Roadha Mihaaru
އެސްބީއައިގެ 319 އެކައުންޓެއް ބަންދުކުރަނީ

އެސްބީއައިގެ 300 އަށް ވުރެ ގިނަ އެކައުންޓް ބަންދުކުރުމުގެ ނޯޓިސް ނެރެފި

04 އެޕްރީލް 2017

ބޭނުންނުކުރާތާ ގިނަ ދުވަސް ވީ 300 އަށް ވުރެ ގިނަ އެކައުންޓް ބަންދުކުރުމުގެ ނޯޓިސް ރާއްޖޭގައި ހިންގާ ބޭރުގެ އެންމެ ބޮޑު ބޭންކް، ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން ނެރެފި އެވެ.

ބޭނުންނުކުރާތާ ގިނަ ދުވަސް ވީ 300 އަށް ވުރެ ގިނަ އެކައުންޓް ބަންދުކުރުމުގެ ނޯޓިސް ރާއްޖޭގައި ހިންގާ ބޭރުގެ އެންމެ ބޮޑު ބޭންކް، ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން ނެރެފި އެވެ.

އެސްބީއައިން ނެރުނު ނޯޓިސްއެއްގައި އެދިފައިވަނީ އިއުލާންކުރި 319 އެކައުންޓްގެ ވެރިފަރާތުން މޭ 31، 2017 ގެ ކުރިން އެކައުންޓާ މެދު ގޮތެއް ނިންމުމަށެވެ. އެ މުއްދަތުގައި އެ ބޭންކަށް ވަކި ގޮތެއް ނާންގާ ފަރާތްތަކުގެ އެކައުންޓް ބަންދުކޮށް، އޭގައި ހުރި ފައިސާ މަރުކަޒީ ބޭންކް، އެމްއެމްއޭއާ ހަވާލުކުރާނެ ކަމަށް ވެސް އެސްބީއައި އިން ބުނެފައިވެ އެވެ.

ރާއްޖޭގެ ބޭންކިންއާ ބެހޭ ގާނޫނު ބުނާ ގޮތުން ބޭނުން ނުކުރާތާ ގިނަ ދުވަސް ވީ އެކައުންޓްތައް (ޑޯމަންޓް އެކައުންޓްސް) ބަންދުކުރުމުގެ އިޚުތިޔާރު ބޭންކްތަކަށް ދީފައިވެ އެވެ. އެގޮތުން އެއްވެސް ގޮތަކުން އޮޕަރޭޓްނުކުރާތާ ފަސް އަހަރު ވުމުން އެ އެކައުންޓެއްގެ ވެރިފަރާތުގެ އެޑްރެސްކަމަށް އެންމެ ފަހުން ބޭންކަަށް ލިބިފައިވާ އެޑްރެހަށް، އެކައުންޓްގެ ތަފުސީލާ އެކު ސިޓީ ފޮނުވަން ޖެހެ އެވެ. އެ ސިޓީ އަށް ޖަވާބެއް ނުލިބިއްޖެ ނަމަ، އެކައުންޓްގެ ވެރިފަރާތުގެ ނަންތައް ނޫޙުގައި ޝާއިއުކުރަން ޖެހެ އެވެ.

ގާނޫނު ބުނާ ގޮތުން ނޫހުގައި ޖަހާތާ 60 ދުވަހުގެ ތެރޭގައި އެކައުންޓްގެ ވެރިފަރާތް ނުހޯދިއްޖެ ނަމަ، އެ އެކައުންޓްގެ ފައިސާ އެމްއެމްއޭއާ ހަވާލުކުރަން ވާނެ އެވެ.

ޑޯމަންޓް އެކައުންޓްތަކުގެ ފައިސާ އެމްއެމްއޭއާ ހަވާލުކުރިޔަސް އޭގެ ހައްގުވެރިންނަށް އެ ގެއްލިގެންނެއް ނުދެ އެވެ. އެމްއެމްއޭ އިން އެ ފައިސާ ބަހައްޓަނީ އެތަނުން އިންވެސްޓްކުރާ ފައިސާގެ ތެރޭގަ އެވެ. އެކަމަކު ބޭންކުން އެ ފައިސާ އެމްއެމްއޭއާ ހަވާލުކުރާތާ ފަސް އަހަރުގެ ތެރޭގައި، އެކައުންޓްގެ ވެރިފަރާތުން ފައިސާއާ ހަވާލުނުވެއްޖެ ނަމަ ފިނޭންސް މިނިސްޓްރީއަށް ޖަމާކޮށްދެ އެވެ.

ގާނޫނު ބުނާ ގޮތުން އެހާ ހިސާބުން ވެސް ފައިސާގެ ވެރިފަރާތުގެ ހަައްގު ދައުލަތުން ހިމާޔަތްކޮށްދެ އެވެ. އެގޮތުން އެމްއެމްއޭ އިން ފިނޭންސަށް އެ ފައިސާ ހަވާލުކުރާ ފަހުން ވެސް، އެކައުންޓްގެ ވެރިފަރާތުން އެއީ އޭނާގެ ފައިސާކަން ސާބިތުކުރެވޭ ހެކިތައް އެމްއެމްއޭ އަށް ހުށަހަޅައިފި ނަމަ، ފައިސާ ހޯދައިދެ އެވެ.

އެސްބީއައި އިން ބުނީ މިހާރު އިއުލާންކޮށްފައިވާ އެކައުންޓްތަކުގެ ވެރިފަރާތުން، އައިޑީ ކާޑު ނުވަތަ ޕާސްޕޯޓް ހިފައިގެން ބޭންކަށް ގޮސް، އެކައުންޓާ މެދު ވީހާވެސް އަވަހަކަށް ގޮތެއް ނިންމުމަށެވެ.