Roadha Mihaaru
ރިޝްވަތެއް ނުދެން، ޖަލަށް ލާފާނެތީ ބިރެއްނުގަނޭ:ގާސިމް

ރިޝްވަތެއް ނުދެން، ޖަލަށް ލާފާނެތީ ބިރެއް ނުގަނޭ: ގާސިމް

04 އެޕްރީލް 2017

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ ވޯޓާ ގުޅިގެން މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދެއްވި ކަމަށް އޭނާގެ މައްޗަށް ކުރާ ތުހުމަތުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށާއި އެ މައްސަލާގައި ޖަލަށް ލާފާނެތީ ޖެހިލުންވެވަޑައި ނުގަންނަވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މެމްބަރުންނަށް ރިޝްވަތު ދެއްވި ކަމަށް ގާސިމް މައްޗަށް ހިންގާ ތަހުގީގު ނިންމައި ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ވަރަށް އަވަހަށް ފޮނުވާނެ ކަމުގެ އަޑުތައް މިއަދު ވަނީ ފެތުރިފަ އެވެ. އެކަމަކު އެ މައްސަލަ ޕީޖީއަށް ފޮނުވިކަމުގެ މައުލޫމާތެއް އަދި ނުލިބެ އެވެ.

ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ވާހަކަތަކަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވީ އޭނާ ޖަލަށް ލާން ނިންމާފައި އޮތީ ތިން އަހަރު ދުވަހަށް ކަމަށް އަޑު އިވިވަޑައިގެންފައިވާ ކަމަށެވެ. އޭނާ އާއި އޭނާގެ ވިޔަފާރި އަދި ކުންފުނީގެ މުވައްޒަފުންނަށް ނުހައްގު އަނިޔާ ދެމުންދާ ކަމަށް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވި ގޮތުގައި މަސީހް ވަކިކުރުމުގެ މަސައްކަތުގައި އޭނާ އުޅުއްވީ ގާނޫނީ އިމުގެ ތެރޭގަ އެވެ. އެ މަސައްކަތް ކުރަން މަޖުބޫރުވެވަޑައިގަތީ ގާނޫނާ ހިލާފަށް އެތައް ކަމެއް މަޖިލީސް ތެރެއިން ހިނގަމުންދާތީ އާއި އެ މައްސަލާގައި މަސީހް ވަކިކުރަން ވޯޓު ދޭން ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ ކިބައިން އެދިވަޑައިގަތީ އެ ޕާޓީން ތްރީ ލައިން ވިޕެއް ނެރުމުން ކަމަށް ވެސް ވިދާޅުވި އެވެ.

ގާސިމް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވާއިރު، ވިލާ ޝިޕިންގެ ކޮމްޕެނީ ސެކްރެޓަރީ އިބްރާހިމް ރަޝީދު (ކ-3) އަދި ގާނޫނީ ވަކީލުން ގާސިމްގެ ފަހަތުގައި މަޑުކޮށްލައިގެން: ނޫސްވެރިންނާ އެކު އިތުރު ބައްދަލުވުމެއް ބޭއްވުމުގެ ފުރުސަތު ނުލިބިދާނެ ކަމަށް ވިދާޅުވި.---ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"އަޅުގަނޑެއް ނުދެން ރިޝްވަތެއް. އަޅުގަނޑުގެ ޕާޓީ މެމްބަރުންނާއި ގުޅިފައިވާ ޕާޓީތަކުގެ މެމްބަރުން ވަނީ މަސީހް ވަކިކުރަން ތްރީ ލައިން ވިޕް އަޅާފައި. އަޅުގަނޑަކީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު، އެ ހައިސިއްޔަތުން ފެހި ޖަހަން ފާސްކޮށްފައި އޮތީމަ އަޅުގަނޑު ބުނަން ޖެހޭ ފެހި ޖަހާށޭ، ގްރީން ޖަހާށޭ. އަޅުގަނޑުމެންގެ ޕާޓީ މެމްބަރުންނަށް އަޅުގަނޑު ގޮވާލިން. އެއީ ވަގަކު ކުރާ ވައްކަމެއް ނޫން،" ގާސިމް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީން ވިޕްލައިން ނެރުނު ގޮތާ އެއްގޮތަށް ވޯޓު ދެއްވަން އެ ޕާޓީގެ މެމްބަރުންގެ ކިބައިން އެދިވަޑައިގަތުން އެއީ ރިޝްވަތަކަށް ވާ ނަމަ، "މިދެން އަޖައިބެއް ނޫންތޯ" ގާސިމް ސުވާލު ކުރެއްވި އެވެ.

އޭނާ ވިދާޅުވީ އުމުރުން 65 އަހަރަށް ވުރެ މަތިވެފައިވާއިރު، ޖަލަށް ލުމުން ކޮންމެ ފަދަ ކަމެއް ވެސް ކުރިމަތިވެދާނެ ކަމަށެވެ. މީގެ 14 އަހަރު ކުރިން 2004 ގައި ޖަލަށް ލުމުން، ހިތުގެ މައްސަލަތަކެއް ކުރިމަތިވެ، އެ ބައްޔަށް މިހާރު ވެސް ބޭސްކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑު ނިމިދާނީ، ﷲގެ މަގުގައި މުއުމިނެއްގެ ގޮތުގައި،" ގާސިމް ވިދާޅުވި އެވެ.

އޭނާގެ ވާހަކަ ނިންމާލައްވަމުން ވިދާޅުވީ ނޫސްވެރިންނާ އެކު އިތުރު ބައްދަލުވުމެއް ބޭއްވުމުގެ ފުރުސަތު ވެސް ފަހަރުގައި ނުލިބިދާނެ ކަމަށެވެ. އޭނާ އަށް މި ސަރުކާރުން ކުރިމަތިކޮށްފައި ވަނީ އެފަދަ ހާލަތެއް ކަމަށް ވިދާޅުވެ "އަނިޔާވެރިކަމަށް" ނިމުން އަންނާނެ ކަމަށް ވިދާޅުވި އެވެ.