Roadha Mihaaru
ހައި ކޯޓަށް ދެ ފަނޑިޔާރަކު ހޯދަން އިއުލާނުކޮށްފި

ހައި ކޯޓަށް ދެ ފަނޑިޔާރަކު ހޯދަން އިއުލާނުކޮށްފި

04 އެޕްރީލް 2017

ހައި ކޯޓަށް ދެ ފަނޑިޔާރަކު ހޯދުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު އިއުލާނުކޮށްފި އެވެ.

ހައި ކޯޓަށް ދެ ފަނޑިޔާރަކު ހޯދުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު އިއުލާނުކޮށްފި އެވެ.

ހައި ކޯޓަށް ދެ ފަނޑިޔާރަކު ހޯދަން މިދިޔަ އަހަރުގެ އޯގަސްޓް މަހު ދެ ފަހަރެއްގެ މަތިން އިއުލާނުކުރި އެވެ. ފަނޑިޔާރުން ހޯދަން މިއަދު އިއުލާނުކުރީ ކުރީގެ އިއުލާނު ބާތިލްކޮށްފައި ކަމެއް ނުވަތަ ނޫން ކަމެއް އިއުލާނުގައި ބުނެފައެއް ނުވެ އެވެ.

ފަނޑިޔާރުން ހޯދަން މިދިޔަ އަހަރު ކުރި ފުރަތަމަ އިއުލާނާ ގުޅިގެން ކުރިމަތިލެއްވީ އެންމެ ދެ ބޭފުޅެކެވެ. އެހެންވެ އަލުން އިއުލާނުކުރީ އެވެ. އެކަމަކު ފަނޑިޔާރުކަމަށް ބޭފުޅުން ހޮވައިފައެއް ނުވެ އެވެ.

ނުވަ ފަނޑިޔާރުން ތިބެން ޖެހޭ ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ދެ މަގާމު ހުސްވީ އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި ޑރ. އަޒްމިރަލްދާ ޒާހިރު ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވުމާއި ފަނޑިޔާރު އައްބާސް ޝަރީފް ފަނޑިޔާރުކަމުން ރިޓަޔާކުރެއްވުމުންނެވެ. ރާއްޖޭގެ އުތުރާއި ދެކުނުގައި ހައި ކޯޓުގެ ދެ ގޮފި ގާއިމުކޮށް ދެކުނު ގޮތްޕަށް ތިން ފަނޑިޔާރަކު ކަނޑައެޅި ނަމަވެސް ފަނޑިޔާރުންގެ އަދަދު ހަމަނުވާތީ އުތުރު ގޮފީގެ މަސައްކަތްތައް އޮތީ ނުފެށި އެވެ.

ފަނޑިޔާރު ކަމަށް ކުރިމަތިލާ މީހުން މި މަހުގެ 18 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިން ޖޭއެސްސީ އަށް ހުށަހަޅަން ޖެހޭނެ ކަމަށް އިއުލާނުގައިވެ އެވެ.

ހައި ކޯޓުގެ ފަނޑިޔާރަކަށް އަސާސީ މުސާރައިގެ ގޮތުގައި 36،000ރ. އާއި ލިވިން އެލަވަންސްގެ ގޮތުގައި 15،000ރ. ލިބޭނެ އެވެ. މީގެ އިތުރުން މެޑިކަލް އިންޝޫރެންސާއި ފޯނު އެލަވަންސް ދޭނެ އެވެ. އަދި ރިސްކް އެލަވަންސްގެ ގޮތުގައި 3،300ރ. ލިބޭނެ އެވެ.