ސްރީ ލަންކާ ކައިރީގައި އުފެދުނު ތޫފާން "އޯޗީ" އާ ގުޅިގެން، އެ ގައުމުގައި ދިވެހިން ދިރިއުޅޭ 11 ގެއަކަށް ގެއްލުންވެފައިވާ ކަމަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީން މިއަދު ބުނެފި އެވެ.
01 ޑިސެމްބަރ 2017
ސްރީ ލަންކާ ކައިރީގައި އުފެދުނު ތޫފާން "އޯޗީ" އާ ގުޅިގެން، އެ ގައުމުގައި ދިވެހިން ދިރިއުޅޭ 11 ގެއަކަށް ގެއްލުންވެފައިވާ ކަމަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީން މިއަދު ބުނެފި އެވެ.
ރާއްޖެ އިން ލަންކާ އަށް ކަނޑައަޅާފައި ހުންނަ ސަފީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) "މިހާރު" އަށް ވިދާޅުވީ މިހާތަނަށް އައިއިރު، މީހުން ދިރިނޫޅެވާ ވަރަށް އެއްވެސް ގެއަކަށް ގެއްލުމެއް ނުލިބޭ ކަމަށެވެ. އަދި 11 ގެއަށް ވެސް ލިބުނީ ކުދިކުދި ގެއްލުންތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން ގިނަ ގެތަކުގެ ފުރާޅު ހަލާކުވެ، ފެން ލީކްވުން ފަދަ ހާދިސާތައް ހިނގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބައެއް ގޭގޭ ގެ ފުރާޅު އެއްލާލާފައިވާ ކަމަށް ވެސް ދިވެހި އެމްބަސީން ބުންޏެވެ. ގެއްލުންވި ގެތަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް މުންދު ވިދާޅުވި އެވެ.
"ވޮލަންޓަރީ ޓީމުތަކާއި އެމްބަސީގެ ސްޓާފުން ދަނީ ގެއްލުންވި ގެތައް މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުން. ދިވެހިންނާ ވީހާ ވެސް ގާތުން މަސައްކަތް މި ކުރަނީ،" މުންދު ވިދާޅުވި އެވެ.
ބޮޑު ޗުއްޓީއާ ދިމާކޮށް ގިނަ އަދަދެއްގެ ދިވެހިން ލަންކާ އަށް ގޮސް ތިބިއިރު، ވިއްސާރަ އާ ގުޅިގެން، ލަންކާގައި ދިރިއުޅޭ އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތު ނުލިބޭ ކަމަށް ވެސް މުންދު ވިދާޅުވި އެވެ. އެމްބަސީން ދަނީ އެ ގައުމުގައި ތިބި ދިވެހިންގެ ހާލަތު ވަރަށް ކައިރިން ބަލަމުންނެވެ.
މުންދު ވިދާޅުވި ގޮތުގައި ލަންކާ އަށް އިއްޔެ އެރި ތޫފާނަށް ފަހު، އެ ގައުމުގެ ހާލަތު މަޑުމަޑުން އަންނަނީ ރަނގަޅުވަމުންނެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ލަންކާ އިން މިހާތަނަށް ހަތް މީހަކު ވަނީ މަރުވެފަ އެވެ. ލަންކާ އަށް އާދަޔާ ޚިލާފަށް މޫސުން ގޯސްވުމުގެ ސަބަބުން ރޭ ވަނީ ރެޑް އެލާޓްގެ މުއްދަތު އިތުރުކޮށްފަ އެވެ.
ލަންކާގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ) އިން ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ވަރަށް ބޮޑަށް ގޯސްވެ ބޯކޮށް ވާރޭ ވެހި، ވައި ގަދަވާނެތީ، އާއްމުން ސަމާލުވުމަށް އިލްތިމާސް ކޮށްފަ އެވެ.
ލަންކާއަށް ކުރި ވިއްސާރައާ ގުޅިގެން، ދެހިވަލަ އާއި އެހެން ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑައިގެން ދިޔަ އެވެ. އެކަމަކު، ގިނަ ސަރަހައްދުތަކަށް މިހާރު ކަރަންޓު ދީފައިވާ ކަމަށްވެ އެވެ.
ތޫފާނާ ގުޅިގެން ރާއްޖެ އަށް ކުރަމުން ދާ ވިއްސާރައިގައި އުތުރުގެ ގިނަ ރަށްތަކުގައި ފެން ބޮޑުވެ، ބައެއް ރަށްތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. ތޫފާނު ރާއްޖެއާ ދުރަށް ދާއިރު، އަންނަ އާދިއްތަ ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ހިސާބުތަކަށް ވެސް މޫސުން ރަނގަޅުވާނެ ކަމަށް މެޓް އޮފީހުން ލަފާ ކުރެ އެވެ.
ފެން ހިންދާ ޕަމްޕް 72 ރަށަކަށް ފޮނުވައިފި
ވިއްސާރައިގެ ގެއްލުންތަކުން ރައްކާތެރިވާން އޮޕަރޭޝަނެއް
މާލޭގެ ގޭގޭގައި ނަޖިސް ލީކުވެ ދިރިއުޅުމަށް ދަތިވެއްޖެ
ފެންބޮޑުވާނެ ކަމަށް ލަފާކޮށް ހުވަދުއަށް އޮރެންޖު އެލާޓް
މަޑުމަޑުން ދަތުރުކުރާ ބާރުގަދަ ކޮޅިގަނޑެއް އިންޑިއާއަށް
ބޯވާރޭގައި މުޅި މާލެ ފެންބޮޑުވެއްޖެ
މާލެއަށް އިއްޔެ 89 މިލިމީޓަރުގެ ވާރޭ ވެހުނު
މާލޭގައި ބަރު ވެހިކަލް ނުދުއްވަން އެދިއްޖެ
ބޯ ވިއްސާރާގައި މާލޭގެ މަގުތަކުގައި ފެންބޮޑުވެއްޖެ
ވިއްސާރާގައި ނުވަ ރަށެއްގައި ފެން ބޮޑުވެއްޖެ