Roadha Mihaaru
ބަނޑޭރިކޮށިން ގެއެއް ހުސްކުރީ އޮންނަ އުސޫލުން:ސިފައިން

ބަނޑޭރި ކޮށިން ގެއެއް ހުސްކުރީ އޮންނަ އުސޫލުގެ ދަށުން: އެމްއެންޑީއެފް

27 އޮކްޓޯބަރ 2017

ސިފައިންނަށް ހާއްސަކޮށްގެން ދޫކޮށްފައިވާ ބަނޑޭރި ކޮށިން ގެއެއް މިއަދު ހުސްކުރީ، އެތަނާ ގުޅޭގޮތުން ކަނޑައަޅާފައި އޮންނަ އުސޫލުގެ ދަށުން ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިރޭ ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސިފައިންނަށް ހާއްސަކޮށްގެން ދޫކޮށްފައިވާ ބަނޑޭރި ކޮށިން ގެއެއް މިއަދު ހުސްކުރީ، އެތަނާ ގުޅޭގޮތުން ކަނޑައަޅާފައި އޮންނަ އުސޫލުގެ ދަށުން ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިރޭ ބުނެފި އެވެ.

ބަނޑޭރި ކޮށި 2 ގައި ހުނަން މެރީ ލޮޖްގެ ހުރިހާ ސާމާނެއް މިއަދު ހަވީރު މަގުމައްޗަށް ނެރެ، އެ ގެ ހުސްކުރީ އެންއެންޑީއެފުން އެދިގެން ފުލުހުންނެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު، ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ބަނޑޭރި ކޮށިން ގެއެއް ހުސްކުރީ ތަކުރާރުކޮށް ނޯޓިސް ދިނުމަށް ފަހު އޮންނަ އުސޫލުގެ ދަށުން ކަމަށެވެ. އިތުރަށް އެ މައްސަލާގައި އޭނާ ވާހަކައެއް ނުދެއްކެވި އެވެ.

މީގެ 28 އަހަރު ކުރިން، 1989ގައި އެތަން ދޫކޮށްފައި ވަނީ ސިފައިންގެ ތެރޭގައި 40 އަހަރު ޚިދުމަތް ކުރެއްވި މުހައްމަދު ފިރާގު ކިޔާ ބޭފުޅަކަށެވެ. ސިފައިންގެ ވަޒީފާ އިން 1994 އަހަރު ރިޓަޔާކުރެއްވުމަށް ފަހު ވެސް އެތަނުގައި ދިރިއުޅުއްވަމުން ގެންދަވާތީވެ، ތަން ހުސްކުރަން އެކި ފަހަރު މަތިން އޭނާ އަށް ޑިފެންސް މިނިސްޓްރީން އޮތީ އަންގައިފަ އެވެ.

އެކަމަކު އާއިލާ އިން ބުނިގޮތުގައި، އެތަނުގައި ދިރިއުޅެނީ ސަރުކާރުގެ ހުއްދަ ލިބިގެންނެވެ.

ސިފައިންގެ ވަޒީފާ އިން ވަކިވެވަޑައިގަތް ފަހުން ވެސް، އެތަނުގައި ފިރާގު ދިރިއުޅުއްވުމުގެ ހުއްދަ ދެއްވައި، ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުން ދީފައިވާ ލިއުމެއް ވެސް އޮތް ކަމަށް އާއިލާ އިން ބުނެ އެވެ.

ބަނޑޭރި ކޮށި ގެއަކަށް ވަދެ ފުލުހުން ވަދެ އެ ގޭގައި ހުރި ސާމާނުތައް ނެރެ ޕޭވްމަންޓުމަތީގައި ބަހައްޓާފައި.

ބަނޑޭރި ކޮށި ގެއަކަށް ވަދެ ފުލުހުން ވަދެ އެ ގޭގައި ހުރި ސާމާނުތައް ނެރެ ޕޭވްމަންޓުމަތީގައި ބަހައްޓާފައި.

އެ ގެއަށް މިއަދު ފުލުހުން ފޮނުވީ، ސިފައިންގެ އެންގުމާ އެއްގޮތަށް އަމަލުނުކުރުމުން ކަމަށް ބުނެ އެވެ. މި މައްސަލާގައި ފިރާގުގެ އާއިލާ އިން ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

އެ އާއިލާ އިން ބުނާގޮތުގައި، އެ މީހުން ދިރިއުޅުނު ގެއިން ނެރެ މަގުމަތިކުރީ، އެތަން ހުސް ނުކުރެވޭނެ ކަމަށް ހައި ކޯޓުގެ އަމުރެއް ވެސް އޮއްވަ އެވެ.

ފިރާގުގެ ދަރިފުޅު، ޝިފާއު ބުނީ އެމްއެންޑީއެފުން އަންގައިގެން ފުލުހުން އެ ގެއަށް ވަދެ ހިންގީ ގާނޫނާ ޚިލާފު އަމަލުތަކެއް ކަމަށެވެ. އެ އާއިލާ އަށް ބަދަލު ނުދީ، އެތަނުން ނުނެރެވޭނެ ކަމަށް ހައި ކޯޓުން ހުކުމްކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.

މީގެ އެތައް އަހަރު ކުރިން އޭނާގެ ބައްޕަ އަށް ދޫކޮށްފައިވާ އެތަނަށް ބަދަލު ދޭން ޖެހެނީ، އިމާރާތްކޮށް އެތަން ރަނގަޅު ފެންވަރަކަށް ހަދާފައި ހުރުމުންނެވެ.

"ހައި ކޯޓުގެ ހުކުމުން ވަރަށް ސާފު، އަޅުގަނޑުމެންނަށް ބަދަލު ނުދީ، މި ތަނުން ނުނެރެވޭނެކަން. އެ ހުކުމް އެހެން އޮއްވައި، އަދި ސިވިލް ކޯޓުގައި ވެސް މައްސަލަ އަންނަ އާދީއްތަ ދުވަހު 11:30 އަށް ޝެޑިއުލްކޮށްފައި އޮއްވައި ކޯޓު އަމުރަކާ ވެސް ނުލައި ފުލުހުން ވަނީ،" ޝިފާއު ބުންޏެވެ.

އޭނާ ބުނިގޮތުގައި އެއީ ފުލުހުންނަށް އަމަލުކުރެވޭނެ ގޮތެއް ނޫނެވެ. ކޯޓުގެ ހުކުމްތަކަކާ ޚިލާފަށް، ޣައިރު ގާނޫނީ ގޮތުން ފުލުހުން ހަރަކާތްތެރިވުމަކީ ކުށެއް ކަން ވެސް ޝިފާއު ފާހަގަކުރި އެވެ.

ބަނޑޭރިކޮށިން ގެތައް ސިފައިންނަށް ދޫކުރަނީ މިލްކުކުރެވޭ ގޮތަކަށް ނޫނެވެ. ސިފައިންގެ ވަޒީފާ އިން ވަކިވުމުން ތަން ހުސްކުރަން ޖެހެ އެވެ. އެކަމަކު، އެ އުސޫލާ ޚިލާފަށް އަމަލުކުރަމުންދާތީވެ، މީގެކުރިން ގިނަ ބަޔަކަށް ނޯޓިސްދީ ބައެއް މީހުން ނެރެފައި ވެސް ވެ އެވެ.