15 މެއި 2017
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށް ކްރިމިނަލް ކޯޓުގައި އެންމެ ފަހުން އޮތް ޝަރީއަތުގައި ފުލުހުން ދޮގު ހެދި ކަމަށް ބުނެ، އޭނާ އަށް ކޯޓުން ކުރި ބޮޑު ހަތް ޝަރުތު ބާތިލްކޮށް ދިނުމަށް ގާސިމްގެ ވަކީލުން ކްރިމިނަލް ކޯޓުގައި އެދިއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށް ކްރިމިނަލް ކޯޓުގައި އެންމެ ފަހުން އޮތް ޝަރީއަތުގައި ފުލުހުން ދޮގު ހެދި ކަމަށް ބުނެ، އޭނާ އަށް ކޯޓުން ކުރި ބޮޑު ހަތް ޝަރުތު ބާތިލްކޮށް ދިނުމަށް ގާސިމްގެ ވަކީލުން ކްރިމިނަލް ކޯޓުގައި އެދިއްޖެ އެވެ.
ގާސިމްގެ ގާނޫނީ ވަކީލުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް މިދިޔަ ބުދަދުވަހު ބޭއްވި ޝަރީއަތުގެ މަޖިލިހުގައި، ގާސިމްގެ މައްޗަށް ތުހުމަތު ކުރާ މައްސަލާގައި ދައުވާކޮށް ދިނުމަށް އެދި ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވޭތޯ ގާސިމްގެ ފަރާތުން ތަކުރާރުކޮށް ސުވާލު ކުރި ކަމަށެވެ. ނަމަވެސް އެ މައްސަލަ ޕީޖީ އަށް ފޮނުވާފައި ނުވާނެ ކަމަށް ފުލުހުން ބުނި ކަމަށް ގާސިމްގެ ވަކީލުންގެ ބަޔާނުގައިވެ އެވެ.
ގާސިމްގެ ވަކީލުންނަށް ޕީޖީ އޮފީހުން މިއަދު ފޮނުވާފައިވާ ސިޓީއެއްގައިވާ ގޮތުން، އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މިދިޔަ އަންގާރަދުވަހު ފުލުހުން ޕީޖީ އަށް ހުށަހެޅި މައްސަލަ އަނބުރާ ފުލުސް އޮފީހަށް ފޮނުވީ، ގާސިމްގެ ބަންދުގެ މުއްދަތު ޖެހުމަށް އެންމެ ފަހުން ކޯޓަށް ހާޒިރުކުރި ދުވަހު އެވެ. އެއީ މިދިޔަ ބުދަދުވަހު އެވެ.
ކްރިމިނަލް ކޯޓުން އެ ދުވަހު ގާސިމް މިނިވަންކުރީ، ވަރުގަދަ ހަތް ޝަރުތެއް ކުރިމަތިކޮށްފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ ތަހުގީގަށް އެއްބާރުލުން ދެއްވުމާއި ފުލުހުންގެ ހުއްދަ ލިބިގެން ނޫނީ ރަށުން ބޭރަށް ވަޑައިނުގަތުމަށާއި ފިތުނަ އުފެދޭ ފަދަ ވާހަކަތައް ދައްކާ މީހުންނާ އެކު ބައްދަލުވުންތައް ނުބޭއްވެވުމަށާއި ހެކި ގެއްލިދާނެ ފަދަ ނުވަތަ ހެއްކަށް ނުފޫޒު ފޯރާ ފަދަ އެއްވެސް ކަމެެއް ނުކުރެއްވުމަށާއި ފިތުނަ އުފެދޭ ވާހަކަތައް ނުދެއްކެވުމާއި ފިތުނަ އުފެދޭ ވާހަކަތައް ދެއްކެވުމަށް ގާސިމްގެ ގޯތިގެދޮރު ބޭނުން ނުކުރެއްވުމާއި އެފަދަ ކަންކަމަށް މީހުންނަށް ތަންތަން ދޫ ނުކުރެއްވުމާއި ދައުލަތުގެ ތިން ބާރާއި އެ ބާރުގެ ވެރިންނާ ބެހޭގޮތުން ނުތަނަވަސްކަން އުފެދޭ ވާހަކަތައް ނުދެއްކެވުމެވެ.
ގާސިމް އެންމެ ފަހުން ހައްޔަރުކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހަޅަން ތައްޔާރުވަމުންދާ މައްސަލާގައި މެމްބަރުންނަށް ނުފޫޒު ފޯރުވަން އުޅުނު ކަމަށް ބުނެ އެވެ.
ނަމަވެސް އެ މައްސަލާގައި ދައުވާ ކުރެވެން ނެތް ކަމަށް ނިންމައި، ހަމަ އެ ދުވަހުގެ ވަގުތެއްގައި ޕީޖީން އަނބުރާ މައްސަލަ ފުލުހުންނަށް ފޮނުވާލާފައިވާ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
"އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރެވޭ ވަރަށް ހެއްކާއި ގަރީނާ ނެތަތީ، އެ މައްސަލަ 10 މެއި 2017 ގައި އަނބުރާ ފުލުހުންނަށް ފޮނުވާފައިވާ ކަމަށް، ޕީޖީން ގާސިމްގެ ވަކީލުންނަށް، ލިޔުމުން މައުލޫމާތު ދެއްވާފައިވެ އެވެ،" ވަކީލުންގެ ބަޔާނުގައިވެ އެވެ.
ވަކީލުން ބުނީ ބުދަދުވަހުގެ ޝަރީއަތުގެ މަޖިލިހުގައި، ފުލުހުން ކަނޑައެޅިގެން ދޮގު ހަދާފައިވުމަކީ، ގާސިމް ނުހަނު ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. އަދި ވަކީލުން ބުނީ ގާސިމަށް ކުރި ޝަރުތުތަކަކާއެކު، ބަންދުން ދޫކޮށްލުމަށް ކޯޓުން ކުރި އަމުރު ބިނާ ކުރީ ފުލުހުން ދިން ދޮގު މައުލޫމާތެއްގެ މައްޗަށް ކަން ކަށަވަރުވާ ކަމަށެވެ. ޖަލުގެ ކުޑަ ގޮޅީގައި ގާސިމް ބަންދުކޮށް ތަހުގީގު ހިންގާފައި ވަނީ ސިޔާސީ މަގްސަދެއްގައި ކަމަށް ވެސް ބަޔާނުގައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހަޅަން އުޅުނު ކަމަށް ބުނެ ތިން ދައުވާއެއް އުފުލައި މިހާރު ވެސް ގާސިމްގެ ޝަރީއަތް ކުރިއަށް އެބަދެ އެވެ.
ގާސިމަށް މިހާރު ދައުވާ އުފުލާފައިވާ މައްސަލަ އަކީ މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތް ކަމަށް ފުރަތަމަ ހުށަހެޅި މައްސަލާގައި މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ކުރާ ދައުވާ އެވެ. އެ ދައުވާ ކުރަނީ އިދިކޮޅު ކޯލިޝަންގެ ޖަލްސާއެއްގައި އޭނާ ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ.
އޭނާ އަށް ދައުވާ ކުރަން ފޮނުވި ދެވަނަ މައްސަލަ އަކީ 42 މެމްބަރުންގެ ސޮޔާ އެކު، މަސީހުގެ އިތުބާރު ނެތް ކަމަށް އަލުން ހުށަހަޅަން ތައްޔާރުވަމުންދާއިރު، މެމްބަރުންނަށް ނުފޫޒު ފޯރުވަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ. އެ މައްސަލާގައި ދެ ފަހަރެއްގެ މަތިން ގާސިމްގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ފަހު ޝަރުތުތަކާ އެކު ކޯޓުން އޭނާ ދޫކޮށްލީ މިދިޔަ ބުދަދުވަހު އެވެ.
ގާސިމަށް ކޯޓުން ކުރި ޝަރުތުތައް އުުވާލައިފި
ގާސިމް އަނެއްކާވެސް ހައްޔަރުކޮށްފި
ހައްޔަރު ކުރެވުނީ "އޮޅިގެން"، ދެން ވާނީ ކިހިނެއް؟
ފުލުހުންނާއި ކޯޓުން ގާނޫނާ ހިލާފުވީ އޮޅިގެން: ގާސިމް
ގާސިމް ބަންދުކުރި މައްސަލަ އިސްތިއުނާފަށް ހުށަހަޅައިފި
ރިޝްވަތެއް ނުދެން، ޖަލަށް ލާފާނެތީ ބިރެއްނުގަނޭ:ގާސިމް
ރިޔާޒު ބަންދުގައި ބަހައްޓާފައިވަނީ ގާނޫނީ އަސާސެއް ނެތި
ފައިސަލް ނަސީމްގެ ޕާސްޕޯޓު ވެސް ދޫކޮށްލައިފި
ޖަރުމަން ސަރުކާރުގެ ހުއްދައަކާއެކު ގާސިމް ޖަރުމަނަށް
ގާސިމް ރާއްޖެ ގެންނަން ފުލުހުންގެ އެހީއަށް އެދެނީ