Roadha Mihaaru
ކުޑައިރު އެންމެ ގިނައިން ރޮނީ ޔޫކޭ، ކެނެޑާ ކުދިން: ދިރާސާ

ކުޑައިރު އެންމެ ގިނައިން ރޮނީ އިނގިރޭސި ވިލާތާއި ކެނެޑާ ކުދިން: ދިރާސާ

05 އެޕްރީލް 2017

ދަރިފުޅު ރޮނީ މާ ގިނައިން ކަމަށް ހީކޮށް ހާސް ނުވާށެވެ. އަލަށް އުފަންވާ ތުއްތު ކުދިން ރޯ މިންވަރު ދެނެގަތުމަށް ހެދި ޔުނިވާސަލް ކްރައިން ޗާޓް ދައްކާ ގޮތުން ދުނިޔޭގެ އެހެން ހުރިހާ ގައުމުތަކެއްގެ ތުއްތު ކުދިންނަށް ވުރެ ގިނައިން ރޮނީ އިޓަލީ އާއި އިނގިރޭސި ވިލާތް އަދި ކެނެޑާގެ ކުދިންނެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

ދަރިފުޅު ރޮނީ މާ ގިނައިން ކަމަށް ހީކޮށް ހާސް ނުވާށެވެ. އަލަށް އުފަންވާ ތުއްތު ކުދިން ރޯ މިންވަރު ދެނެގަތުމަށް ހެދި ޔުނިވާސަލް ކްރައިން ޗާޓް ދައްކާ ގޮތުން ދުނިޔޭގެ އެހެން ހުރިހާ ގައުމުތަކެއްގެ ތުއްތު ކުދިންނަށް ވުރެ ގިނައިން ރޮނީ އިޓަލީ އާއި އިނގިރޭސި ވިލާތް އަދި ކެނެޑާގެ ކުދިންނެވެ.

އިނގިރޭސި ވިލާތުގެ ޔުނިވަސިޓީ އޮފް ވާވިކްގެ ސައިންސްވެރިންގެ މި ހޯދުމުން އެނގިފައިވާ އަނެއް ކަމަކީ ކުދިން ރޮއެ މަސަލަސް ނުވެ އުޅުނަސް އެކަން އެހާ ބޮޑު ކަމަކަށް ނަހަދަނީ ޑެންމާކާއި ޖަރުމަނުގެ މައިންބަފައިންކަމެވެ. ސައިންސްވެރިން މިފަހަރުގެ ދިރާސާގައި ވަނީ ތުއްތުކުދިން އުމުރުގެ އެންމެ ފުރަތަމަ ތިން މަސް ތެރޭގައި ރޯ މިންވަރު އަންގައިދޭ ޔުނިވާސަލް ޗާޓެއް ތައްޔާރުކޮށްފަ އެވެ.

މި ޓީމުން ވަނީ ތުއްތު ކުދިން އުފަންވާތާ ފުރަތަމަ 12 ހަފުތާގެ މުއްދަތުގައި 24 ގަޑިއިރު ތެރޭގައި ކޮންމެ ކުއްޖަކުވެސް އެވްރެޖްކޮށް ރޯ މިންވަރު ފާހަގަކޮށްފަ އެވެ. އަދި މި ދިރާސާ، ތަފާތު ސަގާފަތްތައް އެކުލެވޭ އެކި ގައުމުތަކުގައި ކޮށްފައިވެ އެވެ.

ސައިންސްވެރިންނަށް ފާހަގަ ކުރެވުނު ގޮތުގައި ދުވާލަކު ތިން ގަޑިއިރު، މަދުވެގެން ހަފުތާއަކު ތިން ދުވަހު ރޯ ކުދިން އެންމެ ގިނަ އެއް ގައުމަކީ އިނގިރޭސި ވިލާތެވެ. އެ ގައުމުގެ 28 ޕަސެންޓް ކުދިން 1-2 ހަފުތާގައި ގިނައިރުތަކެއްގައި ރޮއެވެ.

ތުއްތުކުދިން ރޯ ރޭޓް މަތި ގައުމުތަކުގެ ދެ ވަނައިގައި ކެނެޑާ އޮތީ 34.1 ޕަސެންޓާ އެކުގަ އެވެ.

ތުއްތުކުދިން އެންމެ ރޯ މިންވަރު އެންމެ ދަށް ކަމަށް ފާޙަގަ ކުރެވިފައިވަނީ ޑެންމާކް ގައެވެ. އެ ގައުމުގައި 3-4 ހަފުތާގައި ވެސް މި ރޭޓް އުޅެނީ 5.5 ޕަސެންޓް ގައެވެ. ޖަރުމަނުގައި 6.7 ޕަސެންޓްގަ އެވެ.

ސައިންސްވެރިންނަށް މި ދިރާސާއިން ހޯދިފައިވާ ގޮތުގައި ތުއްތުކުދިން އުފަންވާތާ ފުރަތަމަ ދެ ހަފުތާ ތެރޭ ދުވާލަކު ދެ ގަޑިއެއްހާއިރު ރޮއެވެ. އެގޮތަށް ރޯ ގަޑި އިތުރު ވަމުން ގޮސް ހަ ހަފުތާ ވާއިރު އެކުދިން އެވްރެޖްކޮށް ރޯ މިންވަރު ހުންނަނީ ދެ ގަޑި 15 މިނިޓްގަ އެވެ. ދެން މަޑުމަޑުން މި ރޭޓް ދަށްވެ ކުދިންގެ އުމުރުން 12 ހަފުތާ ވާއިރު އެއް ގަޑިއިރާ 10 މިނިޓަށް ބަދަލުވެ އެވެ.

ނަމަވެސް ބައެއް ތުއްތުކުދިން 24 ގަޑިއިރަކުން އެންމެ 30 މިނިޓް ރޯއިރު ފަސް ގަޑިއިރު ވަންދެން ރޯ ކުދިން ވެސް މަދުން ނަމަވެސް ތިބެ އެވެ. ރުއިމުގައި އެކި ކުދިން ގެންގުޅޭ އާދަތައް ވަރަށް ތަފާތެވެ.

ޖާނަލް އޮފް ޕިޑިއެޓްރިކްގައި ޝާއިއު ކޮށްފައިވާ މި ރިޕޯޓު ތައްޔާރުކުރުމަށް ބައެއް ސަގާފަތްތަކުގެ ތުއްތުކުދިންގެ ރުއިން މަދުތޯ ވެސް ސައިންސްވެރިން ބަލާފައިވެ އެވެ. އެއީ ދަރިން ބެލުމުގައި ގެންގުޅޭ ގޮތްތަކުން ނުވަތަ އެކުދިންނަށް ވާރުތަވެފައިވާ ކަންތައްތަކެއްގެ ސަބަބުން ތޯ ވެސް ބެލި އެވެ.