Roadha Mihaaru
ބަނޑޭރި ކޮއްޓަށް ފުލުހުން ވަދެ ގެއެއް ހުސްކުރަނީ

ބަނޑޭރި ކޮއްޓަށް ފުލުހުން ވަދެ ގެއެއް ހުސްކުރަނީ

27 އޮކްޓޯބަރ 2017

ސިފައިންނަށް ހާއްސަކޮށްގެން ދޫކޮށްފައިވާ ބަނޑޭރި ކޮއްޓަށް ފުލުހުން ވަދެ ގެއެއް ހުސްކުރަމުން އެބަ ގެންދެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސިފައިންނަށް ހާއްސަކޮށްގެން ދޫކޮށްފައިވާ ބަނޑޭރި ކޮއްޓަށް ފުލުހުން ވަދެ ގެއެއް ހުސްކުރަމުން އެބަ ގެންދެ އެވެ.

ބަނޑޭރިކޮށި ދޭއްގެ ގެއަކަށް ފުލުހުން ވަނީ، އެނގިފައިވާ ގޮތުގައި، އެތަން ހުސްކޮށްދޭން އެމްއެންޑީއެފުން ފުލުހުންނަށް ހުށަހެޅުމުންނެވެ. އެތަން ދޫކޮށްފައި ވަނީ ސިފައިންގެ ތެރޭގައި 40 އަހަރު ޚިދުމަތް ކުރެއްވި މުހައްމަދު ފިރާގު ކިޔާ ބޭފުޅަކަށެވެ.

އޭނާގެ ދަރިފުޅު، ޝިފާއު ބުނީ އެމްއެންޑީއެފުން އަންގައިގެން ފުލުހުން އެ ގެއަށް ވަދެ ހިންގަމުން ދަނީ ގާނޫނާ ޚިލާފު އަމަލުތަކެއް ކަމަށެވެ. އެ އާއިލާ އަށް ބަދަލު ނުދީ، އެތަނުން ނުނެރެވޭނެ ކަމަށް ހައި ކޯޓުން ހުކުމްކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.

މީގެ އެތައް އަހަރު ކުރިން އޭނާގެ ބައްޕަ އަށް ދޫކޮށްފައިވާ އެތަނަށް ބަދަލު ދޭން ޖެހެނީ، އިމާރާތްކޮށް އެތަން ރަނގަޅު ފެންވަރަކަށް ހަދާފައި ހުރުމުންނެވެ.

ފުލުހުން ލައްވައި އެތަން ހުސްކުރަން އުޅޭ ކަން ސިވިލް ކޯޓަށް ހުށަހެޅުމުން، މައްސަލަ އަންނަ އާދީއްތަ ދުވަހުގެ 11:30 އަށް ޝެޑިއުލްކޮށްފައިވާ ކަމަށް ވެސް ޝިފާއު ބުންޏެވެ.

"ހައި ކޯޓުގެ ހުކުމުން ވަރަށް ސާފު، އަޅުގަނޑުމެންނަށް ބަދަލު ނުދީ، މި ތަނުން ނުނެރެވޭނެކަން. އެ ހުކުމް އެހެން އޮއްވައި، އަދި ސިވިލް ކޯޓުގައި ވެސް މައްސަލަ ޝެޑިއުލްކޮށްފައި އޮއްވައި ކޯޓު އަމުރަކާ ވެސް ނުލައި ފުލުހުން ވަދެގެން އުޅެނީ،" ޝިފާއު ބުންޏެވެ.

އޭނާ ބުނިގޮތުގައި އެއީ ފުލުހުންނަށް އަމަލުކުރެވޭނެ ގޮތެއް ނޫނެވެ. ކޯޓުގެ ހުކުމްތަކަކާ ޚިލާފަށް، ޣައިރު ގާނޫނީ ގޮތުން ފުލުހުން ހަރަކާތްތެރިވުމަކީ ކުށެއް ކަމަށް ވެސް ޝިފާއު ބުންޏެވެ.

ބަނޑޭރި ކޮށީގެ ގެއަކަށް ފުލުހުން ވަދެ އެ ގެ ހުސްކުރަނީ.

ބަނޑޭރި ކޮށީގެ ގެއަކަށް ފުލުހުން ވަދެ އެ ގެ ހުސްކުރަނީ.

"ބާރުގަދަ މީހުންގެ ގަދަކަން ދައްކައި ގާނޫނާއި ގަވާއިދާ ހުކޫމާތަކަށް ބެލުމެއް ނެތި އަޅުގަނޑުމެން މި ނެރުނީ،" އޭނާ ބުންޏެވެ.

މި މައްސަލާގައި ފުލުހުންނާއި އެމްއެންޑީއެފްގެ ބަހެއް އަދި ނުލިބެ އެވެ.

ބަނޑޭރިކޮށި ދޫކޮށްފައި ވަނީ ސިފައިންނަށް ކަމަށް ވިއަސް، އެތަންތަން އެހެން ފަރާތްތަކަށް ކުއްޔަށް ދޫކޮށްފައިވާ މައްސަލަ ފާހަގަކޮށް، މީގެ ކުރިން ބައެއް ތަންތަން އެމްއެންޑީއެފުން ހުސްކޮށްފައިވެ އެވެ. އަދި ބައެއް ގެތައް ހުސްކުރަން ތަކުރާރުކޮށް ނޯޓިސް ވެސް ދީފައިވެ އެވެ.