Roadha Mihaaru
ގާސިމް އަނެއްކާވެސް ހައްޔަރުކޮށްފި

ގާސިމް އަނެއްކާވެސް ހައްޔަރުކޮށްފި

21 އެޕްރީލް 2017

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އަނެއްކާވެސް މިރޭ ހައްޔަރުކޮށްފި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އަނެއްކާވެސް މިރޭ ހައްޔަރުކޮށްފި އެވެ.

ޖޭޕީގެ ސްޕޯކްސް ޕާސަން އަލީ ސޯލިހް ވިދާޅުވީ ގިނަ އަދަދެއްގެ ފުލުހުން މިރޭ ދަންވަރު 12:10 ހާއިރު ގޮސް ކޯޓް އަމުރެއްގެ ދަށުން ގާސިމް ހައްޔަރުކުރީ ގާސިމްގެ ގެ މ. މާފަންނުވިލާގައި ހުންނަވަނިކޮށް ކަމަށެވެ.

ކޯޓު އަމުރުގައިވާ ގޮތުން މިފަހަރު ވެސް ގާސިމް ހައްޔަރުކުރީ ރިޝްވަތު ދިނުމާއި ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތް ކުރާ ކަމުގެ ތުހުމަތުގަ އެވެ.

އެކަމަކު ގާސިމް ހައްޔަރު ކުރުމަށް ކޯޓު އަމުރަށް އެދޭ ސަބަބު ކުރީ ފަހަރަށް ވުރެ ވަނީ ފުޅާކޮށްފަ އެވެ. އަދި ކުރީ ފަހަރާ ޚިލާފަށް ގާސިމް ހައްޔަރު ކުރުމުގެ އަމުރަށް މި ފަހަރު އެދިފައި ވަނީ ވެސް ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް އެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް ނެރުއްވި އަމުރުގައި ވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމަށް ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާއެކު ކަމަށް މި މަހުގެ 10 ގައި ފާސްކުރުމާ ގުޅިގެން، މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމަށް ހުށަހެޅުމަށްޓަކައި 42 މެމްބަރުންގެ ސޮއި ހޯއްދެވުމަށް މެމްބަރުންނަށް ގާސިމް އެކި ގޮތްގޮތުން ނުފޫޒު ފޯރުވަމުންދާ ކަމަށެވެ. އަދި ސަލާމަތީ ބާރުތަކުގައި މަސައްކަތް ކުރާ ފަރާތްތަކާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން މަސައްކަތް ކޮށް އަދި ރައްޔިތުންގެ މެދުގައި ފިތުނަ އާއި ބިރުވެރިކަން އުފެއްދުމަށް ގާސިމް މަސައްކަތް ކުރާ ކަމުގެ ތުހުމަތު ވެސް ކޯޓު އަމުރުގައި ކޮށްފައިވެ އެވެ.

"...ގާސިމް އިބްރާހިމް އިސްވެ ހުންނަވައިގެން ކ. މާލެ/ މ. ކުނޫޒްގައި ސިލްސިލާކޮށް ބާއްވަމުންދާ ޖަލްސާތަކުގައި އެ ކަންކަމަށް ބާރު ލިބޭ ފަދަ މޭރުމަކުން ވާހަކަ ދައްކަމުން ދާތީ އާއި މި ކަންތައްތަކަކީ މިހާރު ތަހުގީގު ކުރަމުންދާ ކަންތައްތަކެއް ކަމަށް ވާތީ، ގާސިމް އިބްރާހިމް މުޖުތަމައު އަށް ދޫކޮށްފައި ބެހެއްޓުމަކީ މައްސަަލައިގެ ތަހުގީގަށް ބޮޑެތި ހުރަސްތަކެއް އެޅި އަދި މި ކަންކަމާ ގުޅޭ ގޮތުން ލިބެން ހުރި ހެކި ފޮރުވާ އަދި ހެކިބަސް ދޭން ތިބި ފަރާތްތަކަށް ނުފޫޒު ފޯރުވާ، އެ ހެކި ނައްތާލުމަށް ފުރުސަތު ތަނަވަސް ވެގެން ދާނެ ކަމެއް ކަމެއް ކަމަށާއި، އަދި ގާސިމް އިބްރާހިމް މުޖުތަމައު އަށް ދޫކޮށްފައި ބެހެއްޓުމަކީ މުޖުތަމައުގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި" ފެނުމަކީ ވެސް އޭނާ ހައްޔަރު ކުރަންޖެހޭ ސަބަބެއް ކަމަށް އަމުރުގައިވެ އެވެ.

ފުލުހުން ދެންމެ ކުރި ޓްވީޓެއްގައި ބުނީ "ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން" ގާސިމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ޖޭޕީން ނެރުނު ބަޔާނެއްގައި ބުނީ ގާސިމް ހައްޔަރުކުރީ އޭނާގެ ކޮޓަރީގައި ހުންނަވަނިކޮށް، ވަރަށް ކުއްލި ގޮތަކަށް ފުލުހުންގެ ބަޔަކު ވަދެ ކަމަށެވެ. އަދި ހައްޔަރު ކުރުމުގެ ކުރިން އާއިލާގެ ބޭފުޅުންނާއި ގާނޫނީ ވަކީލުންނާ ބައްދަލުކުރެއްވުމުގެ ވަގުތު ވެސް ނުދެއްވާ ކަމަށް ޖޭޕީން ބުންޏެވެ.

"އަދި އެމަނިކުފާނު ފުލުހުންގެ ވެހިކަލްގައި ގެންދަވައި ހަތަރު ނަމްބަރު ޖެޓީން ލޯންޗަށް އަރާވަޑައިގަތުމުގެ ކުރިން، އެމަނިކުފާނުގެ ވަކީލުންގެ ބޭފުޅުން އެމަނިކުފާނާ ބައްދަލުކުރެއްވުމަށްޓަކައި އެ ސަރަހައްދަށް ވަޑައިގެންނެވިއިރު، ފުލުހުން އެ ސަރަހައްދު ބަންދުކޮށްފައި އޮތުމުގެ ސަބަބުން އެ ސަރަހައްދަށް ވަނުމުގެ ހުއްދަ ނުދެއްވާ ލަސްކުރުމުގެ ސަބަބުން އެމަނިކުފާނުގެ ވަކީލުންނަށް އަރިހުގައި ވަޑައިގަތުމުގެ ފުރުސަތު ގެއްލިގެން ދިޔަކަމީ މި ޕާޓީން ނުހަނު ކަންބޮޑުވާ ކަމެކެވެ،" ބަޔާނުގައި ވެ އެވެ.

ޖޭޕީން ބުނިގޮތުގައި ގާސިމް ދޫނިދޫގައި މިހާރު ވެސް ބަހައްޓާފައި ވަނީ ކުރީ ފަހަރު ވެސް ހުންނެވި، ވައި ދައުރުވުމުގެ މައްސަލަ ހުރި ކުޑަގޮޅީގަ އެވެ.

ވައި ދައުރުވާ ތަނެއްގައި ގާސިމް ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް ކުރީ ފަހަަރު އަމުރުކޮށްފައިވާއިރު، އެކަން ރަނގަޅު ނުކުރާކަން ޖޭޕީން ފާހަގަކުރެ އެވެ. އެހެންވެ އެކަން އިސްލާހު ކުރުމަށް ކަމާބެހޭ މުއައްސަސާތަކަށް ޖޭޕީން ގޮވާލި އެވެ.

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމާއި ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން އުޅޭ ކަމުގެ ތުހުމަތުގައި މި މަހުގެ ހަތްވަނަ ދުވަހުގެ ރޭ ވެސް ގާސިމް ހައްޔަރުކުރި އެވެ. އަދި އޭނާގެ ބަންދުގެ މުއްދަތަށް ކޯޓުން ހަ ދުވަސް ޖެހި ނަމަވެސް ހައި ކޯޓުން ގާސިމް ދޫކޮށްލި އެވެ.

ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ގާސިމް ކުރިން ހައްޔަރުކުރި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން އޭނާ މިނިވަންކުރީ، ގާސިމް ހައްޔަރުކުރީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒްގެ ގާނޫނާ ޚިލާފަށް ކަމަށް ވާތީ އެވެ.

ގާސިމް ކުރިން ހައްޔަރުކުރީ އިމްތިޔާޒް ގާނޫނާ އެއްގޮތަށް ނޫން ކަމަށް ދައުލަތުން ވެސް ވަނީ ހައި ކޯޓުގެ ޝަރީއަތުގައި އެއްބަސްވެފައި ކަމަށް އެނގިފައިވެ އެވެ.

އިމްތިޔާޒު ގާނޫނުގައިވާ ބުނާ ގޮތުން ކުށުގެ ވެށިން ނޫން ގޮތަކަށް ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކު ހައްޔަރު ކުރެވޭނީ ޕްރޮސެކިއުޓާ ޖެނެރަލް މެދުވެރިކޮށް ހޯދާ ކޯޓު އަމުރެއްގެ ދަށުންނެވެ. އެކަމަކު ކުރީ ފަހަރު ގާސިމް ހައްޔަރުކުރަން ފުލުހުން ކޯޓު އަމުރު ހޯދީ އެގޮތަކަށް ނޫނެވެ. އެހެންވެ، އެ އަމުރުގެ މައްޗަށް ބިނާކޮށް ގާސިމްގެ ބަންދުގެ މުއްދަތު އިތުރު ކުރިކުރުން ބާތިލްވާނެ ކަމަށާއި އެހެންވެ ގާސިމް ބަންދުން ދޫކޮށްލަން އަމުރުކުރީ ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރުމަށް އިދިކޮޅު ފަރާތްތަކުން އުފައްދާފައިވާ ކޯލިޝަންގެ އެންމެ އިސްވެރިންގެ ތެރެއިން މާލޭގައި ހަރަކާތްތެރިކަމާ އެކު އުޅުއްވާ ހަމައެކަނި ލީޑަރު ގާސިމް ދެވަނަ ފަހަރަށް ހައްޔަރުކުރިއިރު، އޭނާގެ މައްޗަށް ތިން ދައުވާއެއްކޮށް މި މަހުގެ 13 ގައި ވަނީ ޝަރީއަތް ވެސް ފަށައިފަ އެވެ.

އޭނާގެ މައްޗަށް އުފުލާފައި ވަނީ ރިޝްވަތު ދޭން އުޅުމުގެ ދައުވާ އާއި ރަސްމީ ގޮޮތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އަދި ވޯޓު ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވުމުގެ ދައުވާ އެވެ.

މި މައްސަލާގައި އަންނަ އާދިއްތަދުވަހު ކްރިމިނަލް ކޯޓުގައި ބާއްވާ ޝަރީއަތުގައި އޮތީ ގާސިމް ޖަވާބުދާރީވެވަޑައިގަތުމެވެ.

ގާސިމްގެ ޝަރީއަތް ފެށި ފަހުން އިއްޔެ ރޭ ވެސް އޭނާ ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފައިވެ އެވެ. އެ ފަހަރު އޭނާ އަށް ފުލުހުން ތުހުމަތު ކުރަނީ ފަނޑިޔާރުންނާއި ސިފައިންނާއި ފުލުހުންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރުމާއި ގާނޫނުލް އުގޫބާތުގެ 610 ވަނަ މާއްދާގެ ދަށުން، ގާނޫނީ ސަރުކާރެއް ބަދަލު ކުރަން މަސައްކަތް ކުރުމެވެ.

"ވަރަށް ފުރިހަމަ އަށް ގާސިމް އިބްރާހިމް ޖަވާބުދާރީވެ ވަޑައިގެންނެވި،" އިއްޔެ ރޭ ގާސިމާ އެކު ފުލުސް އޮފީހަށް ވަަޑައިގަތުމަށް ފަހު، އޭނާގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ ހިސާން ހުސެއިން ނޫސްވެރިންނަށް ވިދާޅުވެފައިވެ އެވެ.

ގާސިމަށް ކުރާ ތުހުމަތުތަކާ ގުޅިގެން އޭނާގެ ގެ މާފަންނުވިލާ އާއި ގާސިމްގެ އޮފީސް ހުންނަ ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީ ވެސް ވަނީ ފާސްކޮށްފަ އެވެ. އެކަމަކު ތަހުގީގަށް ހޯދަން ބޭނުންވި އެއްވެސް އެއްޗެއް އެ ދެ ތަނަކުން ފުލުހުންނަށް ނުފެންނަ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. މީގެ އިތުރުން ގާސިމްގެ ޕާސްޕޯޓާއި މޮބައިލް ފޯނު ވެސް ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓައިފަ އެވެ.

ގާސިމްގެ ޝަރީއަތް ފަށައި އަދި ތަފާތު އެކި ގޮތްގޮތުން ފިއްތުންތައް އޭނާ އަށް ކުރިމަތި ކުރަމުން ދިޔަ ނަމަވެސް ސިޔާސީ ގޮތުން ގާސިމް ފަހަތަށް ޖެހިވަޑައިނުގަންނަވާ ކަން ސިޔާސީ އިދިކޮޅު ފަރާތްތަކުން ފާހަގަކުރެ އެވެ. އިއްޔެ ރޭ ކުނޫޒްގައި ބޭއްވި ޖަލްސާގައި ވެސް ރައީސް އަބްދުﷲ ޔާމީނަށް އަމާޒުކޮށް ގާސިމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އޭނާ އިއްޔެ ރޭ ވިދާޅުވި ގޮތުގައި، ސަރުކާރާ ދެކޮޅަށް އެއްޗެއް ބުނެލާ އިރަށް ފުލުހަށް ހާޒިރުކޮށް، އެކި ގޮތްގޮތުން ބިރު ދެއްކިޔަސް ފަސްޖެހިވަޑައެއް ނުގަންނަވާނެ އެވެ. އަދި ހުންނަވާނީ ސާބިތުކަމާ އެކު ކަމަށް ގާސިމް ވިދާޅުވި އެވެ. އޭނާ ފަދަ އުމުރުން ދުވަސްވެފައި ހުރި މީހަކު ސިޔާސީ ބޭނުމެއްގައި ޖަލަށް ލާން ލަދު ގަންނަން ޖެހޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ. ބާރުގެ ބޭނުންކޮށްގެން މަރާލިޔަސް ހުންނަވާނީ ސާބިތުކަމުގައި ކަމަށް އޭނާ ވިދާޅުވި އެވެ.