Roadha Mihaaru
ރައުދާއާ އެކު އުޅުނު ދަރިވަރަށް ބޮޑެތި ތުހުމަތުތަކެއް!

ރައުދާއާ އެކު އެންމެ ފަހުން އުޅުނު ކުއްޖާ އަށް ބޮޑެތި ތުހުމަތުތަކެއް!

04 އެޕްރީލް 2017

ބަންގްލާދޭޝްގައި ޑޮކްޓަރުކަން ކިޔަވަމުން އައި ދިވެހި މޮޑެލް ރައުދާ އާތިފްގެ މަރާ ގުޅިގެން ބޮޑެތި ތުހުމަތުތަކެއް އޭނާއާ އެކު އެންމެ ފަހުން އުޅުނު އަންހެން ދަރިވަރަށް ކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ބަންގްލާދޭޝްގައި ޑޮކްޓަރުކަން ކިޔަވަމުން އައި ދިވެހި މޮޑެލް ރައުދާ އާތިފްގެ މަރާ ގުޅިގެން ބޮޑެތި ތުހުމަތުތަކެއް އޭނާއާ އެކު އެންމެ ފަހުން އުޅުނު އަންހެން ދަރިވަރަށް ކޮށްފި އެވެ.

އޮޓޮޕްސީ ރިޕޯޓަށް ބަލައި ބަންގްލާދޭޝްގެ ފުލުހުން އެންމެ ފުރަތަމަ ބުނެފައި ވަނީ ރައުދާ މަރުވީ "ދަންޖެހިގެން" ކަމަށެވެ. ނަމަވެސް އެ ރިޕޯޓް ގަބޫލުކުރަން އާއިލާ އިން ދެކޮޅުހަދައި، ރައުދާގެ މަރާ ގުޅިގެން ސުވާލު އުފެދޭ ކަންކަން ފެންމަތިކުރަން ފެށުމުން، އެ މައްސަލަ ބަންގްލާދޭޝްގެ މެޓްރޯޕޮލިޓަންގެ ޑިޓެކްޓިވް ބްރާންޗުން ތަހުގީގުކުރަން މިހާރު ވަނީ ފަށައިފަ އެވެ.

އެ ތަހުގީގުގައި، ރައުދާއާ އެކު އިސްލާމީ ބޭންކް މެޑިކަލް ކޮލެޖުގައި، އެއް ކްލާހެއްގައި ކިޔަވާ ދަރިވަރަށް ތުހުމަތުތަކެއް ކުރެވި ފުލުހުން އަންނަނީ އެ ދަރިވަރުގެ ފޯނުގެ މުއާމަލާތްތައް ބަލަމުންނެވެ.

ބަންގްލާދޭޝްގެ ޑެއިލީ ސްޓާއާ ވާހަކަ ދައްކަވަމުން، ޑިޓެކްޓިވް ބްރާންޗުގެ އިންސްޕެކްޓަރު ރާޝިދުލް އިސްލާމް ވިދާޅުވީ ރައުދާގެ ކްލާސް ކުއްޖެއްގެ ފޯނު ހިފަހައްޓައި، އޭގެ ތަފްސީލުތައް ބަލަމުން އަންނަ ކަމަށެވެ. ރައުދާގެ މަރާ ގުޅިގެން އެކުއްޖާއާ މެދު، ރައުދާގެ މަންމަ އާމިނަތު މުހައްރަމަތު ވެސް ޝައްކުތަކެއް ކުރާ ކަމަށް އެ ނޫހުގައިވެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ރައުދާގެ ހަށިގަނޑު ވަޅުލަން ގެންދަނީ. -- ފޮޓޯ: ރައިޒިންބީޑީ

މިދިޔަ ހޮނިހިރު ދުވަހު ރައުދާގެ ހަށިގަނޑު ވަޅުލަން ގެންދަނީ. -- ފޮޓޯ: ރައިޒިންބީޑީ

ރައުދާ މަރުވެފައި އޮއްވާ ފެނުނުތާ ދުވަސްތަކެއް ކުރިން، އޭނާގެ ޖޫސްތައްޓަށް އެ ދަރިވަރު ނިދާ ބޭސްތަކެއް އެޅި ކަމަށް ރައުދާގެ މަންމަ ތުހުމަތުކުރެ އެވެ.

މުހައްރަމަތު ބުނިގޮތުގައި ރައުދާ އާއްމުކޮށް ކިޔަވަން އިންނަނީ އެ ދަރިވަރާ އެކުގަ އެވެ. އެކަމަކު ފަހުން އެކަނި ކިޔަވަން އިންނާތީ ސުވާލުކުރުމުން، އެ އަންހެން ކުއްޖާ އަށް އިތުބާރު ނުކުރެވޭ ކަމަށް ރައުދާ ބުނެފައިވާ ކަމަށް ވެސް އޭނާގެ މަންމައާ ހަވާލާދީ ޑެއިލީ ސްޓާގައިވެ އެވެ.

އެކަމަކު ރައުދާގެ މަންމަގެ ވާހަކަތައް އެ ދަރިވަރު ވަނީ ދޮގުކޮށްފަ އެވެ. ޖޫސްތައްޓަށް ނިދާ ބޭސް އެޅި ވާހަކަ ދޮގުކުރަމުން އޭނާ ބުނީ އެފަދަ ވާހަކައެއް އެއްވެސް މީހެއްގެ ގާތު ރައުދާ ބުނެފައިވާނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.

ރައުދާ ދަންޖެހިފައި ހުއްޓާ އެންމެ ފުރަތަމަ ފެނިގެން އެހެން ދަރިވަރުންތަކަކަށް ގޮވީ ވެސް އޭނާ ކަމަށް އެ ދަރިވަރު އެއްބަސްވެ އެވެ. ރައުދާ މަރުވި ދުވަހުގެ ކުރީ ރޭ އޭނާ ބަލިވެގެން ޑޮކްޓަރަށް ދައްކަން ކޮލެޖުގެ ހޮސްޕިޓަލަށް ވެސް ދިޔައީ އެ ދަރިވަރާ އެކުގައި ކަމަށް ބަންގްލަދޭޝްގެ ފުލުހުން ބުނެ އެވެ.

ރައުދާގެ މަރު ތަހުގީގުކުރަން ދިވެހި ފުލުހުންގެ ޗީފް ސުޕްރިޓެންޑެންޓް، މުހައްމަދު ރިޔާޒާއި ޗީފް އިންސްޕެކްޓާ އަހްމަދު އަލީ މިހާރު ތިއްބެވީ ބަންގްލަދޭޝްގަ އެވެ. ހާއްސަ ސަމާލުކަމެއް ދީގެން ރައުދާގެ މަރު ތަހުގީގުކުރަން ދިވެހި ފުލުހުން ބޭނުންވެ އެވެ.

ރައުދާ މަރު ތަހުގީގުކުރަން ބަންގްލަދޭޝްގެ ފުލުހުން އިހުމާލުވެފައިވާ ކަމަށް އާއިލާ އިން ބުނާއިރު އެ މަރާ ގުޅިގެން އުފެދޭ ޝައްކުތައް ވެސް ދަނީ އިތުރުވަމުންނެވެ. އެގޮތުން ރައުދާގެ މަރާ އެކު އޭނާގެ އިންސްޓަގްރާމް އެކައުންޓް އެހެން ބަޔަކު ބޭނުންކުރި ކަމަށް އާއިލާ އިން ތުހުމަތުކުރެ އެވެ. އެ އެކައުންޓް މިހާރު ޑިލީޓްކޮށްފައި ވަނީ، ރައުދާގެ މަރުގެ ފަހަތުގައި ތިބި މީހުން ފަޅާއަރާފާނެތީ، ހެކި ފޮރުވަން ކަމަށް އާއިލާ އިން ޝައްކުކުރެ އެވެ.

ދިވެހި މޮޑެލް ރައުދާ.-- ފޭސްބުކް ފޮޓޯ

ދިވެހި މޮޑެލް ރައުދާ.-- ފޭސްބުކް ފޮޓޯ

އާއިލާ އާއި ރައުދާ ދަންނަ ބައެއް މީހުން ތުހުމަތުކުރާ ގޮތުގައި ރައުދާގެ ކޮޓަރި ތެރެ ވެސް ހުރީ އޭނާ ދަންޖެހިގެން މަރުވި ކަމަށް ދައްކަން ވަރަށް ބޮޑަށް ތަރުތީބުކޮށްފަ އެވެ. ރައުދާގެ މަރުގެ ހަބަރާ އެކު އާއިލާ ބަންގްލާދޭޝް އަށް ދިޔައިރު އެ ކޮޓަރި ތެރޭގެ ސީން ފުލުހުން ރޫޅާލާފައި ހުރުމުން އެކަމާ ވެސް އާއިލާ އިން ސުވާލު އުފައްދަ އެވެ.

އާއިލާ އިން ހޯދަން ބޭނުންވި ބައެއް މައުލޫމާތު ދޭން ރައުދާ ކިޔެވި ކޮލެޖުގެ އިސް ފަރާތްތަކުން ދެކޮޅު ހެދުމާއި ރައުދާ މަރުވި ރޭ އޭނާ ހޮސްޓެލް އިން ބޭރަށް ނިކުތް ގަޑިއާ ގުޅޭ ގޮތުން ތަފާތު ގޮތްގޮތަށް ވާހަކަ ދެއްކުމާއި ރައުދާ ޑޮކްޓަރަށް ދެއްކި ކަމަށް ބުނާއިރު ޕްރިސްކްރިޕްޝަން ދޭން ކޮލެޖުން ދެކޮޅު ހެދުމަކީ ވެސް އާއިލާ އިން ސުވާލު އުފައްދާ ކަންކަމެވެ.

ރައުދާގެ ބައްޕަ މުހައްމަދު އާތިފްއާ ހަވާލާދީ، ޑެއިލީ ސްޓާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ރައުދާގެ ކަރާއި މޫނުމަތިން ފެންނަން ހުރި ނިޝާންތަކުން އޭނާ އަށް އަނިޔާކޮށްފައިވާ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. އަމިއްލަ އަށް މަރުވަނީ ޑިޕްރެޝަން ތަހައްމަލްކުރާ މީހުން ކަމަށާއި ރައުދާ އަށް އެކަހަލަ އެއްވެސް ކަމެއް ކުރިމަތިނުވާ ކަމަށް އާތިފް ބުންޏެވެ. އޭގެ ބަދަލުގައި، އޭނާ ބުނީ، ރައުދާ އަކީ ވަރަށް އުފާވެރި ކުއްޖެއް ކަމަށެވެ.