Roadha Mihaaru
ރައުދާގެ މަރު ހަވަނަ ފަހަރަށް ތަހުގީގުކުރަން އަންގައިފި

ރައުދާގެ މަރު ހަ ވަނަ ފަހަރަށް ތަހުގީގުކުރަން ބަންގްލަދޭޝް ކޯޓުން އަންގައިފި

21 ޖުލައި 2022

ބަންގްލަދޭޝްގައި ޑޮކްޓަރުކަން ކިޔަވަން ހުއްޓައި މީގެ ފަސް އަހަރު ކުރިން މަރުވި ދިވެހި މޮޑެލް، ރައުދާ އާތިފްގެ މަރުގެ މައްސަލަ ހަ ވަނަ ފަހަރަށް ތަހުގީގުކުރަން އެ ގައުމުގެ ކޯޓަކުން އިއްޔެ އަންގައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ބަންގްލަދޭޝްގައި ޑޮކްޓަރުކަން ކިޔަވަން ހުއްޓައި މީގެ ފަސް އަހަރު ކުރިން މަރުވި ދިވެހި މޮޑެލް، ރައުދާ އާތިފްގެ މަރުގެ މައްސަލަ ހަ ވަނަ ފަހަރަށް ތަހުގީގުކުރަން އެ ގައުމުގެ ކޯޓަކުން އިއްޔެ އަންގައިފި އެވެ.

ވިލު ނޫ ކުލައިގެ ކަޅީގެ ސަބަބުން މަޝްހޫރުވެގެން ދިޔަ ރައުދާ މާޗު 29، 2017 ގައި މަރުވެފައި ހުއްޓާ ފެނުނީ ރާޖްޝާހީގައި އޭނާ ކިޔަވަން އުޅުނު އިސްލާމީ ބޭންކް މެޑިކަލް ކޮލެޖުގެ ނިދާ ކޮޓަރީގެ ފަންކާގައި ފޮތިގަނޑެއް އައްސާފައި ހުއްޓަ އެވެ.

ކިޔެވުމުގެ ދެ ވަނަ އަހަރު، ރައުދާ، 20، މަރުވީ ދަންޖެހިގެން ކަމަށް މީގެ ކުރިން ހެދި އޮޓޮޕްސީތަކުން ވެސް އަދި އެ ގައުމުގެ ފުލުހުންގެ ތަހުގީގުތަކުން ވެސް ދެއްކި އެވެ.

ނަމަވެސް އެކަމުގައި ޝައްކު އުފެދޭ އެތައް ކަމެއް ހުރި ކަމަށް ބުނެ އެ މައްސަލަ އަލުން ބެލުމަށް އޭނާގެ ބައްޕަ މުހައްމަދު އާތިފް ކޯޓަށް މައްސަލަ ހުށަހެޅީ އެވެ.

އާތިފްގެ ވަކީލް، އެމްޑީ ނޫރުލް އިސްލާމް ސަރްކަރްއާ ހަވާލައިދީ ބަންގްލަދޭޝްގެ ނޫހަކުން ބުނީ އެސިސްޓެންޓް ސުޕްރިޓެންޑެންޓް ޕޮލިސް (އޭއެސްޕީ) ރޭންކުގެ ފުލުހަކާ ހަވާލުކޮށްގެން ރައުދާގެ މަރުގެ މައްސަލަ އަލުން ތަހުގީގުކުރަން ކޯޓުން އަންގާފައިވާ ކަމަށެވެ.

އެހެންވެ، އެ އެންގުމާ އެއްގޮތަށް އެ މައްސަލަ ހަ ވަނަ ފަހަރަށް ތަހުގީގުކުރާނެ ކަމަށް ބުންޏެވެ.

ރައުދާގެ މަރުގައި ބައެއްގެ ބައިވެރިވުން އޮތް ކަމަށް އޭނާގެ ބައްޕަ ތުހުމަތުކުރިއަސް، ބަންގްލަދޭޝްގެ ކަމާ ގުޅޭ އިދާރާތަކާއި އިތުރު މައުލޫމާތުތައް ހޯދައިގެން ރާއްޖޭގެ މަރު ކޮމިޝަނުން ވެސް އެ މައްސަލަ ނިންމާފައި ވަނީ ބަނގްލަދޭޝްގެ ޕޮލިހުންގެ ތަހުގީގާ އެއްގޮތަށެވެ. ރައުދާ މަރުވެފައިވަނީ އަމިއްލައަށް ކަމަށެވެ.

އެ ގައުމުގެ ފުލުހުން ނިންމީ ރައުދާ މަރުވީ އަމިއްލަ އަށް ކަމަށާއި އޭނާ އެ ކަންތައް ކުރީ ލޯބިވެރިޔާއާ ޖެހުނު މައްސަލަތަކަކާ ގުޅިގެން ކަމަށެވެ. ރައުދާގެ ލޯބިވެރިޔާ އަކީ އިނގިރޭސި ވިލާތުގައި ކިޔަވަން ހުންނަ މީހެއް ކަމަށް ވެސް ފުލުހުންގެ ރިޕޯޓްގައި ބުނެފައިވެ އެވެ. އަމިއްލަ މަރުވިކަން އޮޓޮޕްސީ ރިޕޯޓުން ދައްކާއިރު ރައުދާގެ ފޯނާއި ލެޕްޓޮޕުން އަދި އެހެން ގޮތްގޮތުން ލިބުނު މައުލޫމާތާ ހާދިސާ ހިނގައިދިޔަ ގޮތާ ދިމާވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.