސް އަންޖަލްއަކަށް ނޭނގުނެވެ.
"މީ ކޮން ތަނެއް؟" އަންޖަލް ސުވާލުކުރިއެވެ.
"މީ ދޮންތަގެ ރޫމެއްނު!" ދިމްނާ ބުންޏެވެ.
އޭރު ވެސް އަންޖަލްގެ ބޯއެނބުރުން އެއްކޮށެއް ރަނގަޅެއް ނުވެއެވެ. އަންޖަލް ނިތްކުރީގައި ފިރުމައިލިއެވެ. އެތައް ސުވާލެއް އަންޖަލް ހިތަށް އެރިއެވެ. އަންޖަލްއަށް ވީ ކިހިނެއް ހެއްޔެވެ؟ އެ ތަނަށް އަންޖަލް އައީ ކިހިނެއް ހެއްޔެވެ؟ ކުރިން ފެނުނު މީހާ ކޮބައި ހެއްޔެވެ؟ އެއީ ހުވަފެނެއް ހެއްޔެވެ؟ ގަޑިން ކިހައި އިރެއް ހެއްޔެވެ؟ އަންޖަލް ހައިރާންވީ، އަންޖަލް ކުރަން ބޭނުންވި ސުވާލު ތާމިރު ކުރީމައެވެ.
"ކިހިނެއް އަސްލު ވީ؟" ތާމިރު އެހިއެވެ.
"އޭނ؟" ތާމިރަށް ބަލައިލަމުން އަންޖަލްއަށް ބުނެވުނެވެ.
"މަސްބާނަން ދާން އަހަރެން ނުކުތް އިރު އަންޖޫއެއް ނެތް،" ތާމިރު ކިޔައިދިނެވެ. "ތީ ފޯނު ހިފައިގެން އުޅޭ މީހެއް ނޫން. ދެން ޓަސްލާފަ ފެނިއްޖެ މަގު ކޮޅުގަ އަންޖޫ ހުއްޓާ! އެކަނިމާއެކަނި ހިނގާފަ ދިޔައީ. އަހަރެން ގޮވައި ވެސް ލީން. އަޑެއް ނީވުނު. ހީކުރީ އަހަރެން ލަސް ވެގެން ފާލަން ކައިރިއަށް ދަނީ ކަމަށް. އެކަމަކު އަންޖޫ އެޅީ ވައަތަށް. ފާލަން ހުންނާނީ ކަނާއަތްފަރާތުގަ. އަހަރެން ހިތަށް އެރީ، އަންޖޫ އެކަނި އެހާ ދުރަކަށް ނުދާނޭ! ދެން ދުއްވައިގަތީ. އަތިރިމައްޗަށް ނުކުތް އިރު އަންޖޫއެއް ނެތް. ދެން ހޯދަމުންހޯދަމުން ދަނިކޮށް ވެއްޓިފަ އޮއްވާ ފެނުނީ. ނަސީބެއްނު ބޭބީއަށް ކަމެއް ނުވިކަން."
އާދައިގެ މަތީން ތާމިރަށް ބޮޑުވީ އެ ކަމެވެ. އެހެނަސް، އެ މައްސަލަ ޖައްސާ ވަރަށް ވުރެ އަންޖަލް ވަރުބައްޔެވެ.
"ވާތާވީ ދޯ؟" ތާމިރު ބުންޏެވެ. "ހަވީރު ރަނގަޅަކަށް ސަޔެއް ވެސް ނުބޮވުނު. ބޭބީއަށް ތަންކޮޅެއް ބަލައިލައިގެން އުޅެބަލަ އަންޖޫ!"
އަންޖަލް މަޑުމަޑުން ތެދުވިއެވެ. ބަނޑުހައިކަމުގެ އިހުސާސް ވެސް ހުއްޓެވެ. އެހެނަސް ކާ ހިތެއް ނެތެވެ. އަންޖަލްގެ ބޮލުގައި އެނބުރުނީ ދިމާވި ހާދިސާއެވެ.
"ހިނގާ ކާން،" ތާމިރު ބުންޏެވެ. "މިހާރު އެހެރަ ދިހައެއް ޖަހަނީ. ދެން މި ރޭ ކައިގެން ނިދާނީ."
އަންޖަލް ތެދުވުމުން ކޮއްކޮމެންގެ އެހީތެރިކަން ވެސް ލިބުނެވެ. ގެސްޓު ހައުސްގައި ހުންނަ ކުޑަ ކާ ކޮޓަރިއަށް ވަން އިރު، މޭޒުމަތީގައި ލައްކަ ސާމާނު ހުއްޓެވެ. އަންޖަލް އިށީނެވެ.
"މިރޭ މަސްބާނާކަށް ނުދަންތަ؟" ގޮނޑީގައި އިށީންނަމުން އަންޖަލް ބުންޏެވެ. "އަހަރެން ބޭނުން ބޭރަށް ނުކުމެލަން. ނޭވާލާން ތަންކޮޅެއް އެބަ އުނދަގޫވޭ!"
"އަހަންނަށް ވެސް ހީވަނީ ތި ގޮތް ރަނގަޅުވާނެ ހެން،" މަސްބާނަން ދާ ހިތްވެފައި ހުރި ތާމިރު ބުންޏެވެ. "އަވަހަށް ފަށާފަށާ! އެންމެން ވެސް ނުކައޭ އެ ތިބީ!"
ހީކުރި ވަރަށް ވުރެ ރަނގަޅަށް އަންޖަލްއަށް ކެވުނެވެ. ބޭރަށް ނުކުތުމުގެ ކުރިން، ހިނގޭނެތޯ އާއި ގައިގަ ވަރު ހުރިތޯ ތާމިރު އެތައް ފަހަރަކު އެހިއެވެ. މަސްބާނަން ދިޔައީ އެންމެން އެކުގައެވެ. އަންޖަލް ފާލަން މައްޗަކަށް ނާރައެވެ. އަތިރިމަތީގައި ގޮނޑިއެއް ބަހައްޓައިގެން އިށީނދެލައިގެން އިނީއެވެ. ހަނދުވަރު ވަރަށް ރީއްޗެވެ. ލޮލުކޮޅަށް އޮބައިލަންދެން އަލިވެފައި އޮތެވެ. ކޮއްކޮމެން އިރުކޮޅަކު ގާތުގައި ތިބެފައި، ފާލަމަށް އަރައިގެން ތާމިރު ގާތަށް ދިޔައެވެ. ތާމިރު ފޯރީގައި މަސްބޭނިއެވެ. އެއްގަމަށް ބީއްސާލާ ރާޅު އައިސް އަންޖަލްގެ ފައިގައި ބޮސްދީފައި އެނބުރި ދެއެވެ. އެއްފަހަރު ތަންކޮޅެއް ބޮޑު ރާޅެއް ނެގި ތަން ފެނުނެވެ. އޭގެ ފޮނުގަނޑު އާދަޔާ ހިލާފަށް ހުދެވެ. ތަފާތު ގޮތެއް ވެސް ހުއްޓެވެ. ނޫނެކެވެ. އެއީ ފޮނުގަނޑެއް ނޫނެވެ. (ނުނިމޭ)