Roadha Mihaaru

އިންޑިއާގައި ކުއްޖަކަށް ރައްކާތެރިކަން ދޭން ކޮޓަރިއަކަށް ލީ ގޮތަށް 20 އަހަރު

ޖިންސީ ފުރައްސާރައިން ކުއްޖަކު ސަލާމަތްކުރުމަށް ކަމަށް ބުނެ އިންޑިއާގައި އަންހެން ކުއްޖެއްގެ އުމުރުން އަށް އަހަރުގައި، އަނދިރި ކޮޓަރިއަކަށް ލީ ގޮތަށް 20 އަހަރު ވަންދެން ގެންގުޅެފި އެވެ.

ކުއްޖަކު ކޮޓަރިއެއްގައި ގެންގުޅޭތާ 20 އަހަރު

ޖިންސީ ފުރައްސާރައިން ކުއްޖަކު ސަލާމަތްކުރުމަށް ކަމަށް ބުނެ އިންޑިއާގައި އަންހެން ކުއްޖެއްގެ އުމުރުން އަށް އަހަރުގައި، އަނދިރި ކޮޓަރިއަކަށް ލީ ގޮތަށް 20 އަހަރު ވަންދެން ގެންގުޅެފި އެވެ.

އިންޑިއާގެ ޗަތިސްގަރްގެ ޖަގްދަލްޕޫރުގައި ބަންދުކޮށްގެން ގެންގުޅުނު ކުއްޖާ އަކީ މައިންބަފައިން މަރުވެ ޔަތީމްވެފައިވާ ކުއްޖެއް ކަމަށާއި އަނދިރި ކޮޓަރިއެއްގައި އެކަހެރިކޮށް އެ ކުއްޖާ ގެންގުޅެންފެށީ ގޭދޮށުގައި އުޅޭ ފިރިހެނަކު އެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފާނެ ކަމަށް ބެލެވިގެން ކުއްޖާގެ އާއިލާގެ މީހުންނެވެ.

އެ ކުއްޖާ 20 އަހަރު ފަހުން ސަލާމަތްކޮށްފައިވަނީ ސޯޝަލް ވެލްފެއާ ޑިޕާޓްމަންޓަށް ކުއްޖާގެ މައުލޫމާތު ލިބުމާ ގުޅިގެން އެ ގެޔަށް ގޮހެވެ. އޮފިޝަލުން ވިދާޅުވެފައިވާ ގޮތުގައި އެކަހެރި ޖަލު ގޮޅިއެއް ގޮތަށް ހުރ ކޮޓަރިން ކުއްޖާ ނެރުނު އިރު އިނީ ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ. އަދި އަނދިރީގައި އެހާ ގިނަ ދުވަހު އިނުމުން ލޮލަށް ފެންނަނީ ވެސް ކިރިޔާ ކަމަށްވެ އެވެ.

ކުއްޖާގެ އާއިލާގެ މީހުން މިގޮތަށް ކަންތައް ކުރީ، ވިޔާނުދާ ކަންކަން އާންމުކޮށް ކޮށް އުޅޭ އަވަށްޓެރިއެއްގެ ކިބައިން ކުއްޖާ ސަލާމަތްކުރުމުގެ ބޭނުމުގައި ކަމަށް ވަނީ ބުނެފަ އެވެ.

އަމިއްލަ ގޭގައި އެ ކުއްޖާ ގެންގުޅުނު ކަމުގައި ވިޔަސް ގައިން ތާހިރުވުމާއި އެންމެ އަސާސީ އެހެން ކަންކަން ވެސް ކިޔައިދީފައި ނުވާ ކަމަށާއި ކުއްޖާގެ ނަމުން ގޮވިޔަސް ނޭނގޭ ކަމަށް ވެލްފެއާ އޮފިޝަލުންނާ ހަވާލާދީ މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ. އަދި ޑޮކްޓަރުން ވަނީ ކުއްޖާގެ ލޮލުގެ ފެނުން އެންމެ ފުރިހަމައަށް ދެން ނުލިބިދާނެ ކަމަށް ވެސް ބުނެފަ އެވެ.

އޮފިޝަލުން ބުނެފައި ވަނީ މިއީ ކުއްޖާގެ ހިމާޔަތަށް ކުރި ކަމެއްގެ ގޮތުގައި އާއިލާއިން ބުނި ނަމަވެސް މިހާ ގިނަ ދުވަހު ކުއްޖަކު ބަންދުކޮށްގެން ގެންގުޅުމަކީ އިންސާނީ ހައްގުތަކަށް އަރައިގަތުން ކަމަށް ބެލެވޭނެތީ މިކަމުގައި ކަން ހިނގާފައިވާ ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ.